ރިތިކް ދިރިއުޅުނު އެޕާޓްމަންޓްގައި ދެން އުޅޭނީ ބަތަލާ ޝްރައްދާ

ބަތަލާ ޝްރައްދާ ކަޕޫރު--ފޮޓޯ/ޕިންކްވިލާ

ބޮލީވުޑްގެ ފިލްމީ ތަރިން އަގު ބޮޑެތި އެޕާޓްމަންޓް ތަކާއި ލަގްޒަރީ ވިލާތައް ގަނެ އޭގެ ވިޔަފާރި ކުރުމަކީ އާއްމުކަމެކެވެ. ފަހަކަށް އައިސް މިފަދަ އަގުބޮޑު އެޕާޓްމަންޓް ތަކާއި ލަގްޒަރީ ވިލާތައް ވިއްކާލަނީ ވެސް އިންޑަސްޓްރީގައި މަސައްކަތްކުރާ ކޮންމެވެސް އެހެން ފިލްމީ ފަންނާނަކަށެވެ.

ދާދިފަހުން މަގުބޫލު އެކްޓަރު ރިތިކް ރޯޝަން ކުރިން ދިރިއުޅުނު އެޕާޓްމަންޓް ވިއްކާލަން ނިންމުމާ ގުޅިގެން ބަތަލާ ޝްރައްދާ ކަޕޫރު އެ އެޕާޓްމަންޓް ގަނެފައިވާ ކަމަށް ފިލްމީ ޚަބަރުތަކުން ވަނީ ބުނެފައެވެ. މުމްބާއީގެ ޖުހޫގެ ހިތްގައިމު ސަރަހައްދުގައި ހުންނަ މި އެޕާޓްމަންޓަކީ ފިލްމީ ތަރި އަކްޝޭ ކުމާރު ދިރިއުޅޭ ލަގްޒަރީ ޑުޕްލެކްސް އެޕާޓްމަންޓް ވެސް ހުންނަ އިމާރާތެވެ. އެހެންކަމުން ޝްރަދާ ދެން ވާނީ އަކްޝޭގެ އަވަށްޓެރިއަކަށެވެ.

ރިތިކް ރޯޝަން ކުރިން ދިރިއުޅުނު އެޕާޓްމަންޓް--ފޮޓޯ/ޖީކިއުއިންޑިއާ

މީގެ އިތުރުން ވެސް މި ބިލްޑިންގްގެ ވަރަށް ގިނަ އެޕާޓްމަންޓް ތަކުގައި ބޮލީވުޑްގެ ފަންނާނުން ދިރިއުޅޭއިރު މިއީ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަންނާނުންގެ މެދުގައި ވަރަށް މަގުބޫލު އިމާރާތެކެވެ. މީގެކުރިން ރިތިކްގެ އެޕާޓްމަންޓް ގަންނަން އެކްޓަރު ވަރުން ދަވަން ވެސް ހުށަހެޅި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިތިކްގެ މި އެޕާޓްމަންޓަކީ ކޮވިޑް ދުވަސްވަރު، ކުރީގެ އަންހެނުން ސުޒޭންއާ ދެ މީހުންގެ ކައިވެންޏަށް ލިބިފައިވާ ދެ ކުދިންނާ އެކު ކޮވިޑްގެ ފުރަބަންދު ދުވަސްތައް ހޭދަކުރި އެޕާޓްމަންޓް ވެސްމެއެވެ.

ދާދިފަހުން އިންސްޓަގްރާމްގެ ދެވަނައަށް އެންމެ ގިނަ ފޮލޮވާސް ތިބި އިންޑިއާގެ ސެލެބްރިޓީގެ ޝަރަފު ހޯދާފައިވާ ޝްރައްދާގެ އެންމެ ފަހު ފިލްމު "އިސްތިރީ 2"އަށް ވެސް އަންނަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބެމުންނެވެ.

comment ކޮމެންޓް