ޕީޕީއެމް އުފެއްދީ އަމިއްލަ ފައިދާއަކަށް އަދި އަމިއްލަ ކުރިއެރުމަކަށް ނޫން: މައުމޫން

ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަކީ ވަކި މީހެއްގެ އަމިއްލަ ފައިދާއަކަށް ނުވަތަ އަމިއްލަ ކުރިއެރުމެއްގެ ހޯދުމުގެ ބޭނުމުގައި އުފެއްދެވި ޕާޓީއެއް ނޫން ކަމަށް ޕީޕީއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ތ. ވިލުފުށީ ބަޔަކު ޕީޕީއެމް އަށް ސޮއިކުރެއްވުމަށް ޝީ ބިލްޑިގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ވޭތުވެ ދިޔަ ތިން އަހަރު ރާއްޖޭގައި އާންމުވެފައިވާ ނުރަގަނޅު އަމަލުތައް ހައްލު ކުރުމަށް ޕީޕީއެމުން އަޒުމް ކަނޑައަޅާފައިވާ ކަމަށެވެ. ތަރައްގީގެ މަގުގައި 30 އަހަރު ހޯދާފައިވާ ކުރިއެރުންތައް އަލުން ރާއްޖެ އަށް ހޯދައިދިނުމަށް ޓަކައި ޕީޕީއެމް ވެރިކަމަށް އަންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
~
މައުމޫން ވިދާޅުވީ ޕީޕީއެމް އުފެއްދެވީ ގައުމަށް އިހްލާސްތެރި މަސައްކަތްތަކެއްކޮށްދިނުމުގެ ބޭނުމުގައި ކަމަށާއި އެ ހަގީގަތް ރައްޔިތުންނަށް ސާބިތުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕީޕީއެމް އުފައްދާފައި މިވަނީ ހަމަ އެ ބޭނުމުގައި. އެއީ ގައުމަށް އިހްލާސްތެރި މަސައްކަތްތަކެއްކޮށްދިނުމުގެ ބޭނުމުގައި. އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ އެއްވެސް މީހެއްގެ އަމިއްލަ ފައިދާއަކަށް އަމިއްލަ ކުރިއެރުމަކަށް ނޫން. މިއީ ވަރަށް ބޮޑު ހަގީގަތެއް. އިރާދަކުރެއްވިއްޔާ މި ހަގީގަތް ދިވެހި ރައްޔިތުންނަށް ސާބިތުކޮށްދޭނަން،"

އަންނަ ރިޔާސީ އިންތިހާބު ޕީޕީއެމް އިން ކާމިޔާބު ކުރާނެ ކަމަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުން ވަނީ ވަކި މީހަކަށް ވަކި ގޮތްތަކެއް ހޯދާދައިދީ ވަކި ބަޔަކު މުއްސަދި ކުރުވާކަން ނޫން ކަމަށެވެ.

"އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުން ވަނީ ވެސް، ވަކި މީހަކަށް ވަކި ބަޔަކަށް އިތުރު ގޮތްތަކެއް ހޯދާދޭކަށެއް ނޫން. ފުރުސަތުތަކެއް ހޯދާދޭކަށެއް ނޫން. ވަކި ބަޔަކު މުއްސަނދި ކުރުވާކަށް ނޫން. މި މަސައްކަތް މިކުރަނީ މުޅި ގައުމަށްޓަކައި،" މައުމޫން ވިދާޅުވި އެވެ.

ވިލުފުށީ 40 މީހުން ޕީޕީއެމް އަށް ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވިލުފުށީ ދާއިރާގެ މެންބަރު އަދި ގައުމީ ޕާޓީގެ ހަމައެކަނި ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ރިޔާޒް ރަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.

މައުމޫން ވިދާޅުވީ ރިޔާޒް ރަޝީދަކީ ވަރަށް އިހްލާސްތެރި ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ "ހިދުމަތްތައް ލިބެމުންދާ ކަމަށް" ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވިލިފުށީން ޕީޕީއެމް އަށް ގުޅުނު މީހުން ވަނީ އެ ރަށުން އެ ޕާޓީއަށް ގުޅުނު 200 ވަރަށް މީހުންގެ މެންބަރޝިޕް ފޯމް ރައީސް މައުމޫންގެ އަތްޕުޅަށް އަރުވާފަ އެވެ. މިރޭގެ ހަފްލާގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި ޕީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ އިތުރުން ރައީސް މައުމޫންގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު