ޔޫއެސް އޯޕަންގެ ފައިނަލުން ސިނާ އާއި ފްރިޓްޒް ޖާގަ ހޯދައިފި

އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ފައިނަލުން މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ އާއި ބާރަވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޭލާ ފްރިޓްޒް ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލުން ސިނާ ޖާގަހޯދާފައިވަނީ ސެމީފައިނަލްގައި 25 ވަނައަށް ސީޑު ކުރެވިފައިވާ އިނގިރޭސިވިލާތުގެ ޖެކް ޑްރެޕާ އާއި ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ދެ ސެޓު ދިޔައީ ވަރަށް ވާދަވެރި ކޮށެވެ. މިގޮތުން ފުރަތަމަ ސެޓު ހަތެއް ފަހަކުން ސިނާ ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އޭނާއަށް ކާމިޔާބު ކުރެވުނީ ޓައި ބްރޭކަކަށް ގޮސްގެންނެވެ.

މިގޮތުން ޓައި ބްރޭކްގައި ސިނާ ކުރި ހޯދީ ހަތެއް ތިނަކުންނެވެ. މިހާސިސާބުން ޑްރެޕާއަށް ކޮންމެވެސް ވަރަކަށް އުނދަގޫތަކެއް ދިމާވެގެން ދިޔަތަން ފެނިގެންދިޔައެވެ.

އަދި އެއާއެކު ތިން ވަނަ ސެޓުގައި ޑްރެޕާގެ ފަރާތުން ފުރަތަމަ ދެ ސެޓުގައި ފެނިގެންދިޔަ ވަރުގަދަ ކުޅުން ފެނިގެނެއް ނުދިޔައެވެ. ނަތީޖާ އަކަށް ވެގެންދިޔައީ ހައެއް ދެއަކުން ސިނާ ތިން ވަނަ ސެޓު ކާމިޔާބުކޮށް ފައިނަލްގެ ޖާގައެއް ކަށަވަރު ކުރުމެވެ.

މިއީ މި ސީޒަންގައި ސިނާ ފައިނަލުން ޖާގަހޯދި ގްރޭން ސްލޭމްގެ ދެވަނަ މުބާރާތެވެ. އޭނާވަނީ އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ވެސް ކާމިޔާބު ކޮށްފައެވެ.

މިމުބާރާތުގެ ފައިނަލްގައި ސިނާ ބައްދަލުކުރާނީ އެމެރިކާގެ ފްރިޓްޒް އާއެވެ. ފްރިޓްޒް މިމުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގައި ވިހި ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ފްރަންސެސް ޓިއަފޯ އާއި ބައްދަލުކުރި މެޗު ތިން ސެޓު ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓު ހަތަރެއް ހަޔަކުން ކާމިޔާބު ކޮށްފައިވަނީ ޓިއަފޯއެވެ.

ނަމަވެސް ފްރިޓްޒްވަނީ ދެވަނަ ސެޓު ހަތެއް ފަހަކުން ކާމިޔާބުކޮށް އެއްވަރުކޮށްފައެވެ. މި މެޗުގެ ތިންވަނަ ސެޓު ޓިއަފޯ ކާމިޔާބުކުރީ ހަތަރެއް ހަޔަކުންނެވެ. މި މެޗުގެ ހަތަރު ވަނަ ސެޓާއި ފަސްވަނަ ސެޓު ފްރިޓްޒް ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރެއް އަދި ހައެއް އެކަކުންނެވެ.

މިކާމިޔާބީއާއެކު ފްރިޓްޒް ވެފައިވަނީ ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ގްރޭން ސްލޭމް މުބާރާތެއްގެ ފައިނަލުން ޖާގަ ހޯދީ އެމެރިކާގެ ފުރަތަމަ ފިރިހެން ކުޅުންތެރިޔާއެވެ.

އެންމެ ފަހުން ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބުކުރި އެމެރިކާގެ ފިރިހެން ކުޅުންތެރިޔަކީ އެންޑީ ރޮޑިކްއެވެ. އޭނާ ކާމިޔާބު ކޮށްފައިވަނީ 2003 ވަނަ އަހަރުގެ ޔޫއެސް އޯޕަންއެވެ.

ސިނާ އާއި ފްރިޓްޒް ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު