މަކުނުވިދުރި ނުވަތަ މަންކީޕޮކްސްގެ ހާލަތު ދެނެގަނެ ބައްޔާ ގުޅިގެން ވާންޖެހޭ ތައްޔާރީތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވާން ފަށައިފިއެވެ.
މިކަމާ ގުޅިގެން އެ އެޖެންސީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ މަކުނު ވިދުރިއަކީ، ބައިނަލްއަގްވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ ބައްޔެއް ކަމަށް މި މަހުގެ 14ވަނަ ދުވަހު ދުނިޔޭގެ ސިއްޚަތު ޖަމިއްޔާއިން ކަނޑައަޅާފައި ވާކަމަށެވެ.
އަދި މި ހާލަތު އިއުލާންކޮށްފައި ވަނީ ކުރިން މި ބައްޔަކީ އެފްރިކާ ސަރަހައްދުގައި އޮތް ބައްޔެއް ނަމަވެސް މިހާރު މި ބަލީގެ އައު ސްޓްރެއިނެއް ފެނި އެހެން ގައުމުތަކަށް މި ބަލި ފެތުރެމުން ދާތީ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ބުނީ މި ބަލި ހަލުވިކަމާއެކު ފެތުރެނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާއި އެފްރިކާގެ ބައެއް ގައުމުތަކުގައި ކަމަށެވެ. އަދި 2022ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް 116 ގައުމަކުން މިބަލީގެ 99،000 ކޭސް ފެނިފައި ވާކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެމްޕޮކްސްގެ މިހާރު ފެތުރެމުންދާ ސްޓްރެއިން އާންމު ގޮތެއްގައި ފެތުރެނީ ޖިންސީ ގުޅުމުން ކަމުގައި ވީނަމަވެސް އެހެން ގޮތްގޮތުން ވެސް ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެގޮތުން ބަލި ޖެހިފައި ހުންނަ މީހާގެ ހަމުގައި ހުންނަ ބިހިތަކުން ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުމުން ބަލި މީހާ ބޭނުންކުރާ ހެދުން، ތުވާލި އަދި ބެޑްޝީޓުފަދަ ތަކެތީގައި ޖެހުމުން ބަލި ފެތުރެއެވެ. އަދި ނޭވާލާ ނިޒާމުގެ ޒަރީއާއިންނާއި ބަލި ޖެހިފައިވާ ޖަނަވާރަކާ ކޮންޓެކްޓްވުމުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ބުނީ މި ބައްޔަށް ހާއްސަ ފަރުވާއެއް ހޯދިފައި ނެތް ނަމަވެސް ބަލި ޖެހިފައިވާ މީހާގެ ކިބައިން ފެންނަ އަލާމާތްތައް ސަޕޯޓިވް ފަރުވާ ފޯރުކޮށްދެވޭނެ ކަމަށެވެ.
ދުނިޔޭގެ ގައުމުތަކުގައި މި ބަލި ފެތުރެމުންދާތީ އެޗްޕީއޭއިން ދަނީ ބަލީގެ ހާލަތު މޮނިޓާކޮށް މި ބައްޔާ ގުޅިގެން ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. އަދި ރާއްޖެއަށް ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ބަލައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމާއި ބައްޔަށް ޓެސްޓުކުރުމާއި އެކަމާގުޅިގެން ވާންޖެހޭ ތައްޔާރީތައް ވަމުން ދާކަމަށް އެޗްޕީެއޭއިން ވަނީ ބުނެފައެވެ.
މި ބަލީގައި އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުންއައުން ގައިގާ ރިއްސުން ވަރުބަލިވުން، ގޮށްލުން އަދި ހަމުގައި ބިހިނެގުންފަދަ އަލާމާތްތައް ހިމެނެއެވެ.