އިޝްފާން ހީވަނީ ސަވާއާ ހަތަރު ކަޅި ހަަމަކުރަން ނުކެރިފައި އިންހެންނެވެ. އެކަން ސަވާއަށް ވެސް ނަގައިގަނެވުނެވެ. ހަމައެއާއެކު އިޝްފާން އެހެންބުނެލި ގޮތުން އެއީ ކީއްވެކަންވެސް ވެސް ސަވާގެ ސިކުނޑިއަށް ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ. އެއާއެކު އޭނާއަށް ވެސް ލިބުނީ ޝޮކެކެވެ. އެހެންނަމަވެސް އިތުރު ސުވާލެއް އޭނާ އިޝްފާންއަކާ ނުކުރެއެވެ. އިޝްފާން އެހާ ވަރަށް ވެސް އެބުނީ ވަރަށް ހިތްވަރުކޮށްފައިކަން އެނގޭތީއާވެސް އެކުގައެވެ.
މަދީހާގެ ހިތަށްކޮށްފައިވާ އަސަރު ސަވާއަށް ވަޒަންކޮށްލެވުނެވެ. ބައްޕަ ވަގުތު ނުދިނީ ހަމައެކަނި ދަރީންނަކަށް ނޫނެވެ. މަންމައަށް ވެސް ވަގުތެއް ނުދިނެވެ. ޝަކުވާއެއް ނެތި، ވަފާތެރިކަމާއެކު މަންމަ އެ ކުރި އިންތިޒާރަށްވެސް ބައްޕަ ޤަދަރެއް ނުކުރިއެވެ.
*****
ފަތިސްނަމާދަށް އާދަކޮށް ހޭލަން އާދަވެފައިވާ މަދީހާ ނަމާދަށް ތެދުވިއިރު، އިޝްފާންވެސް ހޭލާ އުޅެއެވެ. ސަވާގެ އިތުރުން ޒައިނާވެސް ހޭލާ އުޅޭކަން އޭނާއަށް ޔަޤީންވީ ކޮޓަރި ދިއްލާފައި ހުރުމުންނެވެ.
"ކޮންތާކަށް ތި ދަނީ؟" މަދީހާ އިޝްފާން ކުރެން އަހާލީ ރީތިވެގެން ބޭރަށް ނުކުންނަން ދިޔައީތީއެވެ.
"މިސްކިތަށް…" އިޝްފާން އެހެން ބުނެލާފައި ހިނިތުންވެލިއެވެ. އަދި ނުކުމެ ދޮރު ލައްޕާލިއެވެ. އެ މަންޒަރު ބަަލަން ހުރި މަދީހާގެ ދެލޮލުން އެވަގުތު ފާޅުވީ އުފާވެރިކަމުގެ ކަރުނަކަމެއް ހިތާމަވެރިކަމުގެ ކަރުނަކަމެއްވެސް އޭނާއަކަށް ނޭނގުނެވެ، އިޝްފާންއަށް އައި ހެޔޮ ބަދަލުން އުފާވިއެއްކަމަކު ފަތުޙީގެ ބޭވަފާތެރިކަން އެނގި ހިތުގައި އުފެދުނު ގިލަންވެރިކަންވެސް އޭނާގެ ހިތުގައި އެބަ ވެޔެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައި މަދީހާ ކެތްތެރިކަން އިސްކުރިއެވެ. ފަތުޙީގެ ފަރާތުން އެއްބާރުލުން ނުލިބުނެއްކަމަކު ދަރިންގެ ހައްޤުތައް އަދާކުރިއެވެ. ފިރިމީހާގެ ހައްޤުތަކަށް ރައްކާތެރިވިއެވެ. އެހެންނަމަވެސް، މިއަދު ފަތުޙީ އެވަނީ އޭނާއަށް ބޭވަފާތެރިވެފައެވެ.
ނަމާދުކޮށްލައިގެން ޤުރުއާން ކިޔެވުމަކީ މަދީހާ އާދަކޮށް ކުރާކަމެއް ނަމަވެސް، ބޮލުގައި ރިއްސާފައި ހުރުމުން މާ ގިނައިރު ކިޔަވަން އިނދެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން އޭނާ އެނދުގައި އޮށޯވެލިއެވެ. ރޭގައި ކެއި ބޭސް ކާޑު ސައިޑް ކަބަޑުމަތީގައި އޮތްތަން ފެނި އޭގެން ގުޅައެއް ކާލުމުން ކޮންމެވެސް ވަރަލަށް ލުއިވެ މަދީހާއަށް ނިދިޖެހޭގޮތްވިއެވެ.
ހެނދުނު ސަވާއާ ޒައިނާއާ ދެމީހުން ބަދިގޭގެ ކަންތައް ކޮށް ނިންމާލިއިރު ނުވައެއް ޖަހަނީއެވެ. މޭޒު މައްޗަށް ތަށިތައް އެރުވުމަށްފަހު ޒައިނާ ކޮޓަރިއަށް ވަނީ އެބަ އަންނަން ކަމުގައި ބުނެއެވެ. މަދީހާގެ ކޮޓަރިއަށް ސަވާ ވަތްއިރު އޮތީ ނިދާފައިކަމުން މަންމައަށް ގޮވުމުގެ ޚިޔާލު ދޫކޮށްލާފައި އޭނާ ބޭރަށް ނުކުމެލީ އިޝްފާން ޖޯލީގައި އޮތުމުންނެވެ.
"މަންމަ ނުހޭލާތަ؟" ސަވާ އައިސް ޖޯލީގައި އިށީނުމާއެކު، އިޝްފާން ސުވާލުކޮށްލިއެވެ.
"ހޫމް. އަދިވެސް ނިދިފަ އޮތީ. ފަހުންވެސް ރޮއިފަ ހުރިހެން ހީވަނީ. ހޭލެވެންދެން ބާއްވަން ކަމަށް. އެކަމަކު ދެން މާ ލަސްވަންޏާ ގޮވާނީ." ސަވާ އޭނާގެ ޚިޔާލެއް ފާޅުކޮށްލިއެވެ. އިޝްފާންވެސް އިތުރަށް އެއްޗެއް ނުބުނެއެވެ. އެވަގުތު ސަވާގެ ފޯނަށް މެސެޖެއް އައުމާއެކު، އޭނާ ބަލާލިއެވެ. މެސެންޖާއިން މީހަކު ފޮނުވާފައި ހުރި ފޮޓޯތައް ހުޅުވާލި ސިކުންތު ނޫން އަނެއް ސިކުންތުގައި އޭނާއަށް ނިއްވާލެވުނެވެ. ފޭސްބުކް ހުޅުވާލުމާއެކު، މުޅި ނިއުސް ފީޑުގައިވެސް ވަނީ ހުސް ފަތުޙީގެ ފޮޓޯތަކެވެ. އެންމެފަހުން ސަވާ ފޭސްބުކްވެސް ޑީއެކްޓިވޭޓް ކޮށްލިއެވެ.
"ލަދުން ބޯ ހަލާކުވެއްޖެ." ސަވާއަށް ބުނެވުނެވެ. މާގިނަ އިރެއްނުވެ އޭނާގެ ފޯނު އަނެއްކާވެސް ރިންގުވިއެވެ. ގުޅަނީ ރީހާން އެވެ. ފޯނަށް ބަލަހައްޓައިގެން އިނދެވުނީ ގަތްފައިިވި ލަދެއްގެ ސަބަބުންނެވެ. ރީހާންއަށްވެސް އެ ފޮޓޯތައް ނުފެނި ނުދާނެކަން އޭނާއަށް އެނގޭތީއާވެސް އެކުގައެވެ. ރީހާންއަށް އޭނާ ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ އޭނާ ވިދާނުދާ މީހެއްގެ ދަރިއަކަށް އޭނާ ނުވިނަމައެވެ. ސަވާގެ ދެލޮލަށް ކަރުނަތައް ޖަމާވީ ބޭއިޚްތިޔާރުގައެވެ. ފޯނު ރިންގްވެފައި ކެނޑުނުއިރުވެސް އޭނާއަށް ފޯނު ނެގުމުގެ ހިތްވަރެއް ނުލިބުނެވެ. އެހެން އިންދާ ދެވަނަ ފަހަރަށްވެސް ރީއާން ގުޅައިފިއެވެ. ސަވާއަށް ބަލާލާފައި ފޯނު ނަގާށޭ ބުނަން އުޅެފައިވެސް އިޝްފާން މަޑުޖެހިލިއެވެ. އެހެން ބުންޏެއްކަމަކު ރީހާންއާ ވާހަކަ ދައްކާނެ ހިތްވަރު ސަވާގެ ނުހުންނާނެކަން ވެސް އިޝްފާން އެނގެއެވެ.
"މީހަކަށް މޫނު ދައްކާލަން ނުކެރޭ ދަރަޖައަށް ބައްޕަގެ އަމަލުތައް ހިނގައްޖެ. އެހާ ވިޔާ ނުދާ މީހެއްގެ ދަރިއަކަށް އަހަރެން ނުވިނަމަ." ސަވާއަށް ބުނެވުނެވެ. އެ އަޑު އެ ދިމާލަށް އައި މަދީހާއަށް އިވުމާއެކު، އޭނާގެ ފިޔަވަޅުތައް ވަގުތުން މަޑުޖެހުނެވެ.
"އަހަރެން ކުޑައިރު، ފެނުނު މަންޒަރު އަދިވެސް ދެލޯ ކުރިމަތީގައި ހުންނަ ކަހަލަ. މަންމަގެ ހިތް ހަލާކު ވެދާނެތީ ސިއްރުކުރެވުނީ. އަސްލު އަހަރެން އެއް އިރެއްގައިވެސް މަންމައަކަށް ނަފްރަތެއް ނުކުރަން ކަންނޭނގެ ދޮންތާ… ފަތުޙީ ދެކެ އައިސްފައި ހުންނަ ރުޅި މަންމައަށް ވެސް ބޭލެނީ.." އިޝްފާންގެ އެ ޖުމްލައާއެކު މަދީހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާ ދޮރާ ކައިރިއަށް ޖެހިލާ ރަނގަޅަށް އެ ދެމީހުން ދައްކާ ވާހަކަ އަޑުއަހަން ފެށިއެވެ.
އެ ވާހަކަތައް އަޑު އަހަމުން ދިޔަ ވަރަކަށް މަދީހާގެ ހިތަށް ކުރަމުން ދިޔަ އަސަރު ބޮޑުވަމުން ގޮސް އަނެއްކާވެސް އޭނާއަށް ރޮވޭ ގޮތްވިއެވެ. އިޝްފާންއަށް އެންމެ ބޮޑެތި ބަދަލުތަކެއް އައި ދުވަސްވަރާއި އިޝްފާން ސަވާގާތުގައި އެ ބުނާ ދުވަސްވަރާ އެއްގޮތެވެ. އޭނާ ގޭގައި ނެތް އިރު، ފަތުޙީ އެހެން އަންހެނުން ގެއަށް ވައްދައިގެން އުޅޭނީ ހާދަ ގޮތެއް ނެތީމައެވެ. ފަތުޙީ އަކީ ހާދަ ނުބައި މީހެކެވެ. އޭނާގެ ދަރިފުޅު އޭނާއާ ދުރުވީވެސް ފަތުޙީގެ ސަބަބުންނެވެ. ފެނުނު މަންޒަރު މުޅި ދުނިޔެއަށް ސިއްރުކޮށް އެ ކުޑަ ކުޑަ ސިކުނޑީގައި ރައްކާކުރަން ޖެހުމުގެ ސަބަބުން އެކަމާ ކުރިމަތިލާނެ ގޮތެއް ނޭނގި އެންމެ ފަހުން ޑްރަގްގެ އަވައިގައިވެސް ޖެހުނީއެވެ. މިއީ ހުސް ފަތުޙީގެ ކަންތަކެވެ. ފަތުޙީގެ ކުށެވެ. އެ ދަރިފުޅު ހަމަމަގުން ކައްސާލައިގެން ދިޔުމުގެ ކުރިންވެސް އޭނާ ފަތުޙީއަށް އެތަކެއް އިޝާރާތްތަކެއް ކުރިއެވެ. ޒުވާން ދަރިފުޅު ކަތިމަގަކުން ދިޔަ ނުދިނުމަށްޓަކާ، ދަރިފުޅަށް ވަގުތު ދީ އެ ދަރިފުޅުގެ ހިތުގެ އުދާސްތައް އަޑު އަހަން އެތަކެއް ފަހަރަކު ބުނެވުނެވެ، އެހެންނަމަވެސް، އެއިން އެއްވެސް ކަމެއް ފަތުޙީއަށް މުހިންމު ނުވީއެވެ. ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކާ އާއިލީ ގުޅުމުގެ މުހިންމުކަން ފަތުޙީއަށް ނުވިސްނުނީއެވެ. ނޫނެކެވެ. އެކަމާ ވިސްނަން ފަތުޙީ ބޭނުން ނުވީއެވެ. ފަރުދާގެ ފުރަގަހުގައި ހިނގާފައިވި ކަންތައްތައް އެނގުމުން މަދީހާއަށް އޭނާގެ މެއާ ދިމާލުގައި އަތް އަޅާލެވުނީ މަޑު ރިހުމެއްގެ އަސަރު މޭގައި އުފެދެން ފެށުމުންނެވެ. ނޭވާ އަވަސްވަމުން ދިޔަ ހިނދު ފާރުގެ އެހީ ހޯދާލަން އޭނާއަށް މަޖުބޫރުވިއެވެ. ބޮލަށް އެނބުރުން އަރާހެން ހީވުމާއެކު ބޮލުގައި އަތް އަޅާލައިގެން ހުރެ ސޯފާއާ ދިމާލަށް ހިނގައިގަތް ވަގުތަކީ ޒައިނާ ކޮޓަރިން ނުކުތް ވަގުތެވެ.
"އިޝްފާން މަންމާ…" މަދީހާ ހުރި ގޮތުން ޒައިނާއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ޒައިނާ އެ ދިޔަ ގޮތަށް ގޮސް މަދީހާގެ ގައިގައި ހިފައްޓަމުން ސޯފާއާ ދިމާލަށް ހިނގައިގަތެވެ. އެ އަޑު ބޭރު ޖޯލީގައި ތިބި ސަވާއާ އިޝްފާންގެ ކަންފަތުގައި ޖެހުމާއެކު، އެ ދެމީހުން ވެސް އެކަކު އަނެކަކަށް ބަލާލާފައި އެތެރެއަށް ވަނެވެ.
އިޝްފާންއާ ސަވާ ވެސް ދުވެފައި ގޮސް މަދީހާގެ ގައިގައި ހިފެއްޓިއެވެ. އެއާއެކު ޒައިނާ އޭނާގެ އަތް ދޫކޮށްލިއެވެ. ސަވާއާ އިޝްފާންއާ ދެމީހުންވެގެން މަދީހާ ސޯފާގައި ބޭއްވުމާއެކު، ޒައިނާ އަވަސްވެގަތީ ފެންތައްޓެއް ގެނެސް ދިނުމަށެވެ. އޭނާ ކާގެއަށް ގޮސް ފިނި ފެން ތައްޓެއް ގެނެސް އިޝްފާންއަށް ދިއްކޮށްލިއެވެ. ފެންތަށީގައި ހިފަމުން އިޝްފާން މަދީހާގެ މޫނަށް ފެންފޮދެއް ބުރުވާލިއެވެ.
"މަންމާ… މަންމާ… ފެންފޮދެއް ބޯލަބަލަ." ސަވާ މަދީހާއަށް ގޮވާލިއެވެ.
ސަވާއާއި އިޝްފާންއާ ދެމީހުން މަދީހާ ހަމައަކަށް އަޅުވަން މަސައްކަތްކުރިއިރު ޒައިނާވެސް އެތަނުގައި ހުއްޓެވެ. ދިހަ ވަރަކަށް މިނެޓް ފަހުން މަދީހާއަށް ވާހަކަ ދެއްކޭ ވަރު ވުމާއެކު އޭނާ އިޝްފާންގެ އަތުގައި ހިފައްޓާލިއެވެ.
"މަންމައަށް މާފުކުރޭ…" މަދީހާއަށް ބުނެވުނެވެ.
ކޮން ކަމަކަށް؟" އިޝްފާންއަށް ސަވާއަށް ވެސް އަަވަސް ނަޒަރެއް ދެވުނެވެ.
"މަންމައަކަށް ނޭނގެ ކުޑައިރުއްސުރެ ދަރިފުޅު..... އެކަނި މާއެކަނި ބައްޕަގެ ބާވަފާތެރިކަން ސިއްރުކުރަމުން ދިޔަކަމެއް. އަދި…މަންމަ ހީކުރީ..... ހަޤީގަތުގައިވެސް މަންމައަށް ނަފްރަތު ކުރަނީކަމަށް." މަދީހާ އުނދަގުލުން ވާހަކަ ދެއްކިއެވެ.
"މަންމަ އަހަރެން ގާތުން ނުޖެހޭނެ މާފަށް އެދޭކަށް. ކުށް ކުރީ އެހެން މީހެއް. މާފަށް އެދެން ޖެހޭނީ އެމީހާ.." އިޝްފާން މަދީހާގެ ކަރުނަތައް ފުހެދިނެވެ.
މަދީހާއާއި އިޝްފާންގެ އިތުރުން ސަވާއާ ދެމެދު ދެކެވުނު ވާހަަތައް އަޑު އެހުމުން ވީ ހުރިހާކަމެއް ޒައިނާއަށް ވެސް ސާފުވެއްޖެއެވެ. އަދި އިޝްފާންގެ ބައްޕައަކީ ފަތުޙީކަންވެސް އޭނާއަށް އެނގުނީ އެވަގުތެވެ. ހައިރާންކަމުގައި އޭނާއަށް ހުރެވުނުއިރު، އެ ތިން މީހުންނާ މެދު ވިސްނާލަން ޒައިނާއަށް މަޖުބޫރުވިއެވެ. ބައިންބަފައިން ވަކި ވުމަށްފަހު، އޭނާވެސް އުޅުނީ އެހާ ހިތްދަތި ދިރިއުޅުމެކެވެ. އޭނާ ހީކުރީ މަންމައާއި ބައްޕައެއް ހުންނަ ކޮންމެ މީހަކު އުޅޭނީ އުފަލުން ކަމެވެ. އެކަމަކު އެހެންނެއް ވެސް ނުވިއެވެ. ގިނަ ބަޔަކަށް އާއިިލާގެ މުހިންމުކަން ވިސްނުމެއްކަމަކު، އާއިލާއަކީ ކިހާ މުހިންމު ބައެއްކަން ނުުވިސްނޭ މަދު ބަޔަކުވެސް ވެސް އެބަ އުޅޭތާއެވެ. އޭނާ ނިހާދާ އެކީ އުޅުނުނަމަ ވާނީ މިހެން ހެއްޔެވެ؟ ދަރިއެއް ލިބޭ ދުވަހަކު އޭނާގެ ދަރިއަކަށްވެސް ބައްޕަގެ ލޯބި ނުލިބުނީހެވެ. އޭގެ އިތުރުން ނިހާދުގެ އަނިޔާއާ ވެސް އެ ދަރިފުޅު ކުރިމަތިލާން ޖެހުނީސް ކަންނޭނގެއެވެ. ޒައިނާއަށް، ﷲ އަށް ހިތާ ހިތުން ޝުކުރު އަދާކުރެވުނެވެ. އެ އަނިޔާވެރިޔާގެ ކިބައިން އޭނާ ސަލާމަތްކޮށްދެއްވި ކަމަށް ޓަކައެވެ.
*****
އެގޮތުގައި ތިން ދުވަސް ފާއިތުވެގެން ދިޔައިރުވެސް ސަވާ ރީއާންއާ ވާހަކައެއް ނުދައްކައެވެ. އިޝްފާން އަށް ގުޅުމުން ވެސް އޭނާ ވާގަކަ ދެއްކުމުން މަނާވެގަންނަނީއެވެ.
ރޭގަނޑު އަށެއް ޖަހަންނީއެވެ. ސަވާ ބޭރު ޖޯއްޔަށް ނުކުތްއިރު، އިޝްފާން އިނީ ފޯނެއްގައެވެ. އޭނާ ފެނުމާއެކު، ރީހާންއާ ބުނެލުމަށްފަހު، އިޝްފާން ފޯނު ދިނެވެ.
"ވާހަކަ ދައްކަބަލަ. " އިޝްފާން، އެހެން ބުނެލާފައި ގޮސް ގޭތެރެއަށް ވަނެވެ.
"ހެލޯ… ސަވާ! ކީއްވެ ފޯނު ނުނަގަނީ؟" ރީހާންގެ އަޑުގައިވަނީ ހާސްކަމެވެ.
"އަހަންނާ ގުޅުން ކަނޑާލަން ބޭނުންވަނީތަ؟" ސަވާގެ ހިމޭންކަމުން އުނދަގޫވެ ހުރެ ރީހާން އަނެއްކާވެސް ސުވާލުކޮށްލިއެވެ. "ސަވާ…."
"އުހުމް…" ސަވާ ހަމައެކަނި ބުނެލީ އެހެންނެވެ.
"ކީއްވެ ފޯނު ނުނަގަނީ؟ އަހަރެން ހާސްވާނެ ވަރު ނޭނގޭތަ؟" ޝަކުވާގެ ރާގެއްގައި ރީހާން ބުނެލިއެވެ.
"ސޮރީ.." ސަވާއަށް ބުނެވުނު ހާވެސް އެއްޗަކީ އެއީއެވެ. ރީހާން އޭނާ ދެކެވާ ލޯބީގައި އޭނާއަށް ކޮޅުފައިން ޖެހުނު ކަހަލަ އިޙްސާސްއާއެކު، މޭތެރޭގައި އޮތް ހިތުގައި ރިއްސާލިއެވެ.
"އިޓްސް އޯކޭ ބޭބީ… އާރ ޔޫ އޯކޭ؟" އޯގާތެރި ރާގެއްގައި ރީހާން ސުވާލުކޮށްލިއިރު ވެސް ސަވާގެ ޙާލު އޭނާއަށް އެނގެއެވެ. އެހެންނަމަވެސް ހާސްވެފައި ހުރިވަރުން އަހާލެވުނީއެވެ.
"އައި އެމް ފައިން..." ސަވާ ބުނެލިއެވެ.
"ނޫން. ޔޫ އާރ ނޮޓް. އެހެން ނޫންނަމަ ފޯނު ނުނަގައެއް ނުހުންނާނެ. އެވްރީތިންގްސް ގޮނަ ބީ އޯލް ރައިޓް އިނގޭ… " ރީހާން ބުނެލިއެވެ. "ދެން ބުނެބަލަ. އަހަރެން މަތިން މިސްވޭތަ؟"
"ހޫމް…"ސަވާގެ ޖަވާބުތައް ކުރެވެ.
"އުހުމް ތިވަރަކުން ނުވާނެ. ބުނޭ ލޯބިވެޔޭ…" ރީހާން މަސައްކަތްކުރީ ސަވާގެ ހާސްކަން ދުރުކޮށްދޭށެވެ. އޭނާގެ އެ މަސައްކަތް ކާމިޔާބުވެސް ވިއެވެ. ހަމައަކަށް އެޅި ސަވާ ރީއާންއާ ވާހަކަ ދައްކަން ފެށިއެވެ.
"އަހަންނާ ދުރުދުރުން އުޅެންޏާ ދެން ތި ރަށަށް ގޮސް އިނދެގެން ގެންނާނީ…" ސަމާސާ ރާގެއްގައި ރީއާން ބުނެލި ޖުމްލައިން ސަވާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
ރީހާންގެ ފޯނު ކޯލު ނިންމާލާފައި އޭނާ ގެއަށް ވަތްއިރު މަދީހާ ސޯފާގައި ޓީވީން ޚަބަރު އަޅުވާލައިގެން އިނެވެ. އޭނާވެސް އައިސް މަދީހާގެ އެއްފަރާތުގައި އިށީނދެލާ ފޯނުން ރީހާންއަށް ކުރީގެ ފޮޓޯ އެއް ފޮނުވާލިއެވެ. ވަގުތުން ރީއާންގެ މެސެޖެއްވެސް އަތުވެއްޖެއެއެވެ. އެހެން އިން އިރު އޭނާ އިރު އިރުކޮޅަކާ ޓީވީއަށް ވެސް ނަޒަރެއް ދެއެވެ. އެފަދަ ވަގުތެކެވެ. މަޖިލީހުން މި ދައުރުގައި ކުރި މަސައްކަތްތަކުގެ ރިޕޯޓަކަށް ފަހު، ދެން ކިޔަން ފެށި ޚަބަރަކާއެކު، ސަވާއަށް ފޯނު ބާއްވާލާފައި ޓީވީއަށް ނަޒަރު ހުއްޓާލަން މަޖުބޫރުވިއެވެ.
(ނުނިމޭ)