ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޖަވާހިރު ހޯދައިފި

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޖަވާހިރު ހޯދާފައި ވަނީ ދެކުނު އެފްރިކާގެ ބޮޓްސްވާނާއިން. ފޮޓޯ/ބީބީސީ

ދުނިޔެއިން މިހާތަނަށް ފެނުނު ދެވަނައަށް އެންމެ ބޮޑު ޖަވާހިރު ހޯދައިފިއެވެ.

ގާތްގަނޑަކަށް 2،492 ކެރެޓް ހުރި އެ ޖަވާހިރު ހޯދާފައި ވަނީ ދެކުނު އެފްރިކާގެ ގައުމެއް ކަމަށްވާ ބޮޓްސްވާނާ އިންނެވެ. ޖަވާހިރު ފެނިފައިވަނީ ބޮޓްސްވާނާގެ ވެރިރަށް ގަބޮރޯންގެ އުތުރުން ގާތްގަނޑަކަށް 500 ކިލޯމީޓަރު (300 މޭލު) ދުރުގައި އޮންނަ ކަރޯވޭ މައިނުންނެވެ.

ޖަވާހިރުގެ އަގާއި އޭގެ ފެންވަރާބެހޭ ގޮތުން ކުންފުނިން މައުލޫމާތު އާންމުކޮށްފައެއްނުވެއެވެ. ނަމަވެސް އެ ކުންފުންޏާ ގުޅުން އޮންނަ ފަރާތްތަކާ ހަވާލާދީ އިނގިރޭސިވިލާތުގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ޖަވާހިރުގެ އަގު 40 މިލިއަން ޑޮލަރަށްވުރެ ބޮޑުވާނެއެވެ.

ކެނެޑާގެ ކުންފުންޏެއް ކަމަށްވާ ލުކާރާ ޑައިމަންޑުން ހޯދި އެ ޖަވާހިރު އެއީ 1905 ވަނަ އަހަރު ދެކުނު އެފްރިކާއިން ފެނުނު 3،106 ކެރެޓްގެ ކަލިނަން ޑައިމަންޑަށް ފަހު، މިހާތަނަށް ހޯދި އެންމެ ބޮޑު ޖަވާހިރެވެ.

އޭރު ހޯދި ޖަވާހިރުގެ ގިނަ ބައިތައް ވަނީ އިނގިރޭސި ޝާހީ ތާޖުގައި ބޭނުންކޮށްފައެވެ.

ބޮޓްސްވާނާ އަކީ ދުނިޔޭގައި ޖަވާހިރު އެންމެ ގިނައިން އުފައްދާ އެއް ގައުމެވެ. ދުނިޔޭގެ ޖަވާހިރު އުފެއްދުމުގެ ގާތްގަޑަކަށް 20 އިންސައްތަ ހިއްސާކުރަނީ ބޮޓްސްވާނާއިނެވެ.

comment ކޮމެންޓް