ކީރިތި ގުރުއާން ފުރަތަމަ ލިޔެވިފައި ވަނީ ނުކުތާ އާއި ފިލި ނުޖަހައިކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ

11:00


ކީރިތި ގުރުއާނަކީ އެންމެބޮޑު ނިއުމަތް ކަމަށާއި އެންމެ ފުރަތަމަ ގުރުއާން ލިޔެވިފައި ވަނީ ނުކުތާ އާއި ފިލި ނުޖަހައިކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.  


މައުމޫނު ފައުންޑޭޝަންގެ ފަރާތުން ދަރުބާރު ގޭގައި ރޭ ބޭއްވި އިހްޔާ ޕްރޮގްރާމްގެ ޖަލްސާގައި، "ތާރީހީ ނަޒަރަކުން ކީރިތި ގުރުއާން" މި މައުޟޫއަށް ވާހަކަ ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ މިޒަމާނަކީ އިސްލާމް ދީނާ ބެހޭ ގޮތުން ދީނުގެ އަދުއްވުން ތަފާތު ޝައްކުތަކާއި ވަހުމުތަކާއި ދޮގުވާހަކަތައް ފަތުރަމުންދާ ދުވަސްވަރެއްކަމަށެވެ. އަދި ދީނީ އަގީދާތަކާ ބެހޭ ގޮތުންނާއި ކީރިތި ރަސޫލާއާ ބެހޭ ގޮތުން ވެސް އެބައިމީހުން ތަފާތު ދޮގު ވާހަކަތައް ދައްކަމުންދާ ޒަމާނެއްގައި އަޅުގަނޑުމެން މުސްލިމުން ކީރިތި ގުރުއާނަކީ ކޮންއެއްޗެއްކަން އަބަދު ހަނދާންކުރަންޖޭ ކަމަށެވެ.


ރައީސް މައުމޫނު އަދި ވިދާޅުވީ، މާތް ﷲ ބާވައިލެއްވި ތަފާތު ފޮތްތަކަކީ އަޅުގަނޑުމެން އީމާންވާ ފޮތްތަކެއްކަމަށާއި ނަމަވެސް ހިތާމައަކީ އެ ފޮތްތަކުގެ ތެރެއިން އެއްވެސް ފޮތެއް އަދި އެއިން ފޮތެއްގެ ބައެއް ވިޔަސް އިތުބާރު ހުރި ގޮތެއްގައި ލިޔެވިގެން އައިސްފައި ނެތްކަމަށެވެ. އަދި އެ ނަންނަމުގައި މިހާރު ހުރި ފޮތްތަކަކީ ބަޔަކު އަމިއްލައަށް ލިޔެގެން އުޅޭ ފޮތްތަކެއްކަމަށް ވިދާޅުވެ، އެކަމުގެ ތާރީހަށް ބައްލަވައިލެއްވި އެވެ.   


ރައީސް މައުމޫނު ވިދާޅުވީ، އެހެން ފޮތްތަކާ ޚިލާފަށް ކީރިތި ގުރުއާނަކީ އެ ގުރުއާން ބާވައިލެއްވި ގޮތަށް އެއްވެސް އުނި އިތުރެއް ނައިސް ލިޔެވި ރައްކާތެރިކުރެވިގެންވާ އިތުބާރު ހުރި ޔަގީނީ ފޮތެއްކަމަށެވެ. އަދި ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ހަދީސްފުޅުތަކުގެ އަލީގަ އާއި އިސްލާމީ ތާރީހުގެ އަލީގައި ކީރިތި ގުރުއާން ރައްކާތެރިކަމާ އެކު މިހާ ހަމައަށް އައިސްފައިވާ ގޮތާއި ކީރިތި ގުރުއާނުގައިވާ ބައިތަކާއި އެ ގުރުއާން ބާވައިލެއްވި ގޮތުގެ މައްޗަށް ވެސް ރައީސް މައުމޫނު ތަގުރީރު ކުރެއްވި އެވެ.  


ރޭގެ ޖަލްސާގައި ޒަކާތާ ބެހޭ ގޮތުން، ޝައިޚް އުސްމާން އަބުދުﷲ ވެސް ވާހަކަ ދެއްކެވި އެވެ. އުސްމާނުގެ ވާހަކަފުޅުގައި ޒަކާތުގެ މުހިއްމު ކަމަށާއި ޒަކާތް ދޭން ޖެހޭ ސަބަބުތަކާއި ޒަކާތުން ލިބޭ ފައިދާތަކުގެ މައްޗަށް އަލިއަޅުވައިލެއްވި އެވެ.  އަދި މި މައްސަރަކީ ފިތުރު ޒަކާރުގެ މައްސަރު ކަމަށާއި އެ ޒަކާތަކީ މުއްސަނދިންނަށާއި ފަގީރުންނަށް ވާޖިބުވާ ޒަކާތެއްކަމަށް ވިދާޅުވެ ތެދު ނިޔަތުން ޒަކާތް ދައްކަވައިގެން ދީނުގައިވާ ގޮތަށް އެކަމުގެ ފައިދާ ލިބިގަތުމަށް އެންމެންގެ ކިބައިން އުސްމާނު އެދިވަޑައިގެންނެވި އެވެ.  ­­­

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު