19 އަހަރު ފަހުން ކޮލަމާފުށިން ބަންޑާރަ ގޯތި ދެނީ

ގއ. ކޮލަމާފުށި --

ގިނަ އަހަރުތަކަކަށް ފަހު، ގއ. ކޮލަމާފުށިން ދިރިއުޅުމަށް ޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް ގޯތި ދޫކުރަން ނިންމައިފިއެވެ.

އެ ރަށުން 28 ބަންޑާރަ ގޯތި ދޫކުރުމަށް އިއުލާންކޮށްފައިވާއިރު، އެއީ 1500 އަކަފޫޓާއި 3000 އަކަފޫޓާއި ދެމެދުގެ ގޯތިތަކެއް ކަމަށް އެ ރަށު ކައުންސިލުން ކުރި އިއުލާނުގައިވެއެވެ.

ކޮލަމާފުށިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ކުޑަ ނޫން ބިމެއް، ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައިނުވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށެވެ.

މި ކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން ކޮލަމާފުށީ ކައުންސިލްގެ މެންބަރު ރިޔާޒު ހުސައިން ވިދާޅުވީ އެ ރަށުން ގޯތި ދޫކުރުމަށް ހުޅުވާލާފައި މިވަނީ 19 އަހަރު ފަހުން ކަމަށެވެ.

ޖުމްލަ 28 ގޯތި އެ ރަށުން ދޫކުރުމަށް އިއުލާންކޮށްފައިވާއިރު، އޭގެ ތެރެއިން 13 ގޯއްޗަކީ މީގެ ކުރިން ދޫކުރެވުނު ގޯތިތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ގޯތިތަކުގައި ދިރިއުޅެން ނުފަށައި ގިނަ ދުވަސްތަކެއްވުމުން، އަނބުރައި ނެގީ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ގޯއްޗަށް އެދި ހުށަހެޅުމަށް ފުރުސަތު ހުޅުވާލިތާ 24 ގަޑިއިރުގެ ތެރޭގައި އެ ރަށުން 26 ފޯމު ލިބިފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮލަމާފުށީގައި ވެސް ވަނީ ގެދޮރުވެރިކަމުގެ މައްސަލަ ދިމާވެފައެވެ. އެ ގޮތުން ގޯއްޗަށް އެދި، މުޅި ޖުމްލަ ގާތްގަނޑަކަށް 50 ފޯމު އެ ރަށު ކައުންސިލަށް ލިބޭނެ ކަމަށް އޭނާ އަންދާޒާ ކުރެއްވިއެވެ.

ކޮލަމާފުށީ ކައުންސިލުން އެންމެ އިސްކަމެއް ދޭނީ ގޯއްޗަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ކަމަށާއި، އެ މީހުން ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައި ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ކޮލަމާފުށީ ކައުންސިލުން ކުރި އިއުލާނުގައިވަނީ ގޯއްޗަށް އެދި ހުށަހަޅާ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ސެޕްޓެންބަރު މަހުގެ 30ވަނަ ދުވަހުގެ މެންދުރުފަހު 12:00 އަށް، ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00އިން މެންދުރު 12:00އަށް ކަމަށެވެ.

ފޯމާ އެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިއުމެއް ހަމަނުވާނަމަ ފޯމުބަލައި ނުގަންނާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް