ޓްރޭޑިއަންގެ ފުރަތަމަ ފިޔަވަހި: ކަސްޓަމްސްއާއި އެމްޕީއެލްގެ ޚިދުމަތްތަކެއް ލިބޭނެ

"ޓްރޭޑިއަން" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: އިކޮނޮމިކް މިނިސްޓްރީން ބުނީ ޓްރޭޑިއަން އިން ފުރަތަމަ ކަސްޓަމްސް އަދި އެމްޕީއެލްގެ ގިނަ ޚިދުމަތްތަކެއް ލިބޭނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ވިޔަފާރިވެރިންނާއި ޚިދުމަތްދޭ އިދާރާތައް ގުޅުވައިދޭ ޕްލެޓްފޯމު "ޓްރޭޑިއަން"ގެ ފުރަތަމަ ފިޔަވަހީގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ގިނަ ޚިދުމަތްތަކެއް ހިމެނޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ނެޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" އިފުތިތާހުކޮށްފައި ވަނީ މި މަހުގެ ތިންވަނަ ދުވަހުއެވެ.

ޓްރޭޑިއަންއަކީ ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު، އެއް ޕްލެޓްފޯމަކުން ޚިދުމަތްތައް ހޯދޭގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމެކެވެ. މިއީ އިކޮނޮމިކް މިނިސްޓްރީއާއި ޓްރޭޑް ނެޓް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ ޓްރޭޑިއަންގެ ފުރަތަމަ ފިޔަވަހީގައި ދޭނެ ޚިދުމަތްތަކާއި، އެ ޚިދުމަތްތައް ދޭނެ ވުޒާރާތަކާއި އިދާރާތައް ހާމަކޮށްފައެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގައި ދޭނެ ޚިދުމަތްތަކަކީ:

  • ޓްރޭޑްނެޓް މޯލްޑިވްސް ކޮޕަރޭޝަން - ސިސްޓަމް އޮޕަރޭޓުކުރުން
  • މޯލްޑިވްސް ކަސްޓަމް ސާވިސް - އުޅަނދު ރަޖިސްޓްރީ ކުރުމާއި، އުޅަނދު ޑިކްލަރޭޝަން އަދި އުޅަނދުތައް އަންނާނެކަމަށް އަންދާޒާކުރެވޭ ވަގުތު (އީޓީއޭ) ބެލެހެއްޓުން
  • ޑިފެންސް މިނިސްޓްރީ - ކެމިކަލް އިމްޕޯޓް ކުރުމުގެ ހުއްދަ ދޫކުރުން، އަލިފާން ނިއްވާ ތަކެތި އަދި މުދާ އިމްޕޯޓް ކުރުމުގެ ހުއްދަ ދޫކުރުން
  • އިކޮނޮމިކް މިނިސްޓްރީ - ބަނގުރަލާއި އޫރު މަސް އެތެރެކުރުމުގެ ހުއްދަ ދޫކުރުން
  • އިންފްރާސްޓްރަކްޗާ މިނިސްޓްރީ - ކޮންސްޓްރަކްޝަން މެޓީރިއަލް އިމްޕޯޓް ކުރުމުގެ ހުއްދަ ދޫކުރުން
  • މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) - އުޅަނދު ރަޖިސްޓްރީ ކުރުމާއި، އުޅަނދު ޑިކްލަރޭޝަން އަދި އުޅަނދުތައް އަންނާނެކަމަށް އަންދާޒާކުރެވޭ ވަގުތު (އީޓީއޭ) ބެލެހެއްޓުން, މުދާ އުފުލުން، ގޭޓުތައް ބެލެހެއްޓުން
  • ޓޫރިޒަމް މިނިސްޓްރީ - ޑިއުޓީ ލުއިކޮށްދިނުން
  • ޓްރާންސްޕޯޓް މިނިސްޓްރީ - އުޅަނދު ރަޖިސްޓްރީ ކުރުމާއި، އުޅަނދު ޑިކްލަރޭޝަން އަދި އުޅަނދުތައް އަންނާނެކަމަށް އަންދާޒާކުރެވޭ ވަގުތު (އީޓީއޭ) ބެލެހެއްޓުން
  • އިމިގްރޭޝަން - އުޅަނދު ޑިކްލަރޭޝަން
  • ޕޯޓް ހެލްތު - އުޅަނދު ޑިކްލަރޭޝަން
  • އެމްއެންޑީއެފް - އުޅަނދު ޑިކްލަރޭޝަން
  • ޕްރައިވެޓް ސެކްޓާ - އިލެކްޓްރޯނިކް ޑެލިވަރީ އޯޑަރު (އީޑީއޯ)

މި ސިސްޓަމް ރަސްމީކޮށް ބޭނުންކުރަން ފަށާނީ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ސިސްޓަމްގެ މަސައްކަތް ކޮށްފައިވަނީ އޭޝިއަން ޑިވެލޮޕްމަންޓު ބޭންކު (އޭޑީބީ)ގެ އެހީތެރިކަމާއެކުއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މި ސިސްޓަމްގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މިދިޔަ މަހުގެ ފަހުކޮޅު ވަނީ ފަށާފައެވެ. އެގޮތުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުމުގެ ކުރިން އެ މަސައްކަތް ވެސް ނިންމާލެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެއާއެކު، ސަރުކާރުގެ 19 އިދާރާއެއްގެ ޚިދުމަތްތައް ޓްރޭޑިއަންއިން ލިބޭނެކަން މިނިސްޓްރީން ފާހަގަކުރިއެވެ.

comment ކޮމެންޓް