ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ބޭނުންކުރާ އެންމެ މަގުބޫލު އެ ޝިއާރު ކަމަށްވާ "ފްރޮމް ރިވާ ޓު ދަ ސީ" އަކީ ފޭސްބުކްގައި ބޭނުންކުރުން މަނާ އިބާރާތެއް ނޫން ކަމަށާއި އެއީ އެ ޕްލެޓްފޯމުގެ ބެލެނިވެރި ކުންފުނި، މެޓާގެ ސިޔާސަތުތަކާ ޚިލާފު އިބާރާތެއް ނޫން ކަމަށް މެޓާގެ މިނިވަން ބޯޑުން ނިންމައިފިއެވެ.
މެޓާގެ ކޮންޓެންޓްއާ ގުޅޭ އެންމެ ފަހުގެ ނިންމުންތައް ނިންމާ އެ ޕެނަލުން ވަނީ އެ ޝިއާރު ހިމެނޭ ފޭސްބުކް ޕޯސްޓުތަކާގުޅޭ ތިން މައްސަލައެއް ރިވިއުކޮށްފައެވެ. އެ އިބާރާތަކީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ލޭއޮހުރުވުމާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މުޒާހަރާތަކާއެކު މަޝްހޫރުކަން ލިބިފައިވާ ޝިއާރެކެވެ. ނަމަވެސް އިސްރާއީލަށް ތާއިދުކުރާ މީހުން އެ ޝިއާރާ ދެކޮޅަށް ޚިޔާލު ފާޅުކުރެއެވެ.
"މި ޝިއާރު ހިމެނޭ ކޮންޓެންޓް ފޭސްބުކުން ނުނެގުމަށް މެޓާއިން ނިންމާފައިވާ ނިންމުންތައް ދެމެހެއްޓުމަށް ބޯޑުގެ އަޣުލަބިއްޔަތުން ނިންމީ، މިއީ އެތައް މާނައެއް ހިމެނޭ އަދި އެކި މީހުން އެކި ގޮތްގޮތަށް އެކި ނިޔަތުގައި ބޭނުންކުރާ ޝިއާރަކަށް ވާތީ،" ނިންމުމާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ވެއެވެ.
ވަކިން ޚާއްސަކޮށް، އެ އިބާރާތުން ބަޔާންކޮށްދެނީ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރުން ކަމަށާއި، އޭގެއިން އެއްވެސް ކަހަލަ އަނިޔާވެރިކަމަކަށް ނުވަތަ ވަކި ބަޔަކު އެކަހެރި ކުރުމަށް ހިތްވަރުނުދޭ ކަމަށް ނިންމުމުގައިވެއެވެ.
"ފްރޮމް ދަ ރިވާ ޓު ދަ ސީ" އަކީ އިސްރާއީލާއި ހިފާފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާ ސަރަހައްދު ހިމެނޭ އުރުދުންގެ ކޯރާއި މެޑިޓެރޭނިއަން ކަނޑާ ދެމެދުގައިވާ ޖިއޮގްރަފިކަލް ސަރަހައްދައް ނިސްބަތްކޮށް ބޭނުންކުރާ އިބާރާތެކެވެ. އެ ސަރަހައްދަކީ އިސްރާއީލާއި ހުޅަނގު އައްސޭރި އަދި ޣައްޒާ ހިމެނޭ ސަރަހައްދެވެ. އިސްރާއީލުން ބުނީ އެ އިބާރާތުގައި އެ ބުނަނީ މުޅި ސަރަހައްދު ފަލަސްތީނަށް ލިބެންޖެހޭނެ ވާހަކަ ކަމަށާއި އެއީ އަނިޔާވެރިކަމާއެކު އެ ބިމުން އިސްރާއީލުން ނެރެލުމަށް ގޮވާލުން ކަމަށެވެ.
އިސްރާއީލުން މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތެއްގައި ޣައްޒާއިން ހަމާސް ނައްތާލަން ކަމަށް ބުނެ ދޭން ފެށި ވަރުގަދަ ހަމަލާތަކާ ގުޅިގެން މުޅި ދުނިޔޭގައި ފަލަސްތީނުގެ ހައްގުގައި އަޑު އުފުލުން ވަނީ އިތުރުވެފައެވެ. އެގޮތުން އެކި ގައުމުތަކުގައި ބާއްވާ އެއްވުންތަކުގައި އާއި ސޯޝަލް މީޑިއާގައި 'ފްރޮމް ދަ ރިވާ ޓު ދަ ސީ' ބޭނުންކުރުން ވަނީ އިތުރުވެފައެވެ.