ދުނިޔޭގެ އެންމެ ދުވަސްވީ މީހާ ކަމަށްވާ މާރިއާ ބްރަނިއާސް އުމުރުން 117 އަހަރުގައި ސްޕެއިންގެ ނާސިން ހޯމެއްގައި މަރުވެއްޖެއެވެ.
އޭނާ ވަނީ ދުނިޔޭގެ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަދި ދެވަނަ ހަނގުރާމައިގެ ދުވަސްވަރާއި ތާރީޚީ މުހިންމު އެތައް ހާދިސާތަކެއް ހިނގަފާއިވާ ދުވަސްވަރު ދުނިޔޭގައި ދިރިއުޅެފައެވެ.
ނާސިން ހޯމާއި އޭނާގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުގެ ތަރުޖަމާނަކު އަންގާރަ ދުވަހު ބުނީ, ބްރަނިޔާސް މަރުވީ ނިދާފައި އޮއްވައި ކަމަށެވެ.
ގިނިސް ވޯލްޑް ރިކޯޑްސްއިން ދުނިޔޭގެ އެންމެ ދުވަސްވީ މީހާ ކަމަށް ބްރިނިއާސް ކަނޑައަޅާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.
"މާރިއާ ބްރަނިޔާސް އަހަރެމެން ދޫކޮށްލާފައި ދިޔައީ އޭނާ ބޭނުންވި ގޮތަށް އެއްވެސް ވޭނަކާ ނުލައި،" އޭނާގެ އަންހެން ދަރިފުޅު މެނޭޖްކުރާ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި އިއުލާނުކޮށްފައިވެއެވެ.
ބްރަނިޔާސް ވަނީ އޭނާގެ ވަގުތު ޖެހިއްޖެ ކަމަށް ބުނެ މި ހަފުތާގެ ކުރީކޮޅު ސޯޝަލް މީޑިއާގައި ޕޯސްޓެއް ވެސް ކޮށްފައެވެ.
"އަހަރެން ވަރަށް ބަލިވެއްޖެ. ވަގުތު ޖެހިއްޖެ. ހިތާމަ ނުކުރޭ. އަހަންނަކީ ރޯ މީހެއް ނޫން. އަހަރެންދާ ކޮންމެ ތަނެއްގައި އަހަރެން އުފަވާނެ،" އެ ޕޯސްޓުގައި ބުނެފައިވެއެވެ.
ނާވަރަ ސަތޭކަ ހަތްވަނަ އަހަރުގެ މާޗު މަހުގެ ހަތަރުވަނަ ދުވަހު ކެލިފޯނިއާގެ ސެން ފްރެންސިސްކޯއަށް އުފަން ބްރަނިއާސް އާއިލާއާ އެކު ސްޕެއިންގެ ކެޓަލޯނިއާއަށް ބަދަލުވީ އޭނާގެ އުމުރުން ހަތް އަހަރުގައެވެ.
ބްރަނިއާސް ވަނީ 1918 ވަނަ އަހަރު ކުރިމަތިވި، ސްޕެނިޝް ފްލޫ ބަލިމަޑުކަމާއި، 1936-1939 އަށް އެ ގައުމުގައި ހިނގި ދާޚިލީ ހަނގުރާމައާއި، ދުނިޔޭގެ ބޮޑު ދެ ހަނގުރާމައިގެ އިތުރުން އެންމެ ފަހުން މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ވެސް ދުނިޔޭގައި ދިރިއުޅޭފައެވެ.
ސަތޭކަ ސަތާރަ އަހަރުގައި މަރުވި ބްރަނިއާސްއަކީ ދުނިޔޭގެ ރިކޯޑު ފޮތުގެ ތާރީޚުގައި 12 ވަނައަށް ރިކޯޑު ކުރެވުނު އެންމެ ދުވަސް މީހާއެވެ. ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ މީހާގެ މަގާމު ކުރިން އޮތީ 122 އަހަރާއި 164 ދުވަހު ދުނިޔޭގައި ހުރި ފްރާންސްގެ އަންހެނެއް ކަމަށްވާ ޖީން ކަލްމެންޓްއެވެ.