ބެލެންޑޯއަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓުން މެސީ ބާކީ ވެއްޖެ

އާޖެންޓީނާ ތަރި ލިއޮނެލް މެސީ، ބެލޮންޑިއޯ އެވޯޑާއެކު -- ފޮޓޯ/ ގެޓީ

ފުޓްބޯޅައިގައި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދެވޭ އެންމެ ޝަރަފްވެރި އެއް އިނާމްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރާ ބެލެންޑޯ އިނާމަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓުން އާޖެންޓީނާ ޤައުމީ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ބާކީވެއްޖެއެވެ.

ފްރާންސް ފުޓްބޯލްއިން އިންތިޒާމް ކޮށްގެން ދޭ މި އިނާމަށް ވާދަކުރާ 30 ފިރިހެން ކުޅުންތެރިންގެ ނަން ރޭގައި އާންމު ކުރިއިރު މިލިސްޓުގައި މެސީގެ ނަން ހިމެނިފައެއް ނުވެއެވެ. މިއީ މި އިނާމް އެންމެ ގިނަ ފަހަރަށް ހާސިލްކޮށްފައިވާ މެސީގެ ނަން 30 ކުޅުންތެރިންގެ ލިސްޓުން 2005 ވަނަ އަހަރަށް ފަހު ނުހިމެނި ދިޔަ ފުރަތަމަ ފަހަރެވެ. އަދި މިއީ 2003 ވަނަ އަހަރަށް ފަހު މެސީ އާއި އޭނާ އާއި މިއިނާމަށް އެންމެ ބޮޑަށް ވާދަކުރާ އަނެއް ކުޅުންތެރިޔާ ކަމަށްވާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއިން ކުރެ ކުޅުންތެރިއެއްގެ ނަން ނުހިމެނުނު ފުރަތަމަ ފަހަރެވެ.

މެސީގެ އުމުރުން މިހާރު 37 އަހަރު ވެފައިވީ ނަމަވެސް އޭނާ ފިޓްކޮށް ހުންނާތީ ގިނަ ބަޔަކު އަދިވެސް ގަބޫލް ކުރާ ގޮތުގައި އޭނާ އަކީ އެންމެ މޮޅު އަދި އިދިކޮޅު ކުޅުންތެރިންނަށް ހިފަހައްޓަށް އެންމެ އުނދަގޫ ކުޅުންތެރިޔާއެވެ. އަދި މެސީގެ ކެޕްޓަން ކަމުގެ ދަށުން މި އަހަރުގެ ޖޫން މަހު އާޖެންޓީނާއިން ޖެހިޖެހިގެން ދެވަަނަ ފަހަރަށް ކޮޕާ އެމެރިކާގެ ތަށިވަނީ އުފުލާލައިފައެވެ. ނަމަވެސް އެ މުބާރާތުގައި މެސީ ފެނިގެންދިޔައީ ކުރީ ފަހަރާ ހިލާފަށް ތަންކޮޅެއް މަޑުމައިތިރި ކޮށެވެ.

މިފަހަރު އާންމު ކުރި ލިސްޓަށް ބަލާއިރު މިވަގުތު ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިންގެ ނަންތައް ވަނީ ހިމެނިގެން ގޮސްފައެވެ. ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި މި ފަހަރު މި އިނާމަށް އެންމެ ބޮޑަށް ވާދަކުރާ ކުޅުންތެރިންނަނީ ރެއާލް މެޑްރިޑަށް ކުޅޭ ބްރެޒިލްގެ ފޯވަޑް ވިނީޝިއަސް ޖޫނިއާ، އެ ޓީމަށް ކުޅޭ އިންގްލަންޑްގެ ޖޫޑް ބެލިންހަމް، ހަމަ އެ ޓީމަށް ކުޅޭ ސްޕެއިންގެ ޑިފެންޑާ ޑާނީ ކާވަހާލް އަދި މެންޗެސްޓާ ސިޓީއަށް ކުޅޭ ސްޕެއިންގެ ރޮޑްރީއެވެ.

މިފަހަރުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު