އިންޑިއާގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯންއަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ.
ބޮލީވުޑްގެ އެންމެ އަގުބޮޑު ބަތަލާއިންގެތެރޭ ހިމެނޭ ދީޕިކާ ވިހާފައިވަނީ މިއަދުގެ ވަގުތެއްގައި މުމްބާއީގެ ރިލަޔަންސް ފައުންޑޭޝަން ހޮސްޕިޓަލުގައެވެ.
ބައެއް މީޑިއާ ރިޕޯޓުތަކުން ބަތަލާ ވިހާނީ ލަންޑަނުގައި ކަމަށް ބުނި ނަމަވެސް އިއްޔެގެ ވަގުތެއްގައި ދީޕިކާ ރިލަޔަންސް ފައުންޑޭޝަން ހޮސްޕިޓަލުގައި އެނދުމަތި ކުރިކަން އިންޑިއާގެ މީޑީއާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
އިންޑިއާގެ ހިންދީ ސިނަމާގެ އެންމެ މަގުބޫލު ދެމަފިރިން ކަމަށްވާ ދީޕިކާ އާއި ރަންވީރުއަށް އަލަތު ދަރިފުޅަކު ލިބޭކަން އިއުލާނުކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ. ބަތަލާ ބަލިވެއިން ޚަބަރާ އެކު އާއްމުންގެ ގިނަ ބަޔަކު ބުނެފައި ވަނީ މިއީ ސަރޮގެންސީ މެދުވެރިކޮށް ދެ ތަރިން ހޯދާ ކުއްޖެއް ކަމަށާއި ބަތަލާ ބަލިވެއިން ޚަބަރަކީ ދޮގު ޚަބަރެއް ކަމަށެވެ. އެހެންނަމަވެސް ފާޑުކިޔުންތެރިންގެ ފާޑުކިޔުންތަކަށް ނިމުމެއް ގެނެސްދިނީ މިދިޔަ ހަފުތާގައި ދެ ތަރިން އެކީގައި އާއްމުކުރި ލޯބި މެޓާނިޓީ ފޮޓޯ ޝޫޓްއިންނެވެ.
ދީޕިކާ އާއި ރަންބީރުގެ އާއިލާއަށް އިތުރުވި ތުއްތު މެމްބަރާ އެކު ދެ ތަރިންނަށް ވެސް މަރުހަބާގެ މެސެޖުތައް އޮހެމުން އަންނައިރު މިއީ ދެ ތަރިންގެ އާއިލާއަށް ވެސް ނުހަނު ބޮޑު އުފަލެއް ގެނެސްދިން ދުވަހަކަށް ވަނީ ވެފައެވެ.
ބޮލީވުޑްގެ ރިޕޯޓުތައް ބުނާގޮތުން އަލަތު ދަރިފުޅާ އެކު ދެ ތަރިން ދިރިއުޅެން ނިންމާފައި ވަނީ ދާދިފަހުން މުމްބާއީގެ ބަންޑްރާ ސަރަހައްދުން ގަނެފައިވާ އާ ގޭގައެވެ. މި ގެ އަކީ މަޝްހޫރު ފިލްމީ ތަރި ޝާހްރުކް ޚާން ދިރިއުޅޭ ގެއާއި ދާދި ކައިރީގައި ހުންނަ ގެއެކެވެ.
ރާއްޖޭގައި ހޭދަކުރި ޗުއްޓީ ދަތުރެއްގައި ކައިވެންޏަށް އެހުމަށްފަހު ރަންވީރާއި ދީޕިކާގެ ކައިވެނި ކުރީ ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަ އަހަރު ފަހުން 2018ވަނަ އަހަރު އިޓަލީގައެވެ.