އޭއައިގެ ގާބިލުކަމާއެކު އައިފޯން 16 ތައާރަފުކޮށްފި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ގާބިލުކަމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ، އެޕަލް ކުންފުނީގެ އެންމެ ފަހުގެ ސްމާޓްފޯނު ތައާރަފުކޮށްފިއެވެ.

އެޕަލް އިން ކެލިފޯނިއާގެ ކުޕާޓީނޯގައި ހުންނަ އެ ކުންފުނީގެ ހެޑްކުއާޓަރުގައި ބޭއްވި އިވެންޓްގައި އިއުލާންކޮށްފައިވާ ގޮތުގައި އައު އައިފޯން 16 ގައި ބޭނުންކޮށްފައިވަނީ އެއަރޯސްޕޭސް-ގްރޭޑް އެލުމިނިއަމެވެ. މިއީ ވަރަށް ވަރުގަދަ އަދި ލުއި މެޓީރިއަލްއެކެވެ.

މީގެ އިތުރުން ތިމާވެށްޓާ ރައްޓެހި ގޮތަކަށް ފޯނު އުފެއްދުމަށް އެޕަލްއިން ދޭ އަހައްމިއްޔަތުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފޯނުގެ ބޭރު ފަށަލައިގެ 85 އިންސައްތައަކީ ރީސައިކަލްކޮށްފައިވާ ތަކެތި ކަމަށް އެޕަލްއިން ބުނެފައިވެއެވެ.

އައިފޯން 16 ނެރެފައިވަނީ ދެ ސައިޒެއްގައެވެ. އެއީ 6.1 އިންޗީގެ އައިފޯން 16 އަދި 6.7 އިންޗީގެ އައިފޯން 16 ޕްލަސްއެވެ.

އައު އައިފޯނުގައި ހިމެނޭ އެއް މުހިންމު ފީޗާއަކީ ކަސްޓަމައިޒްކުރެވޭ އެކްޝަން ބަޓަންތަކެވެ. މިސާލަކަށް ރޭގަނޑު ފްލޭޝްލައިޓް އަދި ދުވާލު ކަލަންޑަރު ގޮތަށް ބޭނުންކުރެވޭނެ ބަޓަންއެއް ހިމެނެއެވެ. މި ފީޗާގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ބޭނުމަށް އެންމެ އެކަށީގެންވާ ގޮތަށް ފޯނު ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އައިފޯން 16ގައި ހިމެނޭ އަނެއް މުހިންމު ފީޗާއަކީ އައު ''ކެމެރާ ކޮންޓްރޯލް"އެވެ. އެގޮތުން އައިފޯންގެ އެއް ފަރާތުގައި ހުންނަ ޕަވާ ބަޓަންގެ ތިރީގައި ހުންނަ ބަޓަންއަކުން މި ފީޗާ ކޮންޓްރޯލް ކުރެވެއެވެ. އެ ބަޓަންއަށް އެއް ފަހަރު ފިތާލުމުން ކެމެރާ ހުޅުވޭނެއެވެ. އެއަށް ފަހު އެއް ފަހަރަށް ފިތާލުމުން ފޮޓޯ ނެގޭއިރު، ބަޓަންއަށް ފިތައިގެން މަޑުކޮށްލުމުން ވީޑިއޯ ރެކޯޑު ކުރެވޭނެއެވެ.

އައިފޯން 16ގެ ފީޗާތައް --

އައިފޯން 16ގެ ކެމެރާ ސިސްޓަމަށް އިތުރު ބަދަލުތަކެއް ގެނެސްފައިވެއެވެ. މީގެ ތެރޭގައި 48 މެގަޕިކްސެލްގެ މައި ކެމެރާއެއް ހިމެނެއެވެ. މި ކެމެރާއަށް ލޯ ލައިޓް ކޮންޑިޝަންގައިވެސް ރަނގަޅު ފޮޓޯ ނެގޭނެއެވެ. އަދި ޕޯޓްރެއިޓް މޯޑްވެސް އިތުރަށް ރަނގަޅުކޮށްފައިވާ ކަމަށް އެޕަލްއިން ބުނެފައިވެއެވެ.

ހަމައެއާއެކު ފޯނުގެ ބެޓްރީގެ ކެޕޭސިޓީ އިތުރުކޮށްފައިވާ ކަމަށް އެޕަލްއިން ބުނެފައިވެއެވެ. އައިފޯން 16 ގައި ހިމެނޭ ބެޓްރީއަށް އެއް ފުލް ޗާޖުގައި 26 ގަޑިއިރު ވީޑިއޯ ސްޓްރީމް ކުރެވޭނެ ކަމަށް އެޕަލްއިން ބުނެފައިވެއެވެ. އަދި ފާސްޓް ޗާޖިން ފީޗާ ހިމަނާފައިވާތީ، 30 މިނެޓްގެ ތެރޭގައި 50 އިންސައްތައަށް ބެޓްރީ ޗާޖުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އައިފޯން 16 ގައި ހިމެނޭ އައު ޕްރޮސެސަރު ފަރުމާކޮށްފައިވަނީ ބޮޑެތި ޖެނެރޭޓިވް މޮޑެލްތައް ހިންގުމަށް އޮޕްޓިމައިޒްކޮށްގެންނެވެ. އަދި މީގެ ނިއުރަލް އިންޖީނު ދެ ގުނަ ހަލުވިވެފައިވާ ކަމަށް އެޕަލްއިން ބުނެފައިވެއެވެ.

އެޕަލްއިން ބުނާ ގޮތުގައި މި އައު ޕްރޮސެސަރަކީ އައިފޯން 12 ގައި ބޭނުންކޮށްފައިވާ ޕްރޮސެސަރަށްވުރެ 60 އިންސައްތަ ހަލުވި ޕްރޮސެސަރެކެވެ. އަދި މީގެ ސްޕީޑަކީ މަތީ ފަންތީގެ ޑެސްކްޓޮޕް ޕީސީތަކާ ވާދަކުރެވޭ ވަރުގެ އެއްޗެއް ކަމަށްވެސް އެޕަލްއިން ބުނެފައިވެއެވެ.

އައިފޯން 16 ގެ ޖީޕީޔޫއަކީ އައިފޯން 15 ގެ ޖީޕީޔޫއަށްވުރެ 40 އިންސައްތަ ހަލުވި އެއްޗެއް ކަމަށްވެސް އެޕަލްއިން ބުނެފައިވެއެވެ. މި އައު ޖީޕީޔޫގެ ސަބަބުން ގޭމިން ތަޖުރިބާ އިތުރަށް ރަނގަޅުވާނެ ކަމަށް އެޕަލްއިން ބުނެފައިވެއެވެ. އެގޮތުން ފަހުގެ މޮބައިލް ގޭމްތައް ފަސޭހަކަމައެކު ކުޅެވޭނެ ކަމަށާއި، ގްރެފިކްސް ކޮލިޓީ ރަނގަޅުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އައިފޯން 16ގެ ޕްރީއޯޑާ އަގުތައް އެޕަލްއިން މިރޭ އިއުލާންކުރިއެވެ. އައިފޯން 16ގެ އަގު 799 ޑޮލަރުން ފެށޭއިރު، އައިފޯން 16 ޕްލަސްގެ އަގު ފެށެނީ 899 ޑޮލަރުންނެވެ. ސްޓޯރޭޖް ކެޕޭސިޓީ އިތުރުވުމާއެކު އަގުވެސް އިތުރުވާނެއެވެ. ޕްރީއޯޑާ ނަގަން ފެށޭނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ސެޕްޓެމްބަރު 20 ވަނަ ދުވަހު މާކެޓަށް ނެރޭނެއެވެ.

އައިފޯން 16ގެ އެޑްވާންސްޑް ކެމެރާ ސިސްޓަމް، ދިގު މުއްދަތަށް ދެމިހުންނަ ބެޓްރީ، ވަރުގަދަ ޕްރޮސެސަރު އަދި އިތުރުކުރެވިފައިވާ ގޭމިން ކެޕޭބިލިޓީތަކާއެކު، އައިފޯން 16 އަކީ ސްމާޓްފޯން މާކެޓްގައި އެހެން ފޯނުތަކާ ވާދަކުރެވޭނެ ވަރުގަދަ ވަސީލަތަކަށް ވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު