ދުރުގައި ވާން ނޭދުނަސް ހިތް... 42

އަނދިރިކަން ވެރިވެ އިޝްފާން ޚަބަރު ހުސްވެގެން ވެއްޓިއްޖެއެވެ.

ސަވާގެ އިތުރުން މަދީހާއާއި، ޒައިނާ ވެސް ދުވެފައި ކަހަލަ ގޮތަކަށް އިޝްފާންއާ ދިމާލަށް ދިޔައެވެ.

"ސިއްޚީ މަރުކަޒަށް ގުޅާބަލަ. އަވަސް…" މަދީހާ ޒައިނާއަށް ބަލާލުމާއެކު، ޒައިނާ ފޯނު ނަގާ ރަށުގެ ސިއްޚީ މަރުކަޒަށް ގުޅާލިއެވެ. މާގިނަ އިރެއްނުވެ އެންބިއުލާންސް އަތުވެއްޖެއެވެ. މަދީހާއާ ސަވާގެ ފަހަތުން ޒައިނާވެސް އެންބިއުލާންސްއަށް އަރަން އުޅުނެވެ. އެހެންނަމަވެސް ސަވާ ޒައިނާގެ އަތުގައި ހިފައްޓާފައި އެކަން މަނާކުރިއެވެ.

"ޒައިނާ!" ސަވާ ގޮވާލިއިރު އެ އަޑުގައިވި އަސަރުތަކުން އޭނާ އެބުނަން އުޅެނީ ކީކޭކަން ޒައިނާއަށް ދެނެގަނެވުނެވެ. އެހެންކަމުން އޭނާ އިސްޖަހާލިއެވެ.

"އިނގޭ ދޯ އަހަރެން ޒައިނާ މަޑުކުރަން މި ބުނީ ކީއްވެގެންކަން؟ މި ރަށު މީހުންނަށް އަހަރެމެންނާ އެކު ޒައިނާ ފެނުނީމަ ވާހަކަތައް ފަތުރަފާނެ. އަހަރެން ބޭނުމެއް ނޫން ޒައިނާއޭ ކިޔައިގެން މި ރަށު ތެރޭގައި އެއްވެސް ވާހަކައެއް ދައްކާކަށް. ގޮސްފަ އަހަރެން އިޝްފާންގެ ޚަބަރު ދޭނަން އިނގޭ…" ސަވާ އެބުނީ ދޮގެއް ނޫންކަން ޒައިނާވެސް ޤަބޫލުކުރެއެވެ. އެހެންނަމަވެސް ދެރައީ އިޝްފާންއާ ގާތުގައި ވުމަށް އޭނާގެ ހިތް ގޮވަމުން ދިޔައީތީއެވެ. ތެޅުން ބާރުވެފައިވާ އެ ހިތުގެ ގޮވުމަށް އިޖާބަ ނުދީ ހުރެވޭނީ ކިހާ އިރެއްވަންދެންކަމުގެ ޔަޤީންކަން އޭނާގެ އަމިއްލަ ނަފްސަށްވެސް ނެތީތީއެވެ. އިޝްފާން އެ ޙާލުގައި އޮއްވާ އޭނާ އިޝްފާން އާ ދުރުގައި ހުންނާނީ ކިހިނަކުން ހެއްޔެވެ؟ އެހާވެސް އޭނާ އިޝްފާން ދެކެ ލޯބިވޭ ވިއްޔާއެވެ.

"އޯކޭ…." ޒައިނާ ހިތާ ދެކޮޅަށް އެގޮތާ އެއްބަސްވިއެވެ. އޭނާ ސަވާއަށް ބަލާލާފައި ބޯ ޖަހާލިއެވެ.

އެންބިއުލާންސް ދިޔުމާއެކު، ބޭރު ޖޯލީގައި އިށީނދެވުނު ޒައިނާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައީ އޭނާގެ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. މިއީ އޭނާއާ ކުރިމަތިލި ކޮންކަހަލަ އިމްތިހާނެއް ހެއްޔެވެ؟ ތަޤުދީރާ މެދު އޭނާގެ ހިތުގައި އެތަކެއް ޝަކުވާއެއް އުފެދުނެވެ. ހިތުގައިވި ލޯތްބަށް ފުރުސަތު ނުލިބުނީ ކީއްވެހެއްޔެވެ؟ އިޝްފާންއާ އޭނާގެ ގުޅުމަށް އެޅިފައިވާ ހުރަހަކީ ކޮބައިހެއްޔެވެ؟ އިޝްފާންއަކީ ކޮންމެ ފަދަ މީޙަކަށް ވިޔަސް އެއިން އެއްވެސް ކަމަކުން އެހިތަށް ފަރަޤު ނުވާހާ ބޮޑަށް އޭނާ އިޝްފާން ދެކެ ލޯބިވެއެވެ. އޭނާއަށް މައްސަލައަކަށް ނުވަންޏާ އިޝްފާންއަށް ވަކި މައްސަލައަކަށް ވާންވީ ކީއްވެހެއްޔެވެ؟ އިޝްފާންގެ ޙަޔާތުގެ ގިނަ ސިއްރުތައް ނޭނގުނެއްކަމަކު އޭނާއަށް އެނގޭ އެއްކަމެއް ވެއެވެ. އެއީ އިޝްފާންއަކީ ގޯސް މީހެއް ނޫންކަމެވެ. އުޅުން ގޯސްވި ނަމަވެސް، އިޝްފާންގެ ހިތުގައި އަދިވެސް މައުސޫމްކަމާއި ސާފުކަން އެބަ ވެއެވެ. އެހެން މީހުންނަށް ޙަމްދަރުދީވަނީ އެހެންވެގެންނެވެ. އިންސާނެއްގެ ހިތް ކަޅުވެއްޖެ ނަމަ ލޯތްބާ އޯގާތެރިކަމަށް ހިތުން ޖާގަ ގެއްލެއެވެ. އޭގެ ސަބަބުން އެމީހަކީ އަނިޔާވެރިއަކަށް ވެއެވެ. އެހެންނަމަވެސް އިޝްފާންއަކީ އެފަދަ މީހެއް ނޫނެވެ. އޭނާ އަކީ އެހެން މީހުންގެ އިޙްސާސްތަކަށް ޤަދަރުކުރާ މީހެއްކަން ޒައިނާއަށް އެނގެއެވެ. އެހެން ނޫންނަމަ ނުވެސް ދަންނަ މީހަކު ނުބައި މީހެއްގެ ވަކިތަކުން ސަލާމަތްނުކުރީހެވެ. މި ޒަމާނަކީ ލޯ ކުރިމަތީގައި ހުރިހާކަމެއް ހިނގާއިރުވެސް، އެ ކަމާ ދެކޮޅަށް އަޑު އުފުލާ މީހަކު ވެސް ނޫޅޭ ޒަމާނެކެވެ. ކޮންމެ މީހަކުވެސް ބަލަނީ އަތުގައި އޮންނަ ފޯނަކުން ނުވަތަ ކެމެރާއަކުން އެ ކަމެއް ވީޑިއޯ ކޮށްލާ ސޯޝަލް މީޑިއާއަށް ދޫކޮށްލެވޭތޯއެވެ. ތަހުޒީބީ މުޖުތަމައަކުން ފެންނަން ނުޖެހޭ އެފަދަ ކިތަންމެ މަންޒަރެއް ޚުދު ޒައިނާއަށް ވެސް ފެނިފައިވެއެވެ. އެހެންނަމަވެސް، އެ ހުރިހާ އެންމެންނާ އިޝްފާން ތަފާތެވެ. އިޝްފާން އޭނާގެ ހައްޤުގައި ނިހާދާ ކުރިތިލީ ކެރިހުރެގެންނެވެ. އިޝްފާން ނޫންނަމަ، މިއަދާ ޖެހެންވެސް ވެސް އޭނާ ހުންނާނީ ނިހަދުގެ އަނިޔާގެ ވަކި ތަކުގައި ހައްޔަރުވެފައެވެ.

