ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި ޕީޕީއެމަށް ވެސް ފުރަތަމަ ބުރުން ކާމިޔާބު ކުރެވޭވެރުގެ ސާފު މެޖޯރިޓީއެއް ނުނެގޭނެ ކަމަށާއި އިންތިހާބުގެ އެންމެ ފަހު ވަގުތު ގޮތެއް ނިންމާނީ ކުދި ޕާޓީތަކުން ކަމަށް ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރޭ ދިޓީވީގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ 2008 ވަނަ އަހަރު ރާއްޖޭގެ ޑިމޮކްރަސީގެ ޅަފަަތުގައި މަލްޓިޕާޓީ އެކުލެވޭ ރިޔާސީ އިންތިހާބެއް ބޭއްވުމުން އާންމުން ކަންކުރި ގޮތާއި 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އާންމުން ކަންކުރާނެ ގޮތް ވަރަށް ތަފާތުވާނެ ކަމަށެވެ. އަދި ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ސާފުކޮށް ވޯޓްދޭނީ ދޭނީ ދެ ލައިނަކަށް ކަމަށާއި އެއީ ޕީޕީއެމް އާއި އެމްޑީޕީ ކަމަށެވެ.
~
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ބޮޑު ދެ ޕާޓީ އަށް [ޕީޕީއެމް އާއި އެމްޑީޕީ އަށް] ރައްޔިތުން ވޯޓް ދޭނީ. އެހެން ޕާޓީތަކަށް ލިބޭނީ ކުރީ ފަހަރު ލިބުނު ވޯޓަށް ވުރެ ވެސް ދަށް އަދަދެއް،" އުމަރު ވިދާޅުވި އެވެ.
އެގޮތަށް ނަތީޖާ ނުކުންނާނެ ސަބަބެއް ކަމަށް އުމަރު ވިދާޅުވީ ރާއްޖޭގައި ހިނގަނީ ކޮން ފިކުރެއްކަން ރައްޔިތުން މިހާރު ދެނެގެންފައިވުން ކަމަށެވެ.
"މިހާރު [ރައްޔިތުންނަށް] ވަރަށް ބޮޑަށް ފިކުރު އެނގިއްޖެ މިރާއްޖޭގައި އޮތީ ދެ ފިކުރެއް. އެއީ މުހައްމަދު ނަޝީދުގެ ރާ ބޮވޭނެ ބޮވެން ޖެހޭނެއޭ ބުނާ ފިކުރާއި ރައީސް މައުމޫންގެ ގައުމިއްޔާތާއި ދީން ހިމާޔަތް ކުރުމުގެ ފިކުރު، އެ ދެ ފިކުރަށް ވޯޓް ދޭނީ،"
އުމަރު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ފިކުރާއި ރައީސް މައުމޫންގެ ފިކުރާ ދެ ފިކުރުންކުރެ ގޮތެއް ހިޔާރު ނުކުރެވޭ ނުވަތަ އެ ދެ ބޭފުޅުންނާ ހިތްހަމަނު ޖެހޭ ބަޔަކު ތިބި ނަމަ އެބަޔަލު ބާކީވެ މައިނޯރިޓީއަށް ވެގެންދާނެ ކަމަށެވެ.
"އެހެން ނަމަވެސް މައިގަނޑު ދެ ފިކުރަށް ވެސް ރިޔާސީ އިންތިހާބުގައި ސާފު މެޖޯރިޓީއެއް ނުނެގޭނެ. [އިންތިހާބުގެ ދެވަނަ ބުރުގައި] ގޮތް ނިންމާނީ ކުދި ޕާޓީތައް އެމީހުން ހިޔާރު ކުރާ ފިކުރެއް މޮޅުވާނީ މާނައަކީ އެމްޑީޕީއަށް ވެސް ޕީޕީއެމްއަށް ވެސް ފުލް މެޖޯރިޓީ ނެގިދާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނެއޭ. އެކަމަކު މެދުތެރޭގައި މިތިބޭ މީހުން އެމްޑީޕީއާއި ޕީޕީއެމާ ދެ ޕާޓީން ކުރެ، އަރާ ކޮޅެކޭ ނަތީޖާ ނެރުމުގައި ބަރުވާނީ،"