ޝްރަދާގެ ފިލްމަށް 59 މިލިއަން ޑޮލަރު ލިބިއްޖެ

ފިލްމީ ތަރި ޝްރައްދާ ކަޕޫރު އަދި ރާޖްކުމާރު ރާއޯ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މި މަހުގެ 15 ވަނަ ދުވަހު ރިލީޒްކުރި ބަތަލާ ޝްރަދާ ކަޕޫރު އަދި ރާޖްކުމާރު ރާއޯގެ ފިލްމު "އިސްތިރީ 2"އަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ބެލުންތެރިންގެ މެދުގައި ވެސް ފިލްމަށް ބޮޑު މަގުބޫލުކަމެއް ލިބެމުން އަންނައިރު ބޮކްސް އޮފީހުގައި ފިލްމަށް މިހާތަނަށް 500 ކްރޯޑު ރުޕީސް (59 މިލިއަން އެމެރިކާ ޑޮލަރު)ގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

މިއީ 2018ވަނަ އަހަރު ރިލީޒްކުރި މި ސީރީޒްގެ ފުރަތަމަ ފިލްމާ އަޅާ ބަލާއިރު އެތައް ގުނަ ބޮޑު އަދަދެކެވެ.

އެންމެ 120-50 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި "އިސްތިރީ2" އަކީ ކޮމެޑީ ހޮރޯ ފިލްމެއް ނަމަވެސް ދެވަނަ ފިލްމު މާބޮޑަށް ޝައުގުވެރިވާނެ ކަމަށް ފިލްމު ގެނެސްދިން މެޑްޑޮކް ފިލްމްސްއިން ވަނީ ބުނެފައެވެ.

ޝްރަދާ އަދި ރަންބީރު ކަޕޫރު ފިލްމު "ތޫ ޖޫތީ މޭ މައްކާރު"ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ

އަމަރު ކޯޝިކް ޑައިރެކްޓްކޮށް ދިނޭޝް ވީޖަން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަށް ލިބެމުން އަންނަ ތަރުހީބު ބޮޑުކަމުން ބެލުންތެރިންނަށް ވަރަށް ޚާއްސަ ޝުކުރެއް މެޑްޑޮކް ފިލްމްސްއިން ވަނީ ބުނެފައެވެ. ފިލްމު "އިސްތިރީ2"އާ އެއް ދުވަހެއްގައި ރިލީޒްކުރި ޖޯން އަބްރަހަމްގެ ތުރިލާ ފިލްމު "ވެދާ"އަށް ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމީ ތަރިންގެ ތެރޭ ހިމެނޭ 37 އަހަރުގެ ބަތަލާ މުހިއްމު ރޯލެއް ކުޅެ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ތޫ ޖޫތީ މޭ މައްކާރު"އަކީ ވެސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ. ޝްރަދާގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭ ފިލްމު "ނޯ އެންޓްރީ"ގެ ސީކުއަލް ފިލްމު ހިމެނޭއިރު މި ފިލްމުގައި ޝްރަދާ ހިމެނޭކަން ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް