ލައިސެންސް ނެތި ހިންގަމުން އައި "ފަޒީސް ހިޖާމާ ތެރަޕީ" ހުއްޓައިލަން އަންގައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ހިޖާމާގެ ޚިދުމަތް ހުއްޓާލުމަށް އެ ތަން ހިންގާ ފަޒީލާ ޢުސްމާނަށް އަންގާފައިވަނީ އެ މިނިސްޓްރީއަށް ލިބެމުންދާ ޝަކުވާތަކަށް ބަލައި، އޭނާއާ ބައްދަލުކޮށް ރަޖިސްޓްރީކޮށްގެން ހިޖާމާގެ ޚިދުމަތް ދިނުމަށް އެންގުމަށްފަހު ކަމަށެވެ.
"ފަޒީސް ހިޖާމާ ތެރަޕީ"ގެ ނަމުގައި ސޯޝަލް މިޑިއާގައި ޞިއްހީ ޚިދުމަތުގެ ގޮތުގައި ކޮށްފައިވާ އިޝަތިހާރުތަކަކީ ވެސް ހެލްތު މިނިސްޓްރީގެ ހުއްދަލިބިގެން މެނުވީ ނުކުރެވޭނެ ކަންކަން ކަމަށްވާތީ އެފަދަ އިޝްތިހާރުތައް ވެސް ނެގުމަށް އެ މިނިސްޓްރީން އަންގާފައިވާ ކަމަށް ބުނެފައިވެއެވެ.
ރަޖިސްޓްރީކޮށް އޮޕަރޭޓިން ލައިސަންސް ލިބެންދެން އެތަނުން ދެމުންދާ ހިޖާމާ ފަރުވާގެ ޚިދުމަތް ހުއްޓާލުމަށް ސަރުކާރުން އަންގައިފިއެވެ.
ބަލިމީހުންގެ މެޑިކަލް ރެކޯޑުތައް އާންމުކުރެވޭނީ އެ ފަދަ ޙާލަތެއްގައި ބަލިމިހާގެ ހުއްދައާއި އެކުގައެވެ. އެހެން ކަމުން، ސޯޝަލް މިޑިއާގައި ބަލިމީހުންގެ މެޑިކަލް ރިޕޯޓްތަކުގެ މަޢުލޫމާތަކީ އެންމެ ރައްކާތެރި އަދި ޞައްޙަ މަޢުލޫމާތުކަން ކަށަވަރު ނުވާތީ އެފަދަ ރިޕޯޓްތައް ވެސް ސޯޝަލް މީޑިއާއިން ނެގުމަށް އަންގާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި ރަޖިސްޓްރީކޮށް އޮޕަރޭޓިން ލައިސަންސް ނުނަގައި އެ ޚިދުމަތް ދެމުން ގެންދާނަމަ ސިއްހީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ މިނިސްޓްރީއަށް ލިބިގެންދާ ބާރުގެ ދަށުން ކަމާގުޅޭ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް ފަޒީލާއަށް އަންގާފައިވާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
ޞިއްޙީ ފަރުވާއެއް ފޯރުކޮށްދިނުމަށް ބޭނުންވާނަމަ ހަމެޖެހިފައިވާ އުސޫލު ގެ ދަށުން ހުށަހަޅުއްވައިގެން އެ ޚިދުމަތަށް ރަޖިސްޓްރީކޮށް އޮޕަރޭޓިން ލައިސަންސް ހޯއްދެވުމަށްފަހުގައި ނޫނީ ހިޖާމާގެ ޚިދުމަތް ނުދިނުމަށް 2019ވަނަ އަހަރު ވެސް ފަޒީލާ އަށް މިނިސްޓްރީން ވަނީ އަންގާފައެވެ.
ރެޖިސްޓްރީނުކޮށް ހިޖާމާއާއި ދިވެހިބޭހުގެ ޚިދުމަތް ދެމުންދާކަން ފާހަގަކުރެވުމާއެކު، އެ ފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަން ހެލްތު މިނިސްޓްރީން އޮތީ އަންގައި އިއުލާން ވެސް ކޮށްފައެވެ.