ބަލިޖެހިފައިވާ ޖަނަވާރެއް ކިބައިން ނޫން ގޮތަކަށް ދޫނި ރޯގާ ޖެހިފައިވާ މީހަކު ފެނިއްޖެ

ފިހާރަތަކުގައި ހުންނަ ކިރުގެ ބާވްތަކުގައި ދޫނި ރޯގާގެ އަސަރު ހުރިތޯ ބޮސްޓަންގެ ލެބެއްގައި ޓެސްޓް ކުރަނީ. ފޮޓޯ/ޖެޓީ އިމޭޖަސް

ބަލިޖެހިފައިވާ ޖަނަވާރެއްގެ ކިބައިން ނޫން ގޮތަކަށް ދޫނި ރޯގާ ޖެހިފައިވާ މީހަކު އެމެރިކާއިން ފެނިއްޖެއެވެ.

މިސޫރީ ސްޓޭޓުން ފެނުނު އެ ބަލިމީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު، ބަލިން މިހާރު ރަނގަޅުވެފައިވާ ކަމަށް ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެއެވެ.

މިއީ މި އަހަރުގެ މިހާތަނަށް އެމެރިކާގައި ފެނުނު ދޫނިރޯގާގެ 14 ވަނަ ކޭސްއެވެ. ނަމަވެސް މިއީ ބަލިޖެހިފައިވާ ޖަނަވާރަކަށް ހުށަހެޅިފައިނުވާ މީހަކަށް އެ ބަލި ޖެހުނު ފުރަތަމަ ފަހަރެވެ.

ސީޑީސީން ބުނީ، އެ މީހުންގެ މިހާރުގެ ހިސާބުތަކަށް ބަލާއިރު، ބަލީގެ ސަބަބުން އާންމު ރައްޔިތުންނަށް މާބޮޑު ނުރައްކަލެއް ނެތެވެ.

މިސޫރީ ކޭސް ފެނިފައިވަނީ ރޫޓިން ފްލޫ ސީޒަން ސާވޭލަންސް މެދުވެރިކޮށެވެ.

އެމެރިކާގެ ގެރިތަކަށް ދޫނި ރޯގާ ޖެހޭ މިންވަރު މިއަހަރު ވަނީ އިތުރުވެފައެވެ. ދޫނި ރޯގާ އެންމެ ފުރަތަމަ ފެތުރިފައިވަނީ މާޗް މަހު ކަމަށާއި، ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް 14 ސްޓޭޓެއްގެ ދޫނިތަކަށް އެ ބަލި ޖެހިފައިވާ ކަމަށް ސީޑީސީން ބުނެއެވެ.

އިންސާނަކަށް ދޫނި ރޯގާ ޖެހިފައިވާކަން އެންމެ ފުރަތަމަ ދެނެގަނެވިފައި ވަނީ މި އަހަރުގެ މާޗް މަހު އެމެރިކާއިންނެވެ. އޭރު ބަލި ފެނުނީ ބަލި ޖެހިފައިވާ ގެރިތަކަކާ ކައިރީގައި އުޅުނު މީހަކަށެވެ.

ދޫނި ރޯގާ އެންމެ ފުރަތަމަ ފެނުނީ 1990 ގެ އަހަރުތަކުގައި ޗައިނާއިންނެވެ. އޭގެ ފަހުން އެންޓާޓިކާ ހިމެނޭ ގޮތަށް ދުނިޔޭގެ ހުރިހާ ބައްރަކަށް ވެސް އެ ބަލި ފެތުރިފައިވެއެވެ.

ދޫނި ރޯގާއަކީ ދޫނިތަކާއި އިންސާނުންގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. މިއީ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. މި ބަލީގެ ޖަރާސީމު، ބަލިޖެހިފައިވާ ދޫނީގެ ނަޖިހުގަޔާއި ނޭވާލާ ނިޒާމުގައި ހުންނަ ދަވައިގަޔާއި ލޭގައި ހުރެއެވެ.

ދޫނި ރޯގާގެ ވައިރަސް ދޫނިތަކުގެ މެދުގައި ފެތުރެނީ ތަންތަނުން ގެންނަ ދޫނިތަކާއި ގައުމުތަކުގެ ސަރަހައްދު ހުރަސްކޮށް އެއްގައުމުން އަނެއް ގައުމަށް ހިޖުރަކުރާ ދޫނިތައް އެހެން ދޫނިތަކާ ގައިގޯޅިވުމުގެ ސަބަބުންނެވެ. އިންސާނުންގެ ކެއުމަށް ބޭނުންކުރާ ކުކުޅު ހާލާއި ޓާކީ އާއި އަސްދޫނި ފަދަ ދޫނިތަކަކީ އެންމެ ފަސޭހައިން ދޫނި ރޯގާގެ ވައިރަސް ޖެހޭ ދޫނިތަކެވެ.

comment ކޮމެންޓް