ބާރުބާރަށް ދެއަތް ހޫރަމުން، ޔަލްވީ ކުރިޔަށްދިޔައިރު، އެމަންޒަރު ބަލަން ރަޔާންއަށް ހުރެވުނީ ކަޅި ޖަހާވެސް ނުލައެވެ. ޔަލްވީގެ ހުންނަނީ ކުޑަކުއްޖެއްގެ އުޅުމެވެ. ރަޔާންއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އެގަދަ ކަނޑުގައި ރަޔާނަށް ކުރިއެރުމެއް ލިބިދާނެ ހެއްޔެވެ؟

********

"އައި ހޭޓް ޔޫ..." ރަޔާނަށް ބަލައިލަމުން ޔަލްވީ ލޯ އަޅައިލިއެވެ.

ހުރިހާ ކަމެއްވެސް ގޯހުން ގޯހަށް ދަނީ ރަޔާންގެ ސަބަބުންނެވެ. ކާރުގައި ދެވެން އޮއްވާ ރަޔާން އެގޮތް ހިޔާރުކުރީ ޔަލްވީއަށް ލަނޑުދޭން ނޫން އިތުރު ކޮންކަމަކަށް ހެއްޔެވެ؟ ގެޔަށް ދެވުނުހާ އަވަހަށް ރަޔާންގެ ކިބައިން ބަދަލު ހިފުމަށް ޔަލްވީ ނިންމިއެވެ.

ރަޔާން ޔަލްވީގެ ފަހަތުން މަޑު ހިނގުމެއްގައި ކުރިއަށް ދިޔައެވެ. ވަޔާއިއެކު ޔަލްވީގެ ފަން އިސްތަށިގަނޑު ވިހުރިލާއިރު، ކަނދުރާއިން ބޮޑުބައެއް ހާމަވެގެން ދެއެވެ. ހަނދުވަރުގެ ރިހި އަލީގައި އެމަންޒަރު ފެންނަލެއް ހިތްގައިމެވެ. ފުރަގަހުން ޔަލްވީ ފެންނައިރު އޭނާގެ ބައްޓަމާއި އިސްކޮޅުން އަންހެންވަންތަކަން އިތުރުކުރުވާފައިވިއެވެ. ދެރައީ އެހަށިގަނޑުގެ ވަނާތައް އެންމެންގެ ކުރިމަތީގައި ހާމަކުރަން ޔަލްވީ ފަސްނުޖެހޭތީއެވެ. އިސްލާމްދީނުގެ ރިވެތި ފޭރާމުން ނިވާވާން ޔަލްވީގެ ހިތަށް ނާރާތީއެވެ.

ރަޔާން އޭނާ ލައިގެން ހުރި ކޯޓުގެ ޖީބުގައި އަތް ޖައްސައިލިއެވެ. އަފްސަމް ދިން ފިނިފެންމާ ޖީބުގައި އޮތެވެ. އެ މާ ޔަލްވީގެ އިސްތަށިގަނޑުގައި ހަރުކޮށްލާ މަންޒަރު ރަޔާންގެ ހިތަށް ސިފަކުރެވުނެވެ. ޔަލްވީގެ ހިނިތުންވުންވެސް ސިފަވިއެވެ. އެވަގުތު ހިތަށް އެރި އެއްޗަކުން، ރަޔާން އަވަސް އަވަހަށް އަތް ތިރިކޮށްލިއެވެ.

ގެއާއި ހަމައަށް ދެވުނުއިރު ޔަލްވީ ހުރީ ދާހިއްލާ ފޯވެފައެވެ. އަތުގައި އޮތް ފައިވާން ހިފާއްޓާލާނެ ހިތްވަރުވެސް އޭނާގެ ގައިގައި ނެތެވެ. ޔަލްވީމެންގެ އިންތިޒާރުގައި ރަޒީނާ ހުރީ ގޭގެ ބޭރުގައި މަޑުކޮށްލައިގެންނެވެ.

"ދަރިފުޅާ! ކިހިނެތް ވެފަ ތިހުރީ؟" ޔަލްވީ ހުރިގޮތް ފެނުމުން، ރަޒީނާ އަވަސް އަވަހަށް ޔަލްވީގެ ކައިރިއަށް ދިޔައެވެ. "ކީއްވެ ފައިވާނަށް ނާރާ؟..."

ޔަލްވީ ދެލޯ ހަނިކޮށްލަމުން ރަޔާނަށް ބަލައިލިއެވެ. ހުރިހާ ކަމެއްވެސް ވީ ރަޔާންގެ ސަބަބުންނެވެ. ކާރުގައި ގެއަށް ދާން ޖެހުނުނަމަ، އެކަން އެގޮތަށް ނުވީހެވެ. ޔަލްވީއަށް ބަލައިލުމުން، ރަޔާން އަވަހަށް ރަޒީނާއަށް ނަޒަރު ހުއްޓައިލިއެވެ. ޔަލްވީ ވެއްޓިފައި އޮތް މަންޒަރު ސިފަކޮށްލެވުމުން، ރަޔާންގެ ކައިރިއަށް ހިނި އަންނަން އުޅުނެވެ.

"މުޅި ހެދުންވެސް މިއޮތީ އެކަށް ހަޑިވެފައެއްނު. ފައިވާން ހަލާކުވީތަ؟" ޔަލްވީގެ ހެދުމުގައިވާ ހިރަފުސްތައް ފޮޅައިލަމުން ރަޒީނާ ސުވާލުކުރިއެވެ.

ޔަލްވީ ޖަވާބެއް ނުދެއެވެ. ރުޅި ގަދަވެގެންގޮސް އެއްޗެއް ބުނެވޭނެނަމަ، އޭނާ ރަޒީނާއަށް އެއްޗެހި ގޮވައިލީހެވެ. އެއްކޮޅުން ކައިވެނީގެ ފުރަތަމަ ދުވަހު ޔަލްވީއަށް ޖެއްސި ހާލެވެ. އަނެއްކޮޅުން ދެރަގޮތްވުމުން، ޔަލްވީއަށް މަލާމާތްވެސް ކުރަނީއެވެ. އަރާމުގައި ގެއަށް އައި މީހަކަށް ޔަލްވީ ތަހަންމަލް ކުރި ވޭން އިހުސާސެއް ނުކުރެވޭނެއެވެ. ޔަލްވީ ހުރިހާ ވާހަކައެއް ދެއްކީ ހިތާއިހިތުންނެވެ. ދުލުން އެއްޗެއް ބުނެވޭ ވަރަށްވުރެ އޭނާ ހުރީ ވަރުބަލިވެފައެވެ.

"ދަރިފުޅު ކައިރީ އޭރުވެސް ބުނީމެއްނު ޔަލްވީ ގޮވައިގެން ކާރުގަ އަންނާށޭ" ރަޔާނާއި ދިމާއަށް އެނބުރިފައި ރަޒީނާ ޝަކުވާ ކުރިއެވެ. "ބަލާބަލަ މިކުއްޖާފުޅަށް ޖެހިފަ ހުރި ހާލު"

"މާ ރަނގަޅު މީހަކަށް ހެދިގެން އުޅޭނެ ކަމެއް ނެތް." ޔަލްވީ ހިތާއިހިތުން ހަޅޭއްލަވައިގަތެވެ. "އަހަރެންގެ ހުރިހާ އުފަލެއް ފޭރިގަނެފަ، އަދި އެބައުޅެއެއްނު މާ އިނޮސެންޓް ވާން"

"މަންމަ އެބަ އަންނަން ފައިވާނެއް ހިފައިގެން" ރަޒީނާ ގޭތެރެއަށް ވަނުމަށް ހިނގައިގަތެވެ.

"މިހާ ދުރަށް އައިއްސަ، ދެން ކީއްކުރަން ފައިވާނަށް އަރަނީ؟ ފެންވަރާލީމަ އޯކޭވާނެ" ރަޒީނާގެ ކޮނޑުގައި ދެއަތުން ހިފަހައްޓާލައިގެން ހުރެ، ގެއަށް ވަނުމަށް ރަޔާން ހިނގައިގަތެވެ.

ޔަލްވީ ހުރީ ގެއަށް ވަންނަންވެސް ފޫހިވެފައެވެ. ރަޔާންވެސް ރަޒީނާއަށް ދޫނުކުރެއެވެ. ދެމީހުންވެސް ބަލަނީ، ދެވެން އޮތްގޮތަކުން ޔަލްވީއަށް ލަނޑުދެވޭތޯއެވެ. މަލާމާތްކުރެވޭތޯއެވެ.

"އެންމެ އެފަރާތަށް އެހުރީ ދަރިފުޅުމެންގެ ކޮޓަރި" ރަޔާންގެ ކޮޓަރި ދައްކައިލަމުން ރަޒީނާ ބުންޏެވެ. "އަވަހަށްދޭ، ގޮސް ފެންވަރާލާ"

"ޔަލްވީގެ ހެދުމަށް ކިހިނެއްތަވެފަ އެހުރީ؟.." ޔަލްވީ ހިނގައިގަތުމުން ރަޒީނާ އެނބުރުނީ ރަޔާނާއި ދިމާއަށެވެ. އޭނާ ރަޔާނަށް ބަލަން ހުރީ، ޔަލްވީއަށް އެހެން ދިމާވުމުން ރަޔާން ކުށްވެރިކުރާފަދަ ނަޒަރަކުންނެވެ.

"އަންނަނިކޮށް ވެއްޓުނީ. އެހެންނެއްނު ވާނީ މާ އުސް އެއްޗެއްސަށް އަރައިގެން އުޅެންޏާ!" ރަޔާން ޖަވާބުދިނެވެ.

ކޮޓަރިއަށް ވަދެވަދެ ހުރި ޔަލްވީ ހުއްޓުނެވެ. ރުޅިގަދަވެގެން ދަތްތަކަށް ބާރުކޮށްލަމުން ރަޔާނަށް ބަލައިލިއެވެ. ރަޔާނަށް ގޯސްވީ ޔަލްވީއެވެ. އުސްފައިވާނުގައި ޔަލްވީ ހިނގަން ޖެހުނީ ރަޔާންގެ ސަބަބުންނެވެ. ޔަލްވީ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ރަޔާންގެ ކުރިމަތީގައި ހުއްޓުނެވެ.

"އަހަރެން ހައި ހީލްއަކަށް އެރީމައެއް ނޫނެއްނު މިހެން މިވީ" ޔަލްވީގެ އަޑު ބާރުކަމުން ރަޒީނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. "މީ އަހަރެން މިހާ ދުރަށް ހިނގަންޖެހުނީމަ ވީގޮތެއް. ކާކުގެ ސަބަބުންތަ އަހަންނަށް ހިނގާފަ އަންނަންޖެހުނީ؟ އަހަންނަކީ މާގިނައިން ހިނގާފަ ތަންތަނަށް ދާ މީހެއް ނޫނޭ"

ޔަލްވީ ގޮސް ކޮޓަރިއަށް ވަންނަންދެން ރަޒީނާއަށް ހުރެވުނީ ކަޅި ޖަހާވެސްނުލައެވެ. ޔަލްވީއަކީ ކޮންކަހަލަ އަންހެންކުއްޖެއް ހެއްޔެވެ؟ ކައިވެނިކޮށްގެން ގެއަށް އައިސް ވަދެވުނު ވަގުތު ހަމަނުޖެހުމެއް ހިނގުމަކީ ރަނގަޅު ކަމެއް ނޫނެވެ. ރަޒީނާ ކަންބޮޑުވިއެވެ. އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. ޔަލްވީއަށް ފުރުސަތު ނުދީ ކާރުގައި އާދެވުނު މޮޔަ ހީވިއެވެ. މަންމަގެ މޫނުމަތީގެ އަސަރުތަކަށް ބަލަން ހުރި ރަޔާންގެ ހިތަށް ތޫނު ކަށިތަކެއް ހަރާލިފަދަ އިހުސާސެއް ކުރެވުނެވެ. ޔަލްވީގެ ފަރާތުން އެފަދަ ކަމެއް ތަކުރާރުވާކަށް ރަޔާން ނޭދެއެވެ.

"އަޅުގަނޑު ޔަލްވީއަށް ނަސޭހަތް ދޭ..." ރަޔާން އެއްޗެއް ބުނަން އުޅުނެވެ.

"ޔަލްވީ މާ ވަރުބަލިވެފަ ހުރީމަ ވީގޮތެކޭ އެއީ" ރަޒީނާ އަވަސް އަވަހަށް ބުނެލިއެވެ. "ދަރިފުޅު އެކަން މާ ބޮޑުކަމަކަށް ނުހަދާތި!.."

ރަޒީނާ ގޮސް ކޮޓަރިއަށް ވަނީ ހިނިތުންވެލައިގެން ހުރެއެވެ. ހަގީގަތުގައި ރަޒީނާ ހުރީ ދެރަވެފައެވެ. ދަރިފުޅު އެންމެ އުފާކުރަންޖެހޭ ވަގުތު އެއުފާވެރިކަން އޭނާގެ ސަބަބުން ގެއްލިގެން ދިޔުމުންނެވެ. ރަޒީނާއަށް ނޭނގުނީ ރަޔާންގެ ކުރިމަތީގައި އޭނާގެ ހިތް ފޮތެއްހެން ނިއުޅިފައިވި ކަމެވެ.

ރަޔާން ހުރީ ކޮޓަރިއަށް ވަންނަން ބޭނުންނުވެފައެވެ. ޔަލްވީދެކެ ރުޅި އައިސްފައި ހުރިވަރުންނެވެ. އެހާ ފާޅުކަން ބޮޑު ގޮތެއްގައި ޔަލްވީ އެކަހަލަ ކަމެއް ކޮށްފާނެކަމަށް ރަޔާން ހިއެއް ނުކުރެއެވެ. ކައިވެނީގެ ފުރަތަމަ ދުވަހުވެސް އޭނާގެ މަންމަގެ ހިތުގައި ކުންޏެއް ޖެހިއްޖެއެވެ.

އިރުކޮޅަކު ވިސްނަން ހުރުމަށްފަހު، ރަޔާން ކޮޓަރި ތަޅުގައި ހިފިއެވެ. ދޮރު ހުރީ އެތެރެއިން ތަޅުލާފައެވެ. ޔަގީންކޮށްލުމުގެ ގޮތުން އޭނާ ދެވަނަ ފަހަރަށްވެސް ތަޅުގައި ހިފިއެވެ. ދޮރު ހުރީ ހަމަ ރަނގަޅަށް ވެސް އެތެރެއިން ތަޅުލާފައެވެ. ރަޔާންގެ ރުޅި އިތުރަށް ގަދަވިއެވެ. ދެތިންފަހަރަކު މަޑުމަޑުން ދޮރުގައި ޓަކި ޖެހިއެވެ. ޔަލްވީގެ ހަބަރެއް ނުވިއެވެ.

"ޔަލްވީ!..." ދެދަތްޕިލަ ޖައްސާ ބާރުކޮށްލަމުން ރަޔާން ޔަލްވީއަށް ގޮވިއެވެ. ރަޒީނާގެ ކޮޓަރިއަށް އަޑު ނީވޭނެހާ މަޑުންނެވެ.

ހެވޭވަރުން އަނގަމަތީ އަތްއަޅާލައިގެން ޔަލްވީ ހުރީ އަޑު ބޭރުވެދާނެތީއެވެ. މިހާރު ހުރިހާ ބާރެއް އޮތީ ޔަލްވީގެ އަތުގައެވެ. ރަޔާންގެ ކިބައިން އެ ކަހަލަ ކިތަންމެ ބަދަލެއް ހިފަންވެސް ޔަލްވީ ތައްޔާރެވެ. ރަޔާންއަށް ޖެހޭނީ ބަލަން ހުންނާށެވެ. ރަޒީނާއަށް އެނގިދާނެތީ ދިފާއުގައި މާބޮޑު ކަމެއް ކުރާކަށް ރަޔާނަކަށް ނުކެރޭނެއެވެ. ރަޔާން އެވަރަށް ގޮވިއިރުވެސް، އަޑުއިވޭކަމަށްވެސް ހަދާނުލައި ޔަލްވީ ހުރީއެވެ.

"އެއްޗެއް ވިސްނިއްޖެތަ؟" ރަޔާންގެ އަޑު ކެނޑުމުން، ޔަލްވީ އަމިއްލަ ނަފުސަށް އިވޭ ވަރަށް ބުނެލިއެވެ. ކުރެވުނު ކަންތަކާއިމެދު ޔަލްވީ ހުރީ ފަހުރުވެރިވެފައެވެ. "ދެން އެއްވެސް ޓެންޝަން އެއް ނެތި ފެންވަރާލެވޭނެ. އެކަމަކު މިހަޑި ކޮޓަރިގަނޑުގަ ކެތްވާނެބާ؟ ޔަގީން ޓޮއިލެޓްވެސް އެހާ ހަޑިވާނެކަން"

ކޮޓަރި ދޮރު ކައިރީގައި ރަޔާން ހުރީ ދެކޮޅަށް ހިނގާލަހިގާލައެވެ. ޔަލްވީއެކޭ އެއްވަރަށް ރަޔާންވެސް ހުރީ ވަރުބަލިވެ، ނިދިއައިސްފައެވެ. ޔަލްވީ ދޮރު ތަޅުލީ ފެންވަރަން ހެއްޔެވެ؟ އެކަމަކު، ރަޔާންގެ ކައިރީގައި ބޭރުގައި މަޑުކޮށްލަން ނުބުނީ ކީއްވެ ހެއްޔެވެ؟ މުޅި މީހާ ދާހިއްލާ ފޯވި ނަމަވެސް ރަޔާނަށް ހިނގުން ހުއްޓައެއް ނުލެވުނެވެ. ޔަލްވީ ހާދަ ޖެހިލުންކުޑައެވެ. އެމަންޒަރު ރަޒީނާއަށް ފެނިއްޖެނަމަ، ވާނީ ކިހިނެއް ހެއްޔެވެ؟

އެއްޗެއް ވިސްނުނު ފަދައިން ރަޔާން ކުއްލިއަކަށް ހުއްޓުނެވެ. އޭރު ރަޔާންގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. ޔަލްވީއަކީ މޮޔަ އަންހެންކުއްޖެކެވެ. ރަޔާންގެ އަމިއްލަ ގޭގައި ރަޔާން ނިކަމެތިކޮށްލެވޭނީ ކިހިނެއް ހެއްޔެވެ؟

ރަޔާން ގޮސް ކޮޓަރި ދޮރުމަތީގައި ހުއްޓުނެވެ. ދޮރުގެ މަތީ ދާރައިގެ މަތީގައި ބާއްވާފައި އޮތް ތަޅުދަނޑި ނެގިއެވެ. ރަޔާން އަބަދުވެސް އެއް ތަޅުދަނޑި އެތަނުގައި ބާއްވައެވެ.

ރަޔާންގެ ހަބަރެއް ނުވެ އިރުކޮޅެއް ވޭތުވިއެވެ. ޔަލްވީ ނިންމީ ފެންވަރަން ދާށެވެ. ފާހާނާ އާއި ދިމާއަށް ހިނގައިގަތް ޔަލްވީގެ ފިޔަވަޅުތައް މަޑުޖެހުނީ، ތަޅުވަޅަށް ތަޅުދަނޑި ކޮއްޕާލި އަޑު އިވުމުންނެވެ. ދެލޯ ބޮޑުކޮށްލައިގެން ޔަލްވީއަށް ހުރެވުނީ ދޮރާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ދޮރު ހުޅުވާލުމަށްފަހު ރަޔާން އެތެރެއަށް ވަނެވެ. ދޮރު ލައްޕާ ތަޅުލިއެވެ. ޔަލްވީ ރަޔާނަށް ދޭން ރޭވި ލަނޑު ނާކާމިޔާބުވީއެވެ.

ރަޔާން ހުރީ ހިތްހަމަނުޖެހިފައެވެ. ޔަލްވީއަށް ބަލަމުންދިޔަ ނަޒަރު ތަފާތެވެ. އެ ބެލުމުގައިވީ އަމުރުވެރިގޮތެކެވެ. މިހާރު ހުރިހާ ބާރެއް ވަނީ ރަޔާންގެ އަތުގައޭ ބުނާ ކަހަލައެވެ. ރަޔާން އޭނާގެ އަތުގައި އޮތް ކޯޓު އެނދުމައްޗަށް އެއްލިއެވެ. ޔަލްވީއާއި ދިމާއަށް ހިނގައިގަތެވެ. އޭރުވެސް އެނަޒަރު އަމާޒުވެފައިވަނީ ޔަލްވީގެ ދެލޮލަށެވެ. ރަޔާން ލައިގެން ހުރި ގަމީހުގެ އަތުކުރި އުޅަނބޮއްޓާއި ހަމައަށް އޮޅާލާފައިވާއިރު، ދެއަތުގެ އާރާއި ބާރު ދައްކުވައިދެއެވެ. އެ އަތުގެ ބާރުގައި ޔަލްވީއަށް ކޮންމެ ގޮތެއްވެސް ހަދައިލެވިދާނެއެވެ. ޔަލްވީއަށް ހިންދިރުވައިލެވުނީ އުނދަގޫ ގޮތަކަށެވެ. އޭނާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ރަޔާން ދެބުމަ ގޮށްޖަހާލައިގެން ހުންނައިރު ހީވަނީ މުޅީން އެހެން މީހެއް ހެންނެވެ.

ރަޔާން ކުރިއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކަށް ޔަލްވީ ފަހަތަށް ފިޔަވަޅެއް އަޅާލައެވެ. ކޮޓަރި ކުޑައެވެ. ސަލާމަތްވެގެން ދާނެ މާގިނަ ތަނެއް ނެތެވެ. ފަހަތަށް ޖެހެމުންދިޔަ ޔަލްވީ ފާރުގައި ޖެހިފައި މަތަވިއެވެ. އޭރު ރަޔާން ގޮސް ޔަލްވީއާއި އަރާ ހަމަކޮށްފިއެވެ. ރަޔާން ތަޅުދަނޑި ނަގައި، ޔަލްވީއަށް ދެއްކިއެވެ.

ޔަލްވީ އުޅުނީ ފާހާނާއަށް ވަންނާށެވެ. ރަޔާން ގެނައި ކުއްލި ހަރަކާތާއިއެކު ޔަލްވީގެ އަތުގެ މުލައްދަނޑީގައި ހިފައި، ހުއްޓުވިއެވެ. ހަމަ އެހާ އަވަހަށް ޔަލްވީ ގެނެސް ރަޔާންގެ ކުރިމައްޗަށް ވާހެން ބެހެއްޓިއެވެ. ޔަލްވީ ހުރީ އެފަދަ ކަމަކަށް ވިސްނައިގެން ނޫނެވެ. އޭނާ ހީކުރި ފަދައިން ރަޔާންގެ ކުރިމަތީގައި ބާރެއް ނުދެއްކުނެވެ.

"ޑޯންޓް..." ރަޔާން ކުރިއަށް ޖެހިލުމުން، ޔަލްވީ އަތުގެ އިޝާރާތުން އެކަން މަނާކުރިއެވެ.

ބިރެއް ފެނުމުން ބަލާހެން ޔަލްވީ ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ރަޔާންގެ ދެލޮލުގައިވީ ތަފާތު ވިދުމެކެވެ. މޫނުން ފެންނަމުން ދިޔައީ ނުރައްކާތެރި އަސަރެކެވެ. އެހާ ކައިރިން ރަޔާންގެ މޫނު ފެނުމުން، ޔަލްވީގެ މުޅި ގައިން ހީބިހި ނަގައިގެން ދާވަރު ވިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު