މޯދީއަށް ވުރެ މިހާރު އިންސްޓަގްރާމް ފޮލޯވާސް ގިނައީ ޝްރަދާގެ

ބަތަލާ ޝްރަދާ ކަޕޫރު އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ--ފޮޓޯ/އީޓީވީބާރަތު

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝްރަދާ ކަޕޫރު، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ވުރެ ގިނަ އިންސްޓަގްރާމް ފޮލޮވާސް ހޯދައިފިއެވެ.

މި މަހުގެ 15ވަނަ ދުވަހު ރިލީޒްކުރި ފިލްމު "އިސްތިރީ2"ގެ ބަތަލާގެ އިންސްޓަގްރާމް ފޮލޮވާސްގެ އަދަދު އިއްޔެއާ ހަމައަށް 91.4 މިލިއަނަށް އަރާފައިވާއިރު ބޮޑު ވަޒީރު މޯދީ ފޮލޯކުރާ މީހުންގެ އަދަދަކީ 91.3 މިލިއަނެވެ.

މި އަދަދާ އެކު ޝްރަދާވެފައިވަނީ ތިންވަނައަށް އެންމެ ގިނަ ބަޔަކު އިންސްޓަގްރާމްގައި ފޮލޯކުރާ އިންޑިއާ ސެލެބްރިޓީއަށެވެ. މި ލިސްޓުގެ އެއްވަނައިގައި މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ވިރާޓު ކޮލީ އޮތްއިރު ލިސްޓުގެ ދެވަނައިގައި އޮތީ ބަތަލާ ޕްރިޔަންކާ ޗޯޕްރާއެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފޮލޮވާސް އިންސްޓަގްރާމްގައި މަދުވެފައިވީ ނަމަވެސް މޯދީގެ އެކްސް (ކުރީގެ ޓުވިޓަ) ޕްލެޓްފޯމްގައި 100 މިލިއަން ފޮލޯވާސް އެބަތިއްބެވެ.

ޝްރަދާ ކަޕޫރު ފިލްމު "އިސްތިރީ2"ގެ އެކްޓަރު ރާޖްކުމާރު ރާއޯއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ޝްރަދާގެ ސޯޝަލް މީޑިއާ އެކައުންޓުތައް ސަޕޯޓަރުންގެ ލައިކްތަކުން ފުރިފައިވާއިރު ބަތަލާގެ ފިލްމު "އިސްތިރީ2"އަށް ބޮކްސް އޮފީހުގައި 300 ކްރޯޑު ރުޕީސް ފަހަނައަޅައި ގޮސްފައިވާތީ ބަތަލާ އަންނަނީ އެކަމުގެ އުފާފާޅު ކުރަމުންނެވެ. ޝްރަދާގެ ކެރިއަރުގެ އެންމެ ކާމިޔާބު ފްރެންޗައިސް ކަމަށްވާ "އިސްތިރީ"ގެ ދެވަނަ ފިލްމަކީ އެންމެ 50 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.

ޝްރަދާ އަންނަނީ "ނާގިން"ގެ ނަމުގައި ވިޝާލް ފޫރިއާ ޑައިރެކްޓްކުރާ ފިލްމެއްގައި ވެސް މަސައްކަތް ކުރަމުންނެވެ. މި ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

comment ކޮމެންޓް