ނ. ކުޑަފަރީ ބީޗުގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ކުލަބު ރަސްމީކޮށް ހުޅުވުން ފާހަގަކޮށްފިއެވެ.
އެ ރަށު ކައުންސިލުން ބުނީ އެ ކުލަބު ހުޅުވުމަކީ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.

ކުޑަފަރީގައި އިސްރަށްވެހީންނަށް ޚާއްސަ ކުލަބެއް ހުޅުވުން -- ފޮޓޯ/ ކުޑަފަރީ ކައުންސިލް
އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ މި ކުލަބުގެ ބޭނުމަކީ އެ މީހުންނަށް އިޖުތިމާޢީ މުޢާމަލާތާއި، ޖިސްމާނީ ހަރަކާތްތެރިކަމާއި، މުޖުތަމަޢުގައި ބައިވެރިވުމުގެ ފުރުސަތުތައް ފޯރުކޮށްދިނުމެވެ.
މިހާރު އެ ކުލަބުން ހަފުތާއަކު ދެ ފަހަރު ފަތާ ސެޝަންތައް ކުރިއަށް ގެންގޮސް، އެއްބައިވަންތަކަމުގެ އިހުސާސް އުފެއްދުމަށް ކޮންމެ މަހަކު ސައި ޕާޓީއެއް ބާއްވާ ކަމަށް ކުޑަފަރީ ކައުންސިލުން މައުލޫމާތު ދެއެވެ.

ކުޑަފަރީގައި އިސްރަށްވެހީންނަށް ޚާއްސަ ކްލަބެއް ހުޅުވުން -- ފޮޓޯ/ ކުޑަފަރީ ކައުންސިލް
ކުޑަފަރީގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ މި ކުލަބް ހުޅުވުން ފާހަގަ ކުރުމުގައި އެ ރަށުގެ ރައްޔިތުންނާއި، ފުލުހުންނާއި ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރީންގެ އިތުރުން ކުޑަފަރީ ސްކޫލުން ވެސް ބައިވެރިވިއެވެ.
އެ ރަށު ކައުންސިލުން ބުނީ މި ފަރާތްތަކުގެ އެއްބާރުލުމާއި އިސްނެގުމަކީ، މި ކުލަބުގެ މަގުސަދު ހަގީގަތަކަށް ހެދުމުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މި ކުލަބަކީ އިސްރަށްވެހީން ހަރަކާތްތެރިވެ، ޝާމިލުވެ، މުޖުތަމަޢާ ގުޅިގެން ތިބުމަށް އެހީއަކަށް ވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ކައުންސިލުން ބުންޏެވެ.