ކުއްލި ޙާލަތުގައި ބަލިމީހުން އުފުލުމަށް ބޭނުންކުރާ މޯލްޑިވިއަންގެ ސީޕްލޭންގެ ޑިމާންޑް ވަރަށް ކުޑަ ކަމަށް ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
އަމީން މިފަދައިން ވިދާޅުވެފައި ވަނީ ރަސްމީ އެކައުންޓުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި އަމީން ވިދާޅުވެފައި ވަނީ ވޭތުވެދިޔަ ފަސް މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ސިއްހީ ވަސީލަތްތަކާއި މުވައްޒަފުންނާއެކު ހާއްސަ ޑީއެޗްސީ-8 މަތިންދާބޯޓެއް ބޭނުންކުރަން ފެށުމާއެކު، ބޭސްފަރުވާއަށް މީހުން އުފުލުމަށް ފްލޯޓްތަކުގައި ބޭނުންކުރާ މޯލްޑިވިއަންގެ ސީޕްލޭންތަކުގެ ޑިމާންޑު ވަރަށް ބޮޑަށް މަދުވެފައި ވާކަމަށެވެ.
އަދި ބައެއް މަސްތަކުގައި އެއާ އެމްބިއުލާންސްގެ ޚިދުމަތުގައި ބޭނުންކުރާ ސީޕްލޭނަށް އެއްވެސް ރިކުއެސްޓެއް އައިސްފައި ނުވާކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރުގެ ޕޯސްޓުގައި ވަނީ ޑިމާންޑު ދަށްވި ނަމަވެސް ރައްޔިތުންނަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި މޯލްޑިވިއަން އެއާގެ ސީޕްލޭން ދަތުރުތަކުގެ ތެރެއިން މެޑިކަލް ޗާޓަރުތަކަށް އިސްކަންދެވޭނެކަން ފާހަގަކޮށްފައެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތް ސިއްޚީ ވުޒާރާއާ އާސަންދައާ އެންސްޕާ ގުޅިގެން ފަށާފއި ވަނީ މިއަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަހުގައެވެ. މި ޚިދުމަތް ފުޅާކޮށް ސީޕްލޭން މެދުވެރިކޮށް މި ޚިދުމަތް ދޭން ވަށާފައި ވަނީ އެ މަހުގެ 15ވަނަ ދުވަހުގައެވެ.
މިކަމަށް ބޭނުންކުރަމުންދާ ސީޕްލޭނަކީ ސަލާމަތީ ގޮތުން ރައްކާތެރި އަދި އިތުބާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޑީއެޗްސީ-6ގެ ބޯޓެކެވެ.