"ކިތަންމެ އަވަދިނެތި އުޅުނަސް ނަމާދު ދޫކޮށްނުލާށެވެ. އާއިލާއާއި އެހެން މީހުންގެ ރުހުން ހޯދުމަށްވުރެ ތިމާ ހެއްދެވި ފަރާތުގެ ރުހިވޮޑިގަތުމާއި ލޯބިފުޅު ލިބިގަތުމަށް މަސައްކަތްކުރަންވާނެއެވެ. ނަމާދުން ހެއްދެވި ފަރާތާއި އޮންނަ ގުޅުން ބަދަހިވެ، ފިކުރުތަކުން ދުރުވެ، ރޫހާނިއްޔަތު ތަރައްގީވެ، ހަށިގަނޑަށް އަރާމާއި ތާޒާކަން ގެނެސްދީ ސިކުނޑިއާއި ހަށިގަނޑުގައި ލޭ ދައުރުވުމަށް ހެޔޮ ބަދަލުތަކެއް އާދެއެވެ."

***

ހުރިހާ އެއްޗެއް ދޫކޮށް ދާން ޖެހޭނީ ކޮން އިރަކުކަމެއް އެކަކަށްވެސް ނޭގޭނެއެވެ. "ޝްޝް.... ޖަސްޓް ފޯ އަ މޮމެންޓް....ލެޓް މީ ލިވް ދިސް މޮމެންޓް....އައި ޑިޒާވް އިޓް...." އުރުޖުވާން ބުނެލީ އޭނާގެ ލޯ މަރާލައިގެންނެވެ. އޭނަ ލޯ ހުޅުވާ މާޒިމްގެ މޫނަށް ބަލައިފިއްޔާ އެ ހިނދުކޮޅަށްށް އަންނާނެ ބަދަލުތައް އެނގިހުރެއެވެ. އެ ހަމަހިމޭންކަން ފަޅުފިލުވާލަދިނީ ސްކޭން މޮނިޓަރ ގައި ހުރި ވިންދުގެ އަޑެވެ. އުރުޖުވާން އެއްފަހަރު ނަމަވެސް ލޯ ހުޅުވާ އޭނާ އަށް ބަލަން މާޒިމްގެ ހިތް އެދުނެވެ. އޭނާގެ އިހުސާސްތައް ދަނެގަތުމަށް އެދެވުނެވެ. ހަލުވި ފިޔަވަޅުތަކެއްގެ އަޑު އެ ދިމާއަށް އަންނަ އަޑު އިވެން ފެށިއެވެ. ފޮތި ގަނޑު ކަހާލީވެސް އެ ބާރުމިނުގައެވެ.

" މާޒިމް..." އަހްމަދު ލޯބޮޑުވެކޮށްލިއިރު އަޑުގައިވީ ރުޅިވެރިކަމެވެ. އުރުޖުވާން ވެސް ލޯ ހުޅުވައިލީ އޭނާގެ ބައްޕަ ގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. މާޒިމްއަށް ގޮނޑިން ތެދުވެވުނެވެ. އަހުމަދު އަށް ގޮވާލަން ބޭނުންވިޔަސް ހިތްވަރެއް ނުކުރެވުނެވެ.

" ބައްޕާ..." އުރުޖުވާން އަހުމަދު އަށް ގޮވާލާފައި އިޝާރާތުން އެދުނީ އެއްޗެކޭ ނުބުނުމަށެވެ. މި ހާލަތުގައި އިތުރު އެއްވެސް ހައިޖާނެއް އުފެދުމަށް އޭނާ ނޭދެއެވެ. އުރުޖުވާން ތެދުވަން ކުރި މަސައްކަތް ކުރި ފެނި މާޒިމް ވަގުތުން އޭނާއަށް އެހީތެރިކަމުގެ އަތް ދިއްކޮށްލިއެވެ. ނަމަވެސް އުރުޖުވާން އެ އަތް ދުރުކޮށްލާފައި ދެއަތް އުފުލައިލީ އަމާން ދޭފަދަ ގޮތަކަށެވެ. މާޒިމްގެ ހިތް ގެނބުނެވެ. އޭނަ ހާދަ ދުރުކޮށްލައިފިއެވެ. އުރުޖުވާން އޭނާއަށް ބަލައިވެސް ނުލައެވެ.

" އެހާވަރު ކަމެއްވެސް؟" މާޒިމް ގެ ތުންފަތް ހަރަކާތްކުރިއެވެ. ހަމައެކަނި އުރުޖުވާން އަށް އަޑުއިވޭ ވަރަށެވެ. އުރުޖުވާން މޫނު އަނބުރާލީ އަނެއް ފަރާތަށެވެ. އޭނާގެ ހިތުގައިވާ ޖަޒުބާތުތައް މާޒިމް އަށް އެނގެން ބޭނުމެއް ނުވެއެވެ. މާޒިމް ގެ ކުރިމަތީ އޭނާގެ ބަލިކަށި ހިތުގައިވާ ވޭން ހާމަކުރާން ނޭދެނީއެވެ. އަހްމަދު ފުން ނޭވާ އެއް ދޫކޮށްލަމުން މާޒިމް ދުރުކޮށްލާފައި އުރުޖުވާން އަށް އެހީވިއެވެ. މާޒިމް އިނީ ކަނދުރާ އެލުވާލައިގެން އެ ދިމާއަށް ބަލަހައްޓައިގެންނެވެ.

" ދެން ދޭ...." އަހްމަދު އޭނާގެ އަތު ކުރީ ގަޑި އަށް ބަލާލަމުން ލޯ އަޅައިލިއެވެ. މާޒިމްގެ ނަޒަރު ދަތުރުކުރީ އުރުޖުވާން އަށެވެ. އެއްފަހަރު ނަމަވެސް އޭނާ މަޑުކުރުމަށް ބުނަން ހިތް އެދުނެވެ. އެ ހިތުގައިވާ ޝުއޫރުތައް އުރުޖުވާންއަށް ކިތަންމެ ރަގަޅަށްވެސް ފާޅުވިއެވެ. މާޒިމް އަށް ހީވީ ފެހި ސިގްނަލެއް ލިބުނު ހެންނެވެ. ލުއި ހިނިތުންވުމެއް މޫނަށް ވެރިވިއެވެ.

" ކީއްވެ ދާންވީ؟އުރުޖުވާން އެއީ އަހަރެންގެ އަންހެނުން... މިތަނުގައި ހުރުމުގެ ހައްގު މާ ބޮޑު ވާނެ އެހެން މީހަކަށް ވުރެން....ނޫންތަ އުރޫޖް؟" ފަހު ސުވާލު ކޮށްލި ވަގުތު އުރުޖުވާން އަށް މާޒިމްގެ މޫނަށް ބަލައިލެވުނެވެ. ނުބަލަން ހިތު އަޅައިގެން ހުރި މާޒިމްއާއި ހަތަރުކަޅި ހަމަވިއެވެ.

" މާޒިމް.... މިތާ އަޑުގަދަ ކުރަން އުޅޭނެ ކަމެއް ނެތް...." އަހްމަދުގެ އަޑު ހަރުވިއެވެ. އަދި ދަތްކުޑި ވިކާފައި ވާހަކަ ދެއްކި އިރު އޭނާގެ ޝަހާދަތް އިނިގިލި ހުރީ މާޒިމް ގެ މޫނާއި ދާދި ކައިރީގައެވެ. މާޒިމް އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. ކުރިއަށްވުރެ ދިގުވެފައި ހުރި އިސްތަށިގަނޑުގައި އަތުން ފުނާ އަޅައި ޖީބުގައި އޮތް ވޫލް ކޮޅުން ދޫ ގޮތަކަށް އައްސާލިއެވެ. މޫނަށް ކުދި އިސްތަށި ތަށް ވެއްޓިފައި އޮތް އިރު އެ މޫނު މަތި އިތުރަށް ފަޅުފިލުވިއެވެ. އެ ބެލުމުގައިވީ ޖެއްސުން ފޮރުވައެއް ނުލެވުނެވެ. އަހްމަދު އާއި ދިމާ އަށް ބަލާލި އެތަނުން އޭނަ ބޭރުކޮށްނުލެވޭނެކަން ކަން އޭނާއަށް އަންގާފަދަ ނަޒަރަކުންނެވެ. އުރުޖުވާން ހުރީ މާޒިމް ގެ މޫނަށް ގެއްލިފައެވެ. ތުންފަތް ފެޅިފައިވި ކަން ފާހަނގަ ވެ އެކަން ވީ ގޮތް އަހަން އެދެވުނެވެ. ތުނަފަތުގެ އެއް ކައިރީގައި ލޭ ގަނޑުވެފައި ހުރިތަން ފެނި ހިތަށް ތަދުވިއެވެ. އަހްމަދު ގެ އަތް މުށްކަވާލެވުނެވެ. އަދި މާޒިމް އާއި ދިމާ އަށް ދާން އުޅުމުން އުރުޖުވާން އެއަތުގައި ހިފިއެވެ.

" މިތަނަށް އައި ތާ ތިން މަސް ވީ އިރުވެސް ހާލު ބަލައިނުލާ މީހަކު މިއަދު މޭ ފުށްޕާލާފަ އައުމުގެ ބޭނުމެއް ނެތް...." އަހްމަދު އުރުޖުވާން އަށް ހަނދާންކޮށްދިނެވެ. މާޒިމްގެ އަތް މުށްކަވާލެވުނީ އަހްމަދު އެ ހަދަނީ ދޮގުކަން އެނގޭތީއެވެ. މާޒިްމ އެތައް ގޮތަކުން އުރުޖުވާން އާއި ވާހަކަ ދެއްކުމަށް މަސައްކަތް ކުރިކަން އަހްމަދު އަށް ރަނގަޅަށް އެނގޭނެއެވެ. ކޮންމެ ފަހަރަކުވެސް އެ ކަމަށް ހުރަސް އަޅަނީ އަހްމަދުއެވެ. ލަންޑަނަށް އަންނަން ޕާސްޕޯޓު ހައްދަން ދީގެން ވެސް އިމިގްރޭޝަންގައި އަހުމަދުގެ ރައްޓެހިން ލައްވާ އެކަންތަކަށް ހުރަސް އަޅައި ޕާސްޕޯޓު ހެއްދުން ވެސް ލަސްކުރުވިއެވެ. އެންމެ ފަހުން ޖައިލަމް އެކަންތައް ބަލައި ދިނީ އޭނާ ލަންޑަނަށް ފަރަހް އާއި އެކީ ބަދަލުވާނެ ކަމަށް ޝަރުތުކޮށެވެ. މިހުރިހާ ހަގީގަތެއް އުރުޖުވަން އަށް ހާމަކުރަން އެވަގުތުގައި ބޭނުންވިއެވެ.

"އަހްމަދު ބެ އަށް ރަނގަޅަށް އެނގޭނެ ތިއީ ދޮގުކަން....އެކަމަށް ހުރަސް އެޅީވެސް އަޅަނީވެސް އަހްމަދުބެ..." މާޒިމް ކުރިމަތިލިއެވެ. އަހްމަދުގެ ދެ ބުމަ ގޮށް ޖެހުނެވެ. އުރުޖުވާންގެ ސިކުނޑީގައި ސުވާލުމާކުތަކެއް ޖެހުނެވެ. އަހުމަދު އައިސް މާޒިމް ގެ ގަމީހުގެ ގިރުއާނުގައި ހިފަހައްޓާފައި ބާރުކޮށްލިއެވެ.

"ބައްޕާ.....ޕްލީޒް...." އުރުޖުވާން އާދޭހުގެ ރާގުގައި ބުނެލިއެވެ. ލޯ މަރާ ބާރުކޮށްލައިގެން ހުރެވުނީ މާޒިމް އަށް ވެދާނެ ތަދު އިހުސާސް ކުރެވިފައެވެ.

"ޖަހާބަލަ....ތި ތަދު ކުރެވެނީ އަހަންނަށް ތޯ ނޫނީ އުރުޖުވާން އަށް ތޯ ބަލަން...." މާޒިމް ގެ އަޑު ހަރުވިއެވެ. އަހްމަދު ގެ އަތް ތިރިކޮށްލެވުނީ ތުރު ތުރު އަޅައަޅާހުރެއެވެ.

" އުރުޖުވާން އަކަށް ތިއީ މުހިންމު މީހެއް ނޫން...." އަހްމަދު މާޒިމްގެ ގަމީހުން ދޫކޮށްލާފައި ފަހަތަށް ޖެހިލިއެވެ. އުރުޖުވާން ގެ މޫނުމަތީން އެ ފެނުނު ބިރުވެރިކަން އޭނާގެ ހިތް މަޑުކުރުވީއެވެ. މާޒިމް ލުއި ހިނިތުންވުމެއްގައި ހުރެ އުރުޖުވާން އަށް ބަލައިލީ އޭނާގެ ހިތް އުފަލުން ފުރެމުންނެވެ. އަދިވެސް އެ ހިތުގައިވާ ލޯބި އޮތް ކަން ދެނެގަނެވުނެވެ.

" މިތާ ފޯރި މަރަން ހުރުމުގެ ބޭނުމެއް ނެތް....އުރުޖުވާން އާއި ދިމާވާ އެންމެ ފަހު ފަހަރު ކަމަށް ބަލާ....އުރުޖުވާން އާއި ކައިވެނިކުރީވެސް ނަބީލާ ހޯދުމުގެ ނިޔަތުގަ އެއް ނު...."

އުރުޖުވާން ގެ ހަތަރެސްފައި ފިނިވިއެވެ. އަހްމަދު ހާމަކުރަން އެ އުޅެ ވާހަކައިގެ ބޮޑުކަން ވިސްނިއެވެ. މާޒިމް އިނީ އަހުމަދު ކިޔާ އެއްޗެއް ދޭހަ ނުވެފައެވެ.

" ވައިޓްވިލް އަށް ދޭބަލަ ނިކަން....އެ ގޭގަ އިނި ކާކުތޯ ބަލަން...." އަހްމަދު ފުން ނޭވާއެއް ދޫކޮށްލިއެވެ. މާޒިމް ގެ ހިތް ނުތަނަވަސްވާން ފެށިއެވެ. އުރުޖުވާންއާއި ދިމާލަށް މޫނު އަނބުރާލެވުނީ ޖަވާބަކަށް އެދިއެވެ. އުރުޖުވާން އޭނާގެ ބޯ އަރި ކޮށްލިއެވެ. އެލޮލުން ކަރުނައިގެ އަސަރު ފެނުނެވެ.

" ނަބީލާ...." އަހްމަދުގެ އަނގައިން އެ ބޭރުކުރި ލަފްޒުން މާޒިމް ގޮނޑިން ތެދުވެވުނެވެ. ހީވީ ފައިދަށުން ބިންގަނޑު ދަމައިގަތީ ހެންނެވެ. އުރުޖުވާން ހުރީ ހަދާނެ ނަހަދާނެ އެއޗެއް ނޭނގިފައެވެ.

" ޔޫ ނިއު.....އޯލް ދިސް ޓައިމް..." މާޒިމް އުރުޖުވާންގެ މޫނަށް ބަލައިލުމާއެކު ހުރިހާ އެއްޗެއް ވިސްނުނެވެ. އިތުރު ތަފްސީލަކަށް ދާންވެސް ނުޖެހުނެވެ.

"މާޒް...." އުރުޖުވާން ބޭނުންވީ އޭނާއަށް އެ ކަން އެނގުނީ މިއަދުކަން ހާމަކުރުމަށެވެ. ނަމަވެސް މާޒިްމ އޭނާގެ އަތުގެ އިޝާރާތުން އިތުރު އެއްވެސް އެއްޗެއް ނުބުނުމަށް އެދޭފަދައަކުން ނިކުމެގެން ދާން ހިނގައިގަތެވެ. އުރުޖުވާން އަވަހަށް ގޮސް މާޒިމް އަތުގައި ހިފިއެވެ.

" ކިހާޥަރަކަށް ނަފްރަތު ހިތުގައި އޮތީމަ ނުބުނީ...މަންމަ ހޯދަން އަހަރެން ބޭނުންވި ވަރު އުރޫޖް އަށް ރަނަގޅަށް އެނގޭނެ....އިޒް ދިސް ޔޯ ރިވެންޖް އޮން މީ؟" މާޒިމްގެ ދެލޯ ކަރުނުން ފުރުނެވެ. އުރުޖުވާންގެ ދޫ ބަންދުވިއެވެ. މާޒިމް އުރުޖުވާން ގެ އަތްތިލަ ނަގާ ދުރުކޮށްލީ މަޑުމަޑުންނެވެ. އަދި ހިނގައިގަންނަން އުޅުމުން އަހްމަދު އޭނާ ހުއްޓުވިއެވެ.

" ޑިވޯސް ހާ..." މާޒިމް ގެ އަތަށް ބާރުކޮށްލައިގެން ހުރެ އަހުމަދު އެންގިއެވެ. މާޒިމް ހުރީ އެވަގުތު އެތައް އިހުސާސެއްގައި ތާށިވެފައެވެ. އެފަދަ ހާލެއްގައި ހުއްޓާ އަހްމަދުގެ އެ އަމުރުން އިތުރަށް ބޯގޮވާވަރުވިއެވެ. މުށްކަވައިލެވުނު އަތްތިލަ އަހްމަދުގެ މޫނާއި ހިސާބުން ހުއްޓުނެވެ. އަހްމަދު އެ ގެ ލަފުޒުން އުރުޖުވާން ވެސް ހައިރާންވިއެވެ. އަނބުރާ ގޮތް ވެ އެނދުގައި ހިފަހައްޓާލައިގެން ހުރެވުނެވެ. މާޒިމް އަތް އިސްކުރެވުނު ނަމަވެސް އަހްމަދުގެ މޫނުގައި ނުޖަހައެވެ. އެތަނުން ނިކުމެގެން ދިޔައީ ރުޅިން ލޭ ކެކި ކެކި ހުރެއެވެ. ޖަވާބު ވަރަށް ސާފުކަން އަހްމަދަށް ވިސްނުނެވެ.

***

ވާރޭ ބޯ ކޮށްލިގޮތަށް ގުގުރުމާއެކު ވިދުވަރުގެ އަލިވެސް މެދުނުކެނޑެއެވެ. ކޮޓަރީގައިހުރި ބޮކިވެސް ނިވިދިއްލެން ފެށިއެވެ. ލެއްޕިފައިހުރި ކުޑަދޮރުވެސް ވަޔާއެކު ހުޅުވުނެވެ. ވައި ބާރުވެފައިވީ އިރު ހީވީ ތޫފާނެއް އައުމުގެ ނިޝާނެއް ހެންނެވެ. ނާޝިދު ދުވެފައި އައިސް ކުޑަދޮރު ލައްޕަން އަވަސްވިއެވެ. ވަޔާ އެކީ ބުރާފައި ހުރި ވާރޭ ތިކި ތައް ފޮހެލަން މެހެކް އައީ ޓިޝޫ ހިފައިގެންނެވެ.

"ބޮކި ބަދަލު ކުރަންވެފަ އަނެއްކާ ވެސް..." ބޮކި ނިވިދިެއްލޭތަން ފެނި މެހެކް ބުނެލީ ނަބިލާ އޮތް ގޮތެއް ބަލާލަމުންނެވެ. އަނެއް ފަރާތަށް ހަށިގަނަޑު އަނބުރާލައިގެން އޮތުމުން ނިދާފަ ކަމަށް ހީކުރެވުނެވެ. އާދަޔާ ޚިލާފަށް މިއަދު ނަބީލާގެ އަޑު މަޑެވެ. މިފަހަކަށް އައިސް ރުޤްޔާ ކުރުމުން ނަބިލާ ގެ ހާލަތު އިހުނަށްވުރެ ރަނގަޅީއެވެ. ނަމަވެސް މިއީ އެހާ ފަސޭހައިްނ ފިލާނެ ބައްޔެއް ނޫނެވެ.

" ނަބިއްތަ..." މެހެކް ކައިރިވެލައި ގޮވާލީ އެނދުގެ ކޮޅުގަިއ އިށީނދެލަމުންނެވެ. ނާޝިދު އަށް ހުރެވުނީ އަމިއްލަ ޚިޔާލުތަކުގައެވެ. ކުޑަދޮރު ކަިއރީ ބޭރުގެ މަންޒަރަށް ބަލަހައްޓައިގެންނެވެ. މާޒިމް އައުމުން ކުރިމަތިލާން ޖެހޭހާ ކަންތައްތަކާއިމެދުވެސް ވިސްނެނީއެވެ.

މެހެކް ނަބީލާގެ ފައިމަތީގައި އަތް ބާއްވާލިއެވެ. ގަނޑުފެންކޮޅެއްހާ ހާ ފިންޏެވެ. މެހެކް ސިހޭގޮތްވިއެވެ. އޭނާގެ ހަށިގަނޑުންވެސް ވެސް ހީބިހި ނަގައިދިޔައެވެ. ރަޖާގަނޑުން ނިވާ ކޮށްފައި އޮތް އިރުވެސް އެހާ ފިނިކަން އިހްސާސް ވުމުންނެވެ. ރަޖާ ހިއްލާލާފައި ބަލާލިއިރު އިނިގިލިތަކަށް ވެސް ބާރުކޮށްލައިގެން އޮތްގޮތުން ނާރުތަށްވެސް ހުރީ ހިލިފައެވެ. ނަބީލާ ފުންމައިގެން ތެދުވުނު ވަގުތު މެހެކް ގެ ގައިގާ ފައިން ޖަހައި ކޮށްޕާލިއެވެ. އަތުގައި ޗޭނު ނުޖަހައި ހުރުމުން ހަތަރެސްފައި ޖަހާފައި އެނދުން ފުންމައިލާފައި ހިނިގަނޑެއް ޖަހައިލިއެވެ. މެހެކް އަށް ލިބުނު ސިހުމުން ތެދުވަން ނޭގިފައި އޮތްއިރު ސިކުނޑީގައި އިންޒާރުގެ ރަގަބީލުތައް ޖެހުނެވެ. ނާޝިދުވެސް އަވަސްވެގަތީ ނަބީލާ މަތަކުރުމަށެވެ.

" އަންނަނީ..އަންނަނީ...." ނަބިލާ އޭނާގެ އަޑު ބަރުކޮށްފައި ވާހަކަ ދެއްކީ ނާޝިދުގެ އަތުގަިއ ނުޖެހި މުޅިތަނުގައި ދުވަމުންނެވެ.

ހުޝަލް އާއި ކެނާންވެސް ގޭގައި ނެތުމުން މިފަދަ ކަމެއް ދިމާވުމުން ނަބީލާ ހިފެއްހެއްޓުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެވަގުތު ގޭގެ ބެލް ރިންގު ވިއެވެ. ނަބީލާ ދުވެފައި ދިޔައީ ބުޅަލެއްފަދައިން ހަތަރެސްފައި ޖަހާފައެވެ. އިސްތަށިގަނޑު ހޭވިގެން މޫނަށް ފައިބާފައިވާއިރު ލޯ ރަތްކަމުން އަނގުރުއަލިފާން ފަދައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު