ދިވެހިރާއްޖޭގައި ޑައިލިސިސްގެ ޚިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ ސްޓޭންޑާޑް އާންމުކޮށްފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ، މި ސްޓޭންޑާޑްގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި ޑައިލިސިސްގެ ޚިދުމަތް ފޯރުކޮށްދޭ އެންމެހައި މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާއި، ފަރުވާ ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުން ކަމަށެވެ. އަދި، ރާއްޖޭގެ ހުރިހާ ޑައިލިސިސް މަރުކަޒުތަކެއްގައި ވެސް އެއް ފެންވަރެއްގެ ފަރުވާއެއް ފޯރުކޮށްދޭކަން ކަށަވަރުކުރުން ކަމަށެވެ.
އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ސްޓޭންޑާޑް ތަންފީޒުވުމާ އެކު، ރާއްޖޭގައި ޑައިލިސިސްގެ ޚިދުމަތް ފޯރުކޮށްދޭ އެންމެހައި މަރުކަޒުތަކުން ޚިދުމަތް ދެމުންގެންދަންވާނީ މި ސްޓޭންޑާޑްގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މި ސްޓޭންޑާޑްގައި ހިމެނޭ ޖެނެރަލް ރިކުއަޔަމަންޓްތަކުގެ ތެރޭގައި ހިމެނެނީ:
- ޑައިލިސިސްގެ ޚިދުމަތްދޭ ފެސިލިޓީއެއްގައި ހުންނަންޖެހޭ ޝަރުތުތައް
- ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކަށް ތަބާވުން
- ޕްރޮފެޝަނަލް ސްޓާފުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކާއި އެ މީހުންގެ އަދަދު
- ބަލި މީހުންގެ ހައްގުތަކާއި އެ މީހުންނަށް ބައްޔާ ގުޅޭ ފުރިހަމަ މައުލޫމާތު ދިނުން
- ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބަލި މީހުންގެ ފީޑްބެކް ހޯދުން
- ހުރިހާ ލިޔެކިޔުމަކާއި ރިކޯޑުތައް ރަނގަޅަށް ބެލެހެއްޓުން
- ފަރުވާދިނުމަށް ބޭނުންކުރާ ސާމާނުތައް ބެލެހެއްޓުމާ ގުޅޭ ޝަރުތުތައް
- ފަރުވާ ފެންވަރު ރަނގަޅުކުރުމަށް ގަވާއިދުތަކާއި ސިޔާސަތުތައް އެކުލަވައިލުން
ޑައިލިސިސްގެ ޚިދުމަތްދޭ ތަންތަން ހުންނަންވާނެ މިންގަނޑު ތަފުސީލުކޮށް ބަޔާންކޮށްފައިވާއިރު، ހޮސްޕިޓަލްތަކުގެ ޑައިލިސިސް ޔުނިޓެއްގައްޔާއި ވަކިން ހިންގާ ޑައިލިސިސް ޔުނިޓެއްގައި ވެސް ފުރިހަމަވާންޖެހޭ ޝަރުތުތައް ވެސް ބަޔާންކޮށްފައިވެއެވެ.
ޑައިލިސިސް ޔުނިޓެއްގައި ހުންނަންޖެހޭ ތަންތަން:
- ރިސެޕްޝަން
- ވެއިޓިން އޭރިއާ
- ޑައިލިސިސް ބޭ
- އައިސޮލޭޝަން ރޫމް
- ނާސިން ސްޓޭޝަން
- ކޮންސަލްޓޭޝަން ރޫމްތައް
- ސަޕޯޓް ސާވިސް އޭރިއާ
- ގުދަން
ޑައިލީސިސް ޚިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ ސްޓޭންޑާޑް މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުގައިވަނީ ޝާއިއުކޮށްފައެވެ.