އިޓާލިއަން ސެރީއާގައި ނަޕޯލީއާ އަލަށް ގުޅުނު ރޮމޭލޫ ލުކާކޫގެ ގޯލަކުން އެ ޓީމުން ޕާމާ ބަލިކޮށްފިއެވެ.
ނަޕޯލީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 2-1 އިންނެވެ.
މެޗުގެ 19 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޕާމާއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންގެ ޔޮއާން ބޮނީއެވެ. މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބުނެވެ.
މެޗުގެ ދެވަނަ ހާފުގައި ޕާމާއަށް މައްސަލަތަކާ ކުރިމަތިވީ މެޗުގެ 75 ވަނަ މިނެޓުގައި އެ ޓީމުގެ ޒިއޮން ސުޒުކީއަށް ރަތް ކާޑު ދެއްކި ހިސާބުންނެވެ. މެޗުން ނަތީޖާއެއް ހޯދަން ނަޕޯލީން ކުރަމުންދިޔަ މަސައްކަތް އިތުރުކުރިއެވެ.
މެޗުގައި ނަޕޯލީން ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ދާދި ފަހުން އެ ޓީމާ ގުޅުނު ބްލެޖިއަމްގެ ފޯވަޑް އަދި މި މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޮމެލޫ ލުކާކޫއެވެ. މިއީ އޭނާ ނަޕޯލީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މެޗުން ނަޕޯލީ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ޖަހައިދިނީ އަންޑްރޭ ފްރާންކް ޒަމްބޯ އަންގުއިސާއެވެ.
މި ކާމިޔާބީއާ އެކު ނަޕޯލީ މިހާރު އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ ހަ ޕޮއިންޓާ އެކު ތާވަލުގެ ހަތަރުވަނައިގައެވެ. ޕާމާ އުޅެނީ ހަތަރު ޕޮއިންޓާ އެކު ތާވަލުގެ ނުވަވަނައިގައެވެ.
މި މުބާރާތުގައި ލާޒިއޯއާއި އޭސީ މިލާން ބައްދަލުކުރި މެޗު 2-2 އިން ދެ ޓީމުވީ އެއްވަރެވެ. މެޗުގެ ފުރަތަމަ ލަނޑު މެޗުގެ އަށްވަނަ މިނެޓުގައި ސްޓްރަހިންޔާ ޕަވްލޮވިޗް ޖަހައިދިން ލަނޑުން މިލާނުން ލީޑު ނެގި ނަމަވެސް ދެވަނަ ހާފުގައި ވަރަށް ގާތްގާތުގައި ލާޒިއޯއިން ޖެހި ދެ ލަނޑާ އެކު އެ ޓީމުން މެޗުގެ ލީޑު ނެގިއެވެ. ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ 62 ވަނަ މިނެޓުގައި ވެލެންޓިން ކަސްޓެލާނޯސާއި 66 ވަނަ މިނެޓުގައި ބައުލާޔޭ ޑިއާއެވެ. މެޗުގެ ނަތީޖާ މިލާނަށް މެޗުގެ 72 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ ރަފައެލް ލިއާއޯއެވެ.
މި ނަތީޖާއާ އެކު ލާޒިއޯ ހަތަރު ޕޮއިންޓާ އެކު އަށްވަނައިގައި އޮތްއިރު މިލާން އޮތީ ދެ ޕޮއިންޓާ އެކު ތާވަލުގެ 14 ވަނައިގައެވެ.