އިސްރާއީލުން ޣައްޒާގެ ދެކުނުގައި ތިބި ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ އާންމުންގެ ޓެންޓަކަށް ދިން ހަމަލާއެއްގައި 40 މީހުން މަރުވެ، 60 މީހުން ޒަޚަމްވެއްޖެއެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އިން ބުނީ މިއަދު ފަތިހުގެ ވަގުތެއްގައި ދިން އެ ހަމަލާ ޚާން ޔޫނިސްގެ އަލް މަވާސީ ސަރަހައްދުގެ މަދުވެގެން 20 ޓެންޓަށް އަމާޒުވެފައިވާ ކަމަށެވެ.
އިސްރާއީލު ސިފައިން ޚާން ޔޫނިސް އާއި ކައިރީގައި އޮންނަ ރަފަހްއަށް އަރައިގަތް އިރު އެ އައްސޭރިފަށުގެ ސަރަހައްދަކީ "ރައްކާތެރި ސަރަހައްދެއް" ކަމަށް ކަނޑައެޅުމުން އަލް މަވާސީގެ ޓެންޓުތަކުގައި ފަލަސްތީނު އެތައް ބަޔަކު ވަނީ ވަގުތީ ގޮތުން ދިރިއުޅެން ފަށައިފައެވެ.
ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނަކު ވިދާޅުވީ އެ ހަމަލާއަކީ އިސްރާއީލުން މިހާރު ކުރަމުންދާ ހަނގުރާމައިގައި ހިންގި އެންމެ ބޮޑު ގަތުލުއާންމެވެ.
އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ބުނީ އެ ހަމަލާއަކީ ޚާން ޔޫނިސްގައި އިންސާނީ އެހީތެރިކަމުގެ ސަރަހައްދުގެ ތެރޭގައި ޖަހާފައިވާ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރެއްގައި ހަރަކާތްތެރިވަމުން ދިޔަ ހަމާސްގެ ޓެރަރިސްޓުންނަށް ދިން ހަމަލާއެއް ކަމަށެވެ.
އަދި ހަމަލާގެ ކުރިން އާންމުންނަށް ގެއްލުން ލިބުމުގެ ނުރައްކާ ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅި ކަމަށްވެސް އިސްރާއީލުން ބުނެއެވެ.
ނަމަވެސް ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ވަނީ އެ ޖަމާއަތުގެ ހަނގުރާމަވެރިން އެ ސަރަހައްދުގައި ތިބި ކަމަށް އިސްރާއީލުން ބުނާ ބުނުން ދޮގުކޮށްފައެވެ. އަދި އެއީ އިސްރާއީލުން ކުރިއަށްގެންދާ ހުތުރު އަމަލުތައް ފޮރުވުމަށް ދައްކާ ދޮގު ވާހަކަތަކެއް ކަމަށް ހަމާސް އިން ބުނެއެވެ.