6 މަސް ދުވަހުގެ ތެރޭ ކުޑަކުދިންނަށް ކުރާ އަނިޔާގެ 589 މައްސަލަ

ރޭޕް ކުރުމާއި ޖިންސީ އަނިޔާއާއި ދެކޮޅަށް މާލޭގައި ކުރިއަށް ގެންދިޔަ ހިގާލުމެއްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 589 މައްސަލައެއްގެ ރިޕޯޓު ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމަންޓުން ބުނެފިއެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 1،341 މައްސަލަ ވަނީ ރިޕޯޓު ކޮށްފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 589 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ގެވެށި އަނިޔާގެ އަމަލެއް ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަތަކެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ރިޕޯޓުކޮށްފައިވާ އަދަދު:

  • ގެވެށި އަނިޔާގެ އަމަލެއް ކުއްޖަކަށް ދެއްކުން ނުވަތަ ފެނުން: 125 މައްސަލަ
  • ޖިސްމާނީ އަނިޔާ: 119 މައްސަލަ
  • ޖިންސީ ހާނިއްކަ: 119 މައްސަލަ
  • ނަފުސާނީ ހާނިއްކަ: 37 މައްސަލަ
  • އިހުމާލު: 111 މައްސަލަ
  • އެހެން ކުދިންގެ ފަރާތުން ގަނާ ލިބުން: 24 މައްސަލަ
  • ބްލެކްމެއިލް ކުރުން: 15 މައްސަލަ
  • ކުދިން ނަހަމަގޮތުގައި ބޭނުންކުރުން: 10 މައްސަލަ
  • އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުން: ފަސް މައްސަލަ
  • އެހެން ބާވަތުގެ އަނިޔާތައް: 24 މައްސަލަ

މީގެ އިތުރުން ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 108 މައްސަލައެއް ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސްކޫލަށް ދާން ބޭނުން ނުވުމުގެ 20 މައްސަލައަކާއި ރުޅި އިސްކުރުމާއި ރުޅިގަދަވެގެން އުޅުމުގެ 24 މައްސަލައަކާއި ގެއިން ނިކުމެގެން ދިއުމުގެ 23 މައްސަލައެކެވެ. ކުޑަކުދިންގެ އަޚުލާޤާ ގުޅިގެން އެންމެ ގިނައިން ހުށަހަޅާފައި ވަނީ އެހެން ބާވަތްތަކުގެ މައްސަލަތަކެވެ. އެއީ 41 މައްސަލައެވެ.

ހަމައެއާއެކު، އާއިލާއާ ގުޅުންހުރި 166 މައްސަލައެއް ވެސް ވަނީ ރިޕޯޓު ކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ކުދިން ބެލުމުގައި ޖެހޭ 61 މައްސަލަ، ހަޟާނާގެ 36 މައްސަލަ، ދަރިންގެ ޚަރަދު ނުދިނުމުގެ ފަސް މައްސަލައިގެ އިތުރުން ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ މައްސަލައިގެ 64 މައްސަލައެވެ.

އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަނިޔާގެ 237 މައްސަލަ ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޖިންސީ ހާނިއްކަ ކުރުން: 19 މައްސަލަ
  • ޖިސްމާނީ އަނިޔާ ކުރުން: 101 މައްސަލަ
  • ނަފްސާނީ އަނިޔާކުރުމާއި، އަނގަބަހުން ކުރެވޭ އަނިޔާ: 80 މައްސަލަ
  • އިހުމާލު: ނުވަ މައްސަލަ
  • ޖިންސީ ފުރައްސާރަކުރުން: ތިން މައްސަލަ
  • ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން: 14 މައްސަލަ
  • ގަދަކަމުން ޖިންސީ ގޯނާކުރުން: ހަތަރު މައްސަލަ

އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުން އަޅާލުމާއި ބެލެހެއްޓުމުގެ 116 މައްސަލަ ޖެނުއަރީ މަހުން ޖޫން މަހުގެ ނިޔަލަށް ހުށަހަޅާފައި ވާކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެއީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅައިލައި ބެލެހެއްޓުމުގެ 94 މައްސަލައަކާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅާލައި ބެލެހެއްޓުމުގެ 22 މައްސަލައެކެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމެންޓް މިނިސްޓްރީން އެދިފައިވަނީ، ކުއްޖަކަށް ނުވަތަ މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރާކަން އެނގޭނަމަ ލަސްނުކޮށް އެކަން ރިޕޯޓުކުރުމަށެވެ.

އެގޮތުން ކުއްޖަކަށް އަނިޔާކުރާނަމަ ޗައިލްޑް ހެލްޕް ލައިން 1412 އަށް ގުޅައިގެން، އަދި އަދި އެހެނިހެން މައްސަލަތައް ރިޕޯޓުކުރުމަށް ސޯޝަލް ސާވިސް ހެލްޕްލައިން 1421 ގުޅައި ރިޕޯޓު ކޮށްދިނުމަށް ވަނީ އެދިފައެވެ.

comment ކޮމެންޓް