ދިޔަމިގިލީ ކައުންސިލްގެ ތިޖޫރިން 6 ލައްކަ ރުފިޔާ ގެއްލިއްޖެ

ތ. ދިޔަމިގިލި: އެ ރަށު ކައުންސިލްގެ ތިޖޫރިން ހަ ލައްކަ ރުފިޔާ މަދު ކަމަށް އޮޑިޓު ރިޕޯޓުން ދައްކައިފި --

ތ. ދިޔަމިގިލީ ކައުންސިލް އިދާރާގެ ތިޖޫރީގައި ހުންނަންޖެހޭ ފައިސާގެ ތެރެއިން ހަ ލައްކަ ރުފިޔާ ގެއްލިފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުން ދައްކައިފިއެވެ.

މި މަހުގެ 19ވަނަ ދުވަހު އޮޑިޓާ ޖެނެރަލް ނެރުއްވި "ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ 2022ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓު ރޕޯޓު"ގައި ބުނެފައިވަނީ ދިޔަމިގިލީ ކައުންސިލް އިދާރާގެ ތިޖޫރީގައި ހުންނަންޖެހޭ ފައިސާ ހަމައަށް ހުރިތޯ ބެލުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު 18ގައި ޗެކުކުރިއިރު، އެތާރީޚުގެ ނިޔަލަށް ހުންނަންޖެހޭ ފައިސާ ނެތްކަން ފާހަގަކުރެވުނު ކަމަށެވެ.

އޮޑިޓު ރިޕޯޓުގައިވާ ގޮތުން 2020ވަނަ އަހަރުން ފެށިގެން ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ، ނަގުދު ފައިސާގެ ގޮތުގައި އެ ކައުންސިލްގެ އިދާރާގައި ބަހައްޓައިގެން ރޯލްކޮށްފައިވެއެވެ.

އެހެން ނަމަވެސް އޮކްޓޫބަރު 18ގެ ނިޔަލަށް އެ ކައުންސިލްގެ ތިޖޫރީގައި ބާކީ 605،438 ރުފިޔާ ހުންނަންޖެހޭ ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެން ނަމަވެސް އެ ތާރީޚުގައި ތިޖޫރީ ޗެކުކުރިއިރު، އެއްވެސް ފައިސާއެއް އޭގައި ބަހައްޓާފައިނުވާ ކަމަށް އޮޑިޓު ރިޕޯޓުގައިވަނީ ބުނެފައެވެ.

ދިޔަމިގިލީ ކައުންސިލް އިދާރާގެ ތިޖޫރީގައި ހުންނަންޖެހޭ ފައިސާގެ ތެރެއިން ގެއްލިފައިވާ ފައިސާގެ ތަފުސީލު -- އޮޑިޓު ރިޕޯޓު

ކައުންސިލް އިދާރާއިން ނަގުދު ފައިސާގެ ގޮތުގައި ނަގާފައިވާ އަދަދުގެ ތެރެއިން 455،174 ރުފިޔާ ވަނީ އަނބުރައި، އެ ކައުންސިލްގެ އެކައުންޓަށް ޖަމާކޮށްފައެވެ. އެއީ އާމްދަނީގެ ގޮތުގައި 2020ވަނަ އަހަރު ޖަމާކޮށްފައިވާ 242،400 ރުފިޔާއާއި ކައުންސިލް އިދާރާގެ އެކައުންޓުތަކުން މިދިޔަ އަހަރުގެ އޮގަސްޓު 21ގައި ނެގި ފައިސާގެ ތެރެއިން އެ ތާރީޚުގައި އެ އިދާރާގެ އެކައުންޓަކަށް އަނބުރާ ޖަމާކޮށްފައިވާ 161،053 ރުފިޔާއާއި ކައުންސިލް އިދާރާގައި ބަހައްޓާފައިހުރި ނަގުދު ފައިސާގެ ތެރެއިން މިދިޔަ އަހަރުގެ އޮގަސްޓު 21ގައި އަނބުރާ ޖަމާކޮށްފައިވާ 51،721 ރުފިޔާއެވެ.

އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައިވާ ގޮތުން ދިޔަމިގިލީ ކައުންސިލުން ޚަރަދުކުރި 1.7 މިލިއަން ރުފިޔާގެ ތެރެއިން އެ ކައުންސިލްގެ ބޭނުމަށް ޚަރަދުކޮށްފައިވާ ކަމަށް ކަށަވަރު ކުރެވިފައިވަނީ ހަމަ އެކަނި 1.4 މިލިއަން ރުފިޔާއެވެ.

ނަގުދު ފައިސާއިން ޚަރަދުކޮށްފައިވާ ކަމަށް ބެލެވޭ ޚަރަދުގެ ތެރެއިން ބާކީ ހުރި 328،482 ރުފިޔާގެ ޚަރަދާގުޅޭ ބައެއް މައުލޫމާތު ކައުންސިލް އިދާރާއިން ވަކިން ބަލަހައްޓަމުން އައި ރަޖިސްޓްރީއެއްގައި ހިމަނާފައިވީ ނަމަވެސް، އެ ޚަރަދުތަކާގުޅޭ އިތުރު އެހެން އެއްވެސް ލިޔެކިޔުމެއް ނެތްކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އެކައުންސިލްގެ އާމްދަނީ އާއި ޚަރަދުތަކުގެ ތަފުސީލް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށަހަޅާފައިނުވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ކައުންސިލް މެންބަރުންގެ ވިޔަފާރިއާއި އާމްދަނީގެ މައުލޫމާތު ވެސް ކައުންސިލަށް ހުށަހަޅާފައިނުވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގައި އޮޑިޓާ ޖެނެރަލް ލަފާދެއްވާފައިވަނީ ކައުންސިލް މެންބަރުންގެ ވިޔަފާރިއާއި އާމްދަނީގެ މައުލޫމާތު ލިޔެކިޔުމަކުން ކައުންސިލް އިދާރާއަށް ހުށަހެޅުމަށެވެ.

comment ކޮމެންޓް