ފަރުވާ ކުޑަވެ މަޖިލީހުގެ އުފެއްދުންތެރިކަން ދަށްވެފައި

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ބޭއްވި 10 ޖަލްސާގެ ތެރެއިން ހަ ޖަލްސާއެއް ހުއްޓާލަންޖެހުނީ ކޯރަމް ގެއްލިގެނެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާގައިގައި ވެސް ފަސް ފަހަރެއްގެ މަތިން ކޯރަމް ގެއްލުނެވެ. އެންމެ ފަހުން ކޯރަމާހެދި ޖަލްސާ ޖެހުނީ ހުއްޓާލާށެވެ. މީގެ އިތުރުން މަޖިލީހުގެ އުފެއްދުންތެރިކަން ފެނިގެންދާ ކޮމެޓީތަކުގެ ހާލަތަކީ ވެސް އެއީ އެވެ. ކޮންމެވެސް އުޒުރުތަކެއްގެ ތެރެއިން އާންމު ގޮތެއްގައި ކޮމެޓީތައް ވެސް އޮންނަނީ ކެންސަލްވެފަ އެވެ.

ކޮމެޓީތަކުގެ މަސައްކަތައް ފުނިޖެހިގެން ސަބް ކޮމެޓީތަކެއް ވެސް ހަދާފައި އެބަހުއްޓެވެ. މާލިއްޔަތު ކޮމެޓީގައި ވެސް 11 ވަރަކަށް ސަބް ކޮމެޓީ ހަދާފައި އޮވެ އެވެ. އޭގެ ތެރޭގައި ތެރޭގައި ރައީސް މައުމޫންގެ އަބްދުލް ގައްޔޫމްގެ ސަރުކާރުގެ އޮޑިޓް ރިޕޯޓްތައް ދިރާސާ ކުރަން ހެދި ސަބް ކޮމެޓީތައް ވެސް ހިމެނެ އެވެ.

"ސަން ސެޓް" ގާނޫނު ފަދަ ގާނޫނުތައް ހެދުމަށް ހަދާފައިވާ މިނިވަން މުއައްސަސާތަކުގެ ސަބް ކޮމެޓީތަކުގެ މަސައްކަތް ވެސް ނުހިނގާ އޮތީ އެވެ. މީގެއިތުރުން ސުނާމީ ކާރިސާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވާން ހަދާފައިވާ ވަގުތީ ކޮމެޓީ ވެސް އެބައޮތެވެ.

ކޮމެޓީތައް އެކަށީގެންވާ ގޮތުގައި ކުރިޔަށް ނުދާ ކަމަށް މެންބަރުން ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ. މިކަން މިހެން އޮތް ނަމަވެސް މިދިއަ މާޗް މަހު ކޮމެޓީ އެލަވަންސް ނެންގެވުމަށް ދެކޮޅު ހެއްދެވި މެންބަރުން ވެސް އެލަވަންސް ނެންގެވި އެވެ.

މަޖިލީހުގެ މެންބަރަކު ވިދާޅުވި ގޮތުގައި ގިނަ މެންބަރުން ކޮމެޓީތަކަށް ވަޑައިގެން ހަމައެކަނި ސޮއިކޮށްލައްވަނީ އެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި ކޮމެޓީ ނުބައްވާ މިދިއަ މާޗް މާހުގެ 20000ރ. ގެ ކޮމެޓީ އެލަވަންސް ނެންގެވުމަށް ދެކޮޅު ހެއްދެވި މެންބަރުން ވެސް ފަހު ވަގުތު އެލަވަންސް ނެންގެވި އެވެ.

"ކޮމެޓީއަށް ހާޒިރުވިކަން އިދާރީ ގޮތުން ދެއްކުމަށް ހަމައެކަނި ހާޒިރީގައި ސޮއިކުރައްވާފައި ވަޑައިގަންނަވަނީ!" އޭނާ ވިޅުވި އެވެ.

ދެން އޮތީ މަޖިލީހުގެ ސުލޫކީ މިންގަނޑުގެ މައްސަލަ އެވެ. އެކަން ވެސް އޮތީ ކޮޅެއްގައި ނުޖެހި އެވެ. ސުލޫކީ މިންގަނޑުގެ ތެރެއަށް މެންބަރުން ގެނައުމަށްޓަކައި ސުލޫކީ ގަވާއިދު ތިން ފަހަރެއްގެ މަތިން މަޖިލީހުގެ ތަޅުމަށް ވެއްދުމުން ވެސް އަނބުރާ ވަނީ ކޮމެޓީއަށް ފޮނުވާލާފަ އެވެ.

ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އެޅޭ ގޮތަށް 2010 ވަނަ އަހަރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަވާއިދު އަނބުރާ ސުލޫކީ ކޮމެޓީއަށް ފޮނުވާލާފައި ވަނީ މިއަހަރު ފުރަތަމަ ދައުރުގަ އެވެ. އޭގެ ފަހުން އެ ގަވާއިދުގެ މަސައްކަތެއް އަދިވެސް ނުކުރެވެ އެވެ.

މެންބަރުން ވިދާޅުވި ގޮތުގައި ވަނީ މަޖިލީހުގެ މަސައްކަތުގެ ތެރެއިން އުފެއްދުންތެރިކަން އަންނަނީ ކޮމެޓީތަކުންނެވެ. ނަމަވެސް ކޮމެޓީތަކުގެ ހާލަތު އޮތީ ވަރަށް "ދަށް ފެންވަރުގައި" ކަމަށް ގިނަ މެންބަރުން ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ.

ކޮމެޓީތަކުގެ މަސައްކަތްތައް ހީނަރުވެފައިވާއިރު މަޖިލީހުގެ ކޯރަމްގެ މައްސަލައަށް ހައްލު ހޯދަން މަސައްކަތް ކުރަމުންދަނީ އާންމު ކޮމެޓީންނެވެ. އެ މަސައްކަތް ވެސް އޮތީ ގޮތަކަށް ހުއްޓިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް