ރާއްޖޭގައި ފުރަތަމަފަހަރަށް ދިވެހިންނާއި ބިދޭސީންނަށް ބެޑްމިންޓަން މުބާރާތެއް ބާއްވަނީ

47 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ތެރެއިން: ދިވެހިންނާ ބިދޭސީންނަށް ބައިވެރިވެވޭ ބެޑްމިންޓަން މުބާރާތެއް ރާއްޖޭގައި ބާއްވަނީ --- ސަން ފޮޓޯ: އަޙްމަދު އައިމަން އަލީ

ދިވެހިންނާއި ބިދޭސީންނަށް ބައިވެރިވެވޭ ގޮތަށް "ބެންޑްމިންޓަން ޗެލެންޖް 2024"ގެ ނަމުގައި މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މިއީ ފުރަތަމަ ފަހަރަށް ރާއްޖޭގައި އުޅޭ ބިދޭސީން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ ކޮންމެ ޓީމެއްގައި ވާދަކުރެވޭނީ ދެ މީހުންނަށެވެ. އަދި، އަންހެން ކުޅުންތެރިންނާއި ފިރިހެން ކުޅުންތެރިން މި މުބާރާތުގައި ވާދަކުރާނީ ދެ ކެޓެގަރީ ވަކިންނެވެ.

މި މުބާރާތުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކަށް 350 ރުފިޔާ ދައްކައިގެން ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި މުބާރާތުގެ އަންހެން ކެޓަގަރީގައި ޖުމްލަ 20 ޓީމެއް ކުޅޭނެއެވެ. އޭގެތެރެއިން 19 ޓީމުގައި ވާދަކުރާނީ ދިވެހިން ކަމަށްވާއިރު، އެއް ޓީމުގައި ވާދަކުރާނީ ބިދޭސީންނެވެ.

ފިރިހެން ކެޓަގަރީއަށް ބަލާއިރު، އެ ކެޓެގަރީގައި 53 ޓީމެއް ވާދަކުރާނެއެވެ. އެގޮތުން، 35 ޓީމެއްގައި ދިވެހި ކުޅުންތެރިން ވާދަކުރާއިރު، ބާކީ 18 ޓީމުގައި ކުޅޭނީ ބިދޭސީންނެވެ.

އަންނަ އާދިއްތަ ދުވަހު މި މުބާރާތުގެ މެޗުތައް ފަށާއިރު، ހޮނިހިރު ދުވަހުގެ ނިޔަލަށް މެޗުތައް ކުޅޭނެއެވެ. ކޮންމެ ދުވަހަކު ވެސް ހަވީރު 4:00 ޖަހާއިރު މެޗު ފަށާނީ މާލެ އެކުވެނި ބެޑްމިންޓަން އިންޑޯ ސްޓޫޑިއޯގައެވެ.

މުބާރާތާ ގުޅުން ހުރި އިތުރު މައުލޫމާތުދެމުން މުބާރާތް އިންތިޒާމުކުރުމޔގައި ހަރަކާތްތެރިވާ ތޯމަސް އެންތަނީ 'ސަން'އަށް ބުނީ، މުބާރާތުގައި ބައިވެރިވާ ދިވެހިންގެ އަދަދު ގިނަ ކަމަށެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުން މި މުބާރާތުގައި އަންނަނީ ބައިވެރިވަމުން. މުބާރާތް މޮނިޓާ ކުރާނީ އިންޓަނޭޝަނަލް ފެންވަރުގައި ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތައް" ތޯމަސް ބުންޏެވެ.

މީގެއިތުރުން، މި މުބާރާތަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކަން ތޯމަސް ވަނީ ފާހަގަކޮށްފައެވެ.

ތޯމަސް ބުނީ، މި މުބާރާތަކީ ރާއްޖޭގައި ސޯޝަލް ކެޓަގަރީގައި ބެޑްމިންޓަން ކުޅޭ ފަރާތްތަކަށް އަމާޒުކޮށްފައިވާ މުބާރާތެއް ކަމަށާއި އެ ކެޓެގަރީގެ ފަރާތްތަކަށް މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބެނީ ވަރަށް މަދުން ކަމަށެވެ.

މުބާރާތުން ވަނަތަކަށްދާ ފަރާތްތަކަށް ވަނީ އަގުހުރި އިނާމުތަކެއް ހުށަހަޅާފައެވެ. އެގޮތުން، މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން އެއްވަނައަށް އަަންނަ ޓީމަކަށް 15،000 ރުފިޔާއާއި ދެ ޓްރޮފީ ލިބޭއިރު ދެވަނައަށް އަންނަ ޓީމަކަށް 8000 ރުފިޔާއާއި ދެ ޓްރޮފީ ލިބޭނެއެވެ.

މުބާރާތުގެ ސެމީ ފައިނަލިސްޓުންނަށް 4000 ރުފިޔާއާއި ހަތަރު ޓްރޮފީ ލިބޭއިރު، ކުއާޓާ ފައިނަލިސްޓުންނަށް 2000 ރުފިޔާއާއި އަށް ޓްރޮފީ ދިނުމަށް ވަނީ ނިންމާފައެވެ.

އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރުކު ވެސް މި މުބާރާތް ބާއްވާނެ ކަން ފާހަގަކޮށް ތޯމަސް ބުނީ، އަންނަ އަހަރުން ފެށިގެން މުބާރާތުގެ ކެޓެގަރީތައް އިތުރުކުރާނެ ކަމަށެވެ.

comment ކޮމެންޓް