ރާއްޖޭގައި އޭޑީބީގެ މިޝަނެއް އަޅައި، އިތުރަށް ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

ރާއްޖޭގައި އޭޑީބީއާ ރެސިޑެންޓް މިޝަނެއް އެޅުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން: މި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ބައިވެރިވެވަޑައިގެންނެވި -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

ރާއްޖޭގައި އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ރެޒިޑެންޓް މިޝަނެއް އެޅުމާ ގުޅޭ ގޮތުން އެ ބޭންކާއި ފިނޭންސް މިނިސްޓްރީއާ ދެމެދު މަޝްވަރާކޮށްފިއެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަނީ އޭޑީބީގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. ޖަސްޓިން ޑިއޯކްނޯ ސިކެޓްއާ މިއަދު ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ސަރުކާރުގެ މާލީ އިސްލާހުތަކުގެ އިތުރުން އޭޑީބީއާއެކު އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން އޭޑީބީގެ ރެޒިޑެންޓް މިޝަނެއް ރާއްޖޭގައި ގާއިމުކުރުމާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޖަސްޓިން، ރާއްޖެއަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުގައި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެ ބޭންކުގެ އެހީގައި ކުރިއަށްގެންދާ މަސައްކަތްތައް ބައްލަވައިލައްވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އޭޑީބީއަކީ ރާއްޖޭގައި ހިންގާ ވަރަށް ގިނަ މަޝްރޫއުތަކަށް ފަންޑުކުރާ ބޭންކެކެވެ. މީގެ ކުރިން ވެސް އޭޑީބީގެ އެހީތެރިކަމާއެކު ވަރަށް ގިނަ ބޮޑެތި މަޝްރޫއުތައް ނިންމާފައި އެބަހުއްޓެވެ.

comment ކޮމެންޓް