ޒައިނާ އިރުއިރުކޮޅަކާ ފޯނަށް ބަލާލައެވެ. ސަވާގެ ފޯނު ކޯލެއް އަންނާނެ އިރެއްގެ އިންތިޒާރުގައި އޭނާ ވަގުތުތައް ގުނަމުން ދިޔައިރު ފާއިތުވެގެންދާ ކޮންމެ ސިކުންތެއްވެސް ހީވަނީ، ގަރުނެއް ހެންނެވެ. އެހާ ވެސް އިންތިޒާރުގެ ވަގުތުތައް ދިގުހެން އޭނާއަށް ހީވިއެވެ. ވިއްސަކައަށް މިނެޓް ވީއިރު ކެތްނުކުރެވޭ ހިސާބަށް ގޮސްފިއެވެ. އެންމެ ފަހުން ފޯނު ނަގާ ސަވާއަށް ގުޅާލިއެވެ. ސަވާ ފޯނު ނުނެގުމުން ޒައިނާ ހާސްވިއެވެ. ޖޯލިން ތެދުވެވުނީ ބޭއިޚްތިޔާރުގައި ނަމަވެސް، އެޅި ފުރަތަމަ ފިޔަވަޅާއެކު އޭނާ މަޑުޖެހިލިއެވެ. ދެވިސްނުމެއްގައި ހުރި މީހަކު ފަދައިން ހުރުމަށްފަހު ޒައިނާ ސިއްޚީ މަރުކަޒާ ދިމާލަށް ހިނގައިގަތެވެ.

އެމަރޖެންސީކޮށް އިޝްފާންއަށް ފަރުވާދެމުން ދިޔައިރު ސަވާއާ މަދީހާ ތިބީ ބޭރުގައެވެ. މަދީހާ ދެފަރާތަށް ހިނގާލަ ހިނގާލާ ހުރިއިރު ސަވާ ވެސް ވަނީ އިންތިހާއަށް ހާސްވެފައެވެ.

"މަންމާ… އާދެބަލަ އިށީންނަން." ސަވާ މަދީހާގެ އަތުގައި ހިފައްޓާލަމުން ބުނެލިއެވެ. ސަވާއަށް ބަލާލުމަށްފަހު މަދީހާ ގޮސް ގޮނޑިބަރީގައި އިށީނދެލިއެވެ.

"ކުއްލިއަކަށް ކިހިނެއްތަ އެވީ؟" މަދީހާއަށް ސުވާލުކޮށްލެވުނީ ސަވާއާއެވެ. ދުރުބަލާލަން ސަވާއަށް މަޖުބޫރުވީ ބުނާނެ އެއްޗެއް ނޭނގުމުންނެވެ.

"ސަވާ… ދަރިފުޅު ކޮންމެވެސް ކަމެއް މަންމައަށް ސިއްރުކުރަން ދޯ އެބަ…" މަދީހާ ސަވާއަށް ގޮވާލިއެވެ.

"ނޫން… އިޝާފާންއާ މެދު ހާސްވެފަ މީނީ. އެއީ ޑްރަގް ހުއްޓާލީމަ ވީގޮތެއް ހެން ހީވަނީ. ވިތްޑްރޯވަލް ސިމްޕްޓަމްސް ހުންނާނެއެއްނު. އެކަމަކު މަންމަ ކަންބޮޑުނުވޭ. އިޝްފާން އަކީ އެހާ ބަލިކަށި ކުއްޖެއް ނޫން. އޭނަ އެ ހުރިހާ ކަމަކާ ކުރިމަތިލާނެ. " ސަވާ އޭނާގެ އިޙްސާސްތައް ހިންދާލަން މަސައްކަތްކުރަމުން ބުންޏެވެ. އޭނާ މަދީހާއަށް އަވަސް ނަޒަރެއް ދީފައި އަނެއްކާވެސް ނަޒަރު ވަކިކޮށްލީ ރޮވިދާނެތީއެވެ. މަދީހާގެ ކުރިމަތީގައި ކިތަންމެ ހިތްވަރު ކުރިނަަމަވެސް، ދެން އިތުރަށް ކެތް ނުވާނެހެން އޭނާއަށް ހީވަނީއެވެ. އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ދެން ފެނުނީ އެތަނަށް އައިސް ވަތް ޒައިނާއެވެ.

"ޒައިނާ…" ސަވާއަށް ހައިރާންކަމާއެކު ގޮވާލެވުނުއިރު، މަދީހާވެސް އެ ދިމާލަށް ބަލާލައިފިއެވެ.

"އިޝް… އިޝްފާން ކޮބާ؟" ސަވާ އޭނާއަށް ބަލާލި ގޮތުން ޒައިނާ ހާސްވިއެވެ. ސަވާ އަނެއްކާ އޭނާ ދެކެ ހިތްހަމަ ނުޖެހުނީބާއޭ ވެސް ހިތަށް އެރިއެވެ.

"އަދިވެސް އަަވަސް ފަރުވާދޭ ކޮޓަރީގައިވީ… އާދެބަލަ މިތާ އިށީންނަން." ކައިރީގައި ހުރި ގޮނޑި ދައްކާލަމުން އޯގާތެރިކަމާއެކު، ސަވާ އެހެން ބުނުމުން ޒައިނާގެ ނުތަނަވަސްވެފައިވާ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އޭނާ ލަސް ފިޔަވަޅުތަކެއްގައި ގޮސް ސަވާގެ އެއްފަރާތުގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. އިޝްފާންގެ ޙާލަތު އިތުރަށް އެނގެން ބޭނުންވިނަމަވެސް، ޒައިނާ ހިމޭންކަން ޚިޔާރުކުރީ އެއީ އެންމެ ރަނގަޅު ގޮތްކަމުގައި އޭނާއަށް ވިސްނޭތީއެވެ.

އޭގެ ފަސް ވަރަކަށް މިނެޓް ފަހުން ޑޮކްޓަރު ނުކުތެވެ.

"އިޝްފާން ކިހިނެއް ޑޮކްޓަރ؟" ހާސްވެފައި އިން ޒައިނާއަށް ވަގުތާ ޙާލަތަށްވެސް ވިސްނައިލެވޭގޮތެއް ނުވިއެވެ. އެމީހުން ކައިރިއަށް އައިސް ހުއްޓުނު ޑޮކްޓަރު ފެނުމާއެކު، ފުންމައިގެން ތެދުވެ އެންމެ ފުރަތަމަ އޭނާއަށް ސުވާލު ކޮށްލެވުނީވެސް އެހެންވެގެންނެވެ. ކުރެވުނު ކަންތައް ރޭކާލީ އަނގައިން އެބަސްތައް ނުކުތް ފަހުންނެވެ. ސަވާއަށް ބަލާލުމާއެކު އޭނާ ތުންފަތުގައި ދަތް އަޅާލާފައި އިސްޖަހާލިއިރު ކޮންމެވެސް ވަރަކަށް ލަދުވެސް ގަތެވެ. އިޝްފާންގެ މަންމަ ހީކުރާނީ ކީކޭކެއްޔެވެ؟ އޭނާ ހީވަނީ ސަވާއަށް ވުރެވެސް ބޮޑަށް އިޝްފާންއާ މެދު ކަންބޮޑުވެފައި ހުރިހެން ވިއްޔާއެވެ.

ޒައިނާއަށް ވީ ގޮތް ފެނި ސަވާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މަދީހާއަށް އަވަސް ނަޒަރެއް ދީފައި ސަވާވެސް ޑޮކްޓަރުގެ ވާހަކައަށް ސަމާލުވެލިއެވެ.

"މާބޮޑު ކަމެއް ނުވޭ. ބީޕީ ދަށް ވީ. ކުރިން އިޝްފާން މިކޮޅުގައި އެޑްމިޓްކުރިއިރަށް ވުރެވެސް ހަށިގަނޑު ހީވަނީ ވަރު ދެރަހެން. ރަނގަޅަށް ނުކެވެނީތަ؟ ކެއުމުގައި ތަރުކާރީ މޭވާ ބޭނުން ކުރޭތަ؟" ޑޮކްޓަރު ސުވާލުކޮށްލިއެވެ.

"ކައި. އެކަމަކު ކެއުމުގައި ތި ދެ ބާވަތް ތަންކޮޅެއް މަދުން ބޭނުން ކުރަނީ.." މަދީހާ އެ ސުވާލަށް ޖަވާބު ދިނެވެ.

"މިވަގުތަށް އައިވީއެއް ދީފަ އެއްދުވަސް އެބްޒާވްވެސް ކޮށްލާފަ ފޮނުވާލާނީ. އެކަމަކު އެތެރެ ހަށީގެ ޑޮކްޓަރަކަށް ދައްކާލުން ރަނގަޅުވާނެ. މިކޮޅުންވެސް ބައެއް ޓެސްޓްތައް ހަދަން ލޭ ނަގައިފިން. ދެން މިކޮޅުން ނުހެދޭ ޓެސްޓްތައް ހަދަން އަތޮޅު ހޮސްޕިޓަލަށް މިއަދު ސާމްޕަލްތައް ފޮނުވާނަން. " އެހެން ބުނެފައި ޑޮކްޓަރު އެނބުރުނީ ނަރުސްކުއްޖާއާ ދިމާލަށެވެ.

"ވޯރޑަށް ޝިފްޓްކޮށްލާފަ ކޮންމެ ތިރީސް މިނެޓަކުން ބީޕީ ޗެކްކުރަމުން ގެންދޭ…" ޑޮކްޓަރު އެހެން ބުނެލާފައި ދިޔުމުން ނަރުސް ކުއްޖާ އަވަސްވެގަތީ އިޝްފާން ވޯރޑަށް ބަދަލުކުރުމަށެވެ.

އޭގެ ދިހަވަރަކަށް މިނެޓް ފަހުން އިޝްފާން ވޯރޑަށް ޝިފްޓްކުރުމުން އެތަނަށް ސަވާއާއި މަދީހާގެ އިތުރުން ޒައިނާވެސް ވަނެވެ. އޭރު އިޝްފާންއަށް އޮތީ ނިދިފައެވެ.

އިޝްފާންގެ އެނދުގެ ފައިލާކޮޅުގައި ހުއްޓިހުރެ ޒައިނާ އިޝްފާންއަށް ވަރަށް ފުން ނަޒަރަކުން ބަލާލިއެވެ. ނިދިފައި އޮތްއިރު އެމޫނުމަތި ހާދަ މައުސޫމެވެ. ހޭލާ ހުންނަ އިރާ ވަރަށް ތަފާތެވެ. އެންމެ ހިނދުކޮޅަކަށް ވެސް އެމޫނުން ނަޒަރު ވަކިކޮށްލަން ބޭނުން ނުވާފަދައަކުން ހުރި ޒައިނާ ހީވަނީ އިޝްފާންގެ މޫނު އޭނާގެ ހިތުތެރޭގައި ކުރަހާހެންނެވެ. އިޝްފާންގެ މޫނުގެ ކޮންމެ ދިމާލަކަށް އޭނާ ފަރުވާތެރިކަމާއެކު ބެލިއެވެ.

އިޝްފާން ދެފަހަރަކު އެސްފިޔަ ޖަހާލިތަން ފެނިފައި، ޒައިނާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ.

"ދަރިފުޅާ…" މަދީހާ އިޝްފާންގެ ބޮލުގައި ފިރުމާލަމުން ގޮވާލިއެވެ.

އުނދަގޫގޮތަކަށް ލޯ ހުޅުވާލި އިޝްފާންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ސީލިންގެވެ. އޭރުވެސް އޭނާގެ ބޮލުގައި ބަރުކަމެއް ހުއްޓެވެ. ވާނުވާ އެނގުމާއެކު އޭނާ ވަށައިގެން ބަލާލިއެވެ. މަދީހާއާ ސަވާގެ އިތުރުން އެތަނުގައި ހުރި ޒައިނާ ފެނުމާއެކު އިޝްފާން ހިނިތުންވާން މަސައްކަތް ކުރިނަމަވެސް، އޭނާއަށް އެކަމެއް ނުކުރެވުނެވެ.

އޭގެ އިރުކޮޅެއް ފަހުން އިޝްފާން ހަމައަކަށް އެޅުމުން މަދީހާ ސަވާ ގެއަށް ފޮނުވާލީ، މިރޭ ވެސް އިޝްފާންގެ ކައިރީގައި ކޮންމެވެސް މީހަކު މަޑުކުރަން ޖެހޭނެތީއެވެ.

*****

އެރޭ ހަތްގަޑި ބައި ހާއިރު، ސަވާއާއެކު އިޝްފާންއަށް ކާ އެއްޗެހި ހިފައިިގެން ޒައިނާވެސް އައެވެ. އޭނާ ކާއެއްޗެހި ސަވާ އަތަށް ދީފައި އިޝްފާންގެ ޙާލު އޮޅުން ފިލުވާލިއެވެ.

"ކިހިނެއް؟" އިޝްފާންއަށް ބަލާލިއިރު އިޝްފާންވެސް އޮތީ އޭނާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެހެންކަމުން ދުލުކުރިއަށް އެ ބަސް ގެނައުން ޒައިނާއަށް އުނދަގޫކަމަށްވީ، އެ ނަޒަރުގައިވި އަސަރުތަކުންނެވެ.

"އައި އެމް އޯކޭ… ޒައި… ޒައިނާ ކިހިނެއް؟" އިޝްފާން ވެސް ހަމަ އެ ސުވާލު ޒައިނާއާ ކޮށްލިއެވެ. ޒައިނާ ހިނިތުންވެލާފައި ޖަވާބު ދިނެވެ.

"މަންމަ ދެން ގޮސްލާ ގެއަށް. ޒައިނާ ދާނެ މަންމަ ގޮވައިގެން." ސަވާ އެހެން ބުނެލާފައި ގޮނޑީގައި އިށީނދެލިއެވެ.

ޒައިނާއާއި މަދީހާއާ ދެމީހުން ސިއްޚީ މަރުކަރުން ނުކުމެ ގެއަށް ދާން ހިގައިގަތެވެ. ޒައިނާ ހުރީ ނުތަނަވަސްވެފައިކަމުން މަދީހާ އެ ރަށުގެ އެކި އެކި ވާހަކަތައް ޒައިނާގެ ކައިރިން އަހާ ޒައިނާގެ އެ ބީރައްޓެހިކަން ފިލުވާލަން މަސައްކަތްކުރިއެވެ.

ގެއަށް ގޮސް މަދީހާއާއެކު، ޒައިނާ ވެސް ރޭގަނޑުގެ ކެއުމަށް އިންސާފުކުރިއެވެ. އެއަށްފަހު ޒައިނާ ކޮޓަރިއަށް ވަނުމުން މަދީހާ ސޯފާގައި ޓީވީ އަޅުވާލައިގެން އިށީނދެލީ އަށެއްގެ ޚަބަރު ބަލާލުމުގެ ބޭނުމުގައެވެ. ޓީވީ ހުޅުވާލީ ތަނާ އޭނާގެ ފޯނު ރިންގްވިއެވެ. ރައްޓެއްސެއް ވުމާއެކު ޓީވީގެ އަޑު މަޑުކޮށްލަމުން އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.

"މަދީހާ… ކިހިނެއް؟" މަދީހާގެ ރައްޓެހި ނިއުމާ ސުވާލުކޮށްލިއެވެ. އެއީ އެކުގައި ކިޔަވަން އުޅުނު އިރުގެ ރައްޓެއްސެކެވެ. މާ ބޮޑު ގުޅުމެއް ނެތްނަމަވެސް، ފެނުމުން ވާހަކަ ދައްކާލާ ހަދާލާވަރުގެ ރައްޓެއްސެކެވެ.

"އަހަރެން ރަނގަޅު. ނިއުމާ ކިހިނެއް؟" މަދީހާ އަހާލިއެވެ.

"އަހަރެން ރަނގަޅު. ވާހަކައެއް އަޑު އަހައިގެން އަސްލު މިގުޅާލީ…" ނިއުމާ ބުނެލިއެވެ.

"ކޮން ވާހަކައެއް؟" މަދީހާ ޓީވީގެ އަޑު އެކީ މަޑުކޮށްލަމުން ނިއުމާގެ ވާހަކަތަކަށް ފުރިހަމައަށް ސަމާލުކަން ދިންއިރު އޭނާގެ ހިތް ކުޑަކޮށް ނުތަނަވަސްވެސް ވެލިއެވެ.

"މީ. މަދީހާއާ ފަތުޙީ ވަރިވީތަ؟" ބުނަން ނުބުނަން ހުރެފައި ކަހަލަ ގޮތަކަށް ނިއުމާ އަހާލިއެވެ. އެ ސުވާލާއެކު މަދީހާއަށް ހައިރާންކަމެއް ލިބުނެވެ.

"ނޫން. ކާކު ދެއްކި ވާހަކައެއް ތީ؟" މަދީހާއަށް ސުވާލުކޮށްލެވުނެވެ.

"މަދީހާ ފުރަނިކޮށް ފެނިގެން މީހަކު ބުނީ… " ނިއުމާ އޮޅުން ފިލުވާލަ ދިނެވެ.

"ނޫނޭ. އަހަރެން ކަމަކު ރާއްޖެތެރެއަށް މިއައީ. އެކަހަލަ ކަމެއް ނޫން…" މަދީހާ އެ ހުރިހާ ކަމެއް ދޮގުކުރިއެވެ.

"އަހަންނަށްވެސް އެހެން ހީކުރެވުނީ ޒުހުރާ ބުނި އެއްޗަކުން." ނިއުމާ އެހެން ބުނެލިއިރު ކޮންމެވެސް އެއްޗެއް މަދީހާގެ ކައިރީގައި ބުނަން އުޅެ ނުބުނެވުގެން އުޅޭ ފަދައެވެ.

"ޒުހުރާ އިދިކޮޅު ޕާޓީ މީހަކާ އިންފަހުން އަހަރެންނާ ވަރަށް ޖައްސާލައިގެން އުޅެނީ. އެހެންވެ ކަންނޭގެ ތީ. ވާހަކައެއް ނުފެނިފަ ހުންނަނީވެސް…." މަދީހާ ބުނެލިއެވެ. އެއަށްފަހު، އޭނާ ފޯނު ބޭއްވިއެވެ. ޒުހުރާ އަކީ އޭނާގެ ކުޑައިރުގެ ރައްޓެއްސަކަށް ވިނަމަވެސް، މިފަހަކަށް އައިސް އެއްވެސް ވަރެއްގެ ގުޅުމެއް އެ ދެމީހުންގެ ނޯވެއެވެ. ފޯނު ސޯފާމަތީގައި ބާއްވާފައި ޓީވީއަށް ނަޒަރު ހުއްޓާލަން އުޅުނު ވަގުތު ވައިބާއިން ކެނޑިނޭޅި މެސެޖްތަކެއް އަންނަން ފެށުމާއެކު، ފޯނު ނަގާ ބަލާލަން މަދީހާއަށް މަޖުބޫރުވިއެވެ. ސޭވްކޮށްފައި ނެތް ނަންބަރަކަށް ވި ނަމަވެސް ވައިބާ ނަމަކަށް ޒުހޫ ޖަހާފައި އިނުމުން އެއީ ޒުހުރާކަން އޭނާއަށް ޔަޤީންވިއެވެ. މެސެޖް ހުޅުވާލުމާއެކު، ފެނުނު އެއްޗެއްގެ ސަބަބުން ލިބުނު ޝޮކާއެކު، މަދީހާގެ އަތުން ފޯނު ވެސް ދޫނުވީ ކިރިޔާއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު