"ކެތްތެރިވުން، ޝުކުރުކުރުން، ﷲއަށް ވަކީލުކުރުން އަދި ދުޢާކުރުން ދުވާލުގެ ތާވަލުގައި ހިމަނާށެވެ."

***

"ކިޔައިދޭށޭ....." މާޒިމް ގެ އަޑު ގުގުމާލިއެވެ. ވާހަކަ ދައްކަން އުނދަގޫ ވެފައި ހުރި އުލްފާ ސިހިފައި ވާހަކަ ދައްކަން ފެށިއެވެ. އުރުޖުވާން އަށް ވެސް ސޯފާ އިން ތެދުވެ އޭނާ އާއި ދިމާއަށް ދެވުނީ މާޒިމް ރުޅިގަދަވެގެން އުލްފާގެ ގައިގާ ޖަހާފާނެ ކަމަށް ހިތާއެވެ. އުލްފާ ހުރިހާ ސިއްރެއް ހާމަކޮށް ނިމުނުއިރު އުރުޖުވާންގެ ލޮލުން އޮހެމުން ދިޔަ ކަރުނަތަކާއެކު ހިތް ގޮވަމުންދިޔައީ މާޒިމްގެ ހިމާޔަތަށް ދިޔުމަށެވެ. އަހްމަދުގެ ހަނދާނަށް އައީ އޭނާ އާއި ނާޝިދު ދެކެވުނު ވާހަކަތަކެވެ. ޖައިލަމް އާއި ބައްދަލުވުމަށްފަހު ނާޝިދު އަށް ވެސް އެ ސިއްރު އެނގިފައިވާ ކަން އޭނާގެ ހިތް ބުނަމުންދިޔައެވެ.

" އައި ވިލް ކިލް ހާ ފޯ ޝުއަ...." މާޒިމްގެ ލޮލުގައިވީ ޔަގީންކަމަކުން އުރުޖުވާންގެ ގައިން ހީބިހި ނަގައިދިޔައެވެ. އުރުޖުވާންގެ ފައިން ވާގިނެތޭހެން ހީވެ ސޯފާގައި އިށީނުމަށް ތިރިވެލެވުނެވެ.އުލްފާ އުރުޖުވާންގެ ފައި ދަށަށް ވެއްޓި މާފް ކުރުމަށްއެދި އާދޭސްކުރަމުން ދިޔައެވެ. މުޅިތަނުގައި ހަރުލާފައި ހުރީ އޭނަގެ ރުއިމުގެ އަޑެވެ. އުރްޖުވާން ބޭނުންވީ އުލްފާ އަވަހަށް އެތަނުން ދިޔުމަށެވެ. އުލްފާގެ މޫނަށް ނަޒަރު ހުއްޓަންވެސް ފަސޭހައެއްނުވިއެވެ. މާޒިމް ވެސް އަމުރުކުރުމުން އެދުމުން ޝާނީ އާއި ދެމީހުން އެކީ ދާން ހިނގައިގަތެވެ. ދަމުންވެސް އުލްފާ އެދުނީ މާފަށެވެ.

"ކީއްވެ އަހަރެން....." އުރުޖުވާން ގެ ހިތް ފަޅައިގެން ދާވަރުވިއެވެ. އެ ލޮލުން އޮހުނު ކަރުނަ ތިކިތައް ކޯތާފަތް މައްޗަށް އެޅުނުތަން ބަލަން ހުރި މާޒިމް ގެ ހިތް ހީވީ އެފުށް މިފުށަށް ޖެހުނު ހެންނެވެ. އުރުޖުވާން ގެ ސިކުނޑީގައި އެނބުރެމުންދިޔައީ ބޮޑު ކޯޅުންގަނޑެކެވެ. އޭނާގެ ހަޔާތަށް މި ފަދަ ހިތްދަތި ކަމެއް ވެރިވާން ޖެހުނީ ކޮން ސަބަބަކާއި ހުރެހެއްޔޭ ހިތާ ހިތުން ސުވާލުކުރެވެމުން ދިޔައީ ހެއްދެވި ފަރާތުގެ ރޭވުންތެރިކަން ހިތުގެ ކަނެއްގައި ބާއްވައިގެންނެވެ. އެއީ ކުރަން ހެޔޮ ސުވާލެއް ނޫން ކަން ގަބޫލުކުރެވެއެވެ. ނަފްސު އެކަމަށް އިންކާރުކުރާ ހާލުގައެވެ.

" އުރުޖުވާން....ތި ހުރިހާ ތަކުލީފެއްގެ ބުރައެއް އުފުލަން ޖެހޭނީ އަހަރެން...ފަރަހް އަށް އެ ހިތި ދައްކާނަން....އެއްވެސް ރަހުމެއް ނެތި...." މާޒިމްގެ ސިކުނޑީގައި އެވަގުތު އެނބުރެމުން ދިޔައީ ބަދަލުހިފުމުގެ ރޫހެވެ.

" ވަޓް ޑޫ ޔޫ މީން....މާޒް ބުނެބަލަ އަޅެ...މަގޭ މާމަ އަލުން މި ދުނިޔެއަށް ގެނެވޭނެތަ؟....ފަރަހް ކުރި ކަމެއް ނުވާ ކަމަކަށް ހެދޭނެތަ؟" އުރުޖުވާން ގެ އަޑުގައިވީ ރުޅިވެރިކަން ފޮރުވައެއް ނުލެވުނެވެ. އެ ސާފު ހިތުގައި އަނދަމުންދިޔަ ނަފްރަތުގެ ހޫނުކަން އެ އަޑުގައި ވިއެވެ.

" ނޫން އެއީ ވާނެ ކަމެއް ނޫން....އެކަމަކު...މުސްތަޤުބަލުގައި ވާން އޮތް ގޮތް ކަނޑައެޅޭނޭ އިޚްތިޔާރު އަހަރެންގެ އެބަ އޮތް..." މާޒިމް އަހްމަދުގެ ކުރިމަތީގައި ހުއްޓުނެވެ. އުރުޖުވާން އަށް މާޒިމް ކިޔާ އެއްޗެއް ދޭހައެއް ނުކުރެވި ހުރެވުނީ އޭނާގެ ހިތާމައިގެ ތެރޭގައިއެވެ.

" އައި ވިލް މެރީ ހާ.....އައި ވިލް މޭކް ހާ ލައިފް އަ ލިވިން ހެލް...." މާޒިމް އަތް މުށްކަވާލައި އޭނާގެ ސިކުނޑީގައި ރޭވި ރޭވުން ފާޅުކުރިއެވެ. އުރުޖުވާން ސިހިފައި މާޒިމްގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. ހަގީގަތުގައިވެސް އަޑުއިވުނީ ހަމަ ރަނގަޅަށް ހެއްޔެވެ؟އަހްމަދުވެސް ސިހުނެވެ. އުރުޖުވާން ތެދުވެގެން ހިނގައިގަތީ މާޒިމް އާއި ދިމާއަށެވެ. މަޑު ފިޔަވަޅުތަކެއްގައެވެ. މާޒިމް ގެ މޫނުން ނަޒަރު ވަކިނުކޮށެވެ. އުރުޖުވާންގެ އަތުގެ ހޫނު އެތިފަހަރެއް މާޒިމްގެ މޫނަށް އެރިއެވެ. ކިތަންމެ ރުޅިގަދަވިޔަސް އެގޮތަށް އަތް އިސްކޮށްފާނެކަމަށް އެކަކުވެސް ހިޔެއްނުކުރެއެވެ. އަހްމަދުވެސް ސިހޭގޮތްވިއެވެ.

" ހީނުކުރަން...މާޒިމް ތިހާ މޮޅުވާނެ ކަމަކަށް....މިއީ އެކްޓެއް ދޯ....ހީކުރީތަ އައިމް ދެޓް ސްޓުޕިޑް އޭ.....ނެވަ އެކްސްޕެކްޓެޑް ޔޫ ޓު ބިކަމް ދިސް ލޯ....މާމަ މަރާލީ އޭ ކިޔައި ހުސް ދޮގު ސްޓޯރީ އެއްތާ...ތި ޑްރާމާ ނުޖައްސާ ހަމ އިނީމަ ވީނުން.....ޔޫ ކޭން ސްޕެންޑް ޔޯ ހޯލް ލައިފް ވިތް ހާ ޖަސްޓް ލައިކް ޔަސްޓަޑޭއި...." އުރުޖުވާން ގެ ހިތުގައި ވި ހުރިހާ ރުޅިއެއް ބަންޑުންކޮށްލިއެވެ. އެ ލަފުޒުތަކަން މާޒިމްގެ ހިތަށް ތަދުވިއެވެ. އުރުޖުވާން ގެ މޫނަށް ބަލަން އުނދަގޫ ވިއެވެ. އުރުޖުވާންގެ ހިތުގައި އޭނާގެ ދަރަޖަ އެހާ ދަށް ވެދާނެ ކަމަކަށް ދުވަހަކު އުންމީދެއް ނުކުރެއެވެ.

މާޒިމް އެ ދެއްކި ވާހަކައިގައި ހަގީގަތެއް ވާކަން އަހްމަދުއަށް އެނގެއެވެ. ނަމަވެސް ފަރަހް އާއި އިނުމަށް އޭނާގެ ހިތްވެސް ދެކޮޅުހަދައެވެ. މާޒިމް ބަދަލުހިފުމުގެ ރޫހުގައި ނިންމި ނިންމުމެއްކަން އޭނާގެ ހިތް ބުނަމުންދިޔައެވެ. އުރުޖުވާން އަށް އެކަން ވިސްނަދޭންވެސް ބޭނުންވިއެވެ.

" ދަރިފުޅާ...ހަމަޖެހިބަލަ...ތިހެން ރުޅި އިސްކުރުމުން އިތުރަށް ހަމަނުޖެހުން އުފެދޭނީ...ކަންތައްތައް ހައްލު ވާނީ ރީއްޗަށް ވާހަކަ ދައްކައިގެން..." އަހްމަދު އުރުޖުވާންގެ އަތުގައި ހިފިއެވެ.

"ނޫން...ދައްކަން ޖެހޭ ވާހަކަތައް ނިމިއްޖެ....އައި ވޯންޓް ޓު ލީވް....އޭޒް ފާ އޭޒް އައި ކޭން ގެޓް އަވޭއި ފްރޮމް ހިމް...." އުރުޖުވާން ގެ އަޑު ތުރުތުރުލިއެވެ. އޭނަގެ ހަށިގަނޑުން ވަރުދޫވާގޮތްވުމުން އަހްމަދުގެ ކޮނޑުގައި ބޯ އެޅިއެވެ. މާޒިމް ހުރީ އިސް ޖަހާލައިގެން ބަސްހުއްޓިފައެވެ. އަމިއްލަ ނަފުސް ދިފާއު ކުރަން ދައްކާނެ ވާހަކައެއް ނެތީއެވެ. އަހްމަދު ވާހަކަ ދައްކަން އަނގަ ހުޅުވުމުން މާޒިމް އަތުގެ އިޝާރާތުން އޭނާ ހުއްޓުވާ ބޯ ހޫރާލީ އެއްވެސް ގޮތަކަށް އުރުޖުވާން އަށް ވިސްނަދޭން މަސައްކަތް ނުކުރުމަށެވެ. ހާލަތުގެ ގޮތުން އުރުޖުވާން ގަބުލުނުކުރާނޭ ކަން އެނގޭތީއެވެ. އޭނާގެ މާމަ އެފަދަ ގޮތެއްގައި މަރުވިކަން ގަބޫލުކުރަން ހިތް ދެކޮޅުހަދަނީ ކަމަށް ވެސް ވެދާނެއެވެ. އުރުޖުވާންގެ ނިންމުން ބަދަލުކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. ފަރަހް ގެ ފަރާތުން ބަދަލު ހިފާފައި ނޫން ގޮތަކަށް ދޫ ނުކުރާން ހިތުގައި އަޒުމް ކަނޑައެޅިއެވެ.

" ޕްލީޒް އާދޭސް ކޮށްފަ ބުނަން.....ޖަސްޓް ޓޭކް މީ އަވެއި...." އުރުޖުވާން އާދޭސް ކުރިއެވެ. އަހްމަދު ދަބަސްތައް ނަގަން އުޅުމުން އެވެސް ނުނެގުމަށް އެންގިއެވެ. އުރުޖުވާން ދޮރުން ނިކުމެގެން ދާން ހިނގައިގަތް ވަގުތު މާޒިމް އޭނާގެ އަތުގައި ހިފިއެވެ.

" ފިލަން ކިތަންމެ ދުރަށް ދިޔަޔަސް....އައި ނޯ އައިމް އެންގްރޭވްޑް އިން ޔޯ ހާޓް.....މިގެއިން ނިކުމެގެން ތިދަނީ ހުރިހާ އެއްޗެއް ބަހައްޓާފައި ކަމުގައިވި ނަމަވެސް ތި ދަނީ އަހަރެންގެ ލެޔާއި ފުރާނަ ހިފައިގެން.......އައި ވިލް ކަމް ބެކް ފޯ ވަޓްސް މައިން...."

އުރުޖުވާން އޭނާގެ އަތް ވީއްލަން މަސައްކަތް ކުރީ ހިތާ ދެކޮޅަށެވެ.

" ﷲ އަށް ޓަކައި ބުނަން ތި ދޮގު ނަހަދާ...."

މާޒިމް އޭނާގެ އަތުން ދޫކޮށްލީ ހިތް އެކަމަށް އެއްބަސް ނުވާ ހާލުގައެވެ. ސުކޫތެއްގެ ހަމަހިމޭންކަން އެ ދެމީހުންގެ ދޭތެރެއަށް ވެރިކުރުވިއެވެ. އެ ހިނދުކޮޅު ވަކިކޮށްލީ އަހުމަދުއެވެ. އޭނަ އުރުޖުވާންގެ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ. މާޒިމްއާއި އުރުޖުވާންގެ ދޭތެރޭގައި ދެކެވުނު ވާހަކަތަކާއިއެކު އެ މަންޒަރު ބަލަން އޭނަގެ ހިތަށް ދަތިވީ ނާވިޔާގެ ހަޔާތްވެސް އަނދިރިކަމެއްގެ ތެރޭގައި ވެ ނިމިދާން ޖެހުނު ހަނދާނަށް އައުމުންނެވެ. ހީވީ އޭނާގެ ލޮލު ކުރިމަތީ މާޒީ ކުޅެވެމުންދާ ހެންނެވެ. ތަފާތު ގޮތެއްގައި ނަމަވެސް އެއް ނިމުމަކަށެވެ. އަހްމަދު ބޭނުންވީ އޭނާގެ ހިމާޔަތުގައި އުރުޖުވާން ބެހެއްޓުމަށެވެ. ނާވިޔާ އަށް ނުލިބުނު ހިމާޔަތް އުރުޖުވާން އަށް ދޭން ބޭނުންވިއެވެ. މާޒްވިލާގެ ހިތި ހަނދާންތަކާއި ދުރަށެވެ. މާޒްވިލާ އާއި އޮތް ޒަމާންވީ ގުޅުންނައްތާލައި އޭނާ އާއި އޭނާގެ ދަރިންނަށް އާ ދިރިއުޅުމެއް ފެށުމަށެވެ. މާޒިމް އާއި އުރުޖުވާން ވަކިވުމަކީ ހިތް އެދޭގޮތް ކަމުގައިނުވިޔަސް މިކަން މި ވީ އެންމެ ރަނގަޅަކަށް ކަން ގަބޫލުކުރެވުނެވެ.

އުރުޖުވާން ގެއިން ނިކުމެގެން ދިޔަ ތަން ބަލަން މާޒިމްއަށް ހުރެވުނީ ގައިގައި ނެތް ހިތްވަރާއި ކެތްތެރިކަމާއި އެކުއެވެ. ފަސް އެނބުރި އެއްފަހަރު ނަމަވެސް އުރުޖުވާން އޭނާއަށް ބަލައިލާނެ ކަމުގެ އުންމީދުގައެވެ. އެހެނެއްނުވިއެވެ.

އުރުޖުވާން ނިކުމެގެން ދިޔަ އިރު އޭނާގެ އަތުގައި މާޒިމް އެޅުވި އަނގޮޓިއަށް ބަލާލެވުނީ ލޯ ކަރުނުން ފުސްވެފައި ހުރެއެވެ. މާޒިމްގެ ދުލުން ބޭރުވާ އެއްވެސް ބަހެއްގެ އިތުބާރެއް ނުވާ ކަމުގައި ހިތުގައި ކަނޑައެޅިއެވެ.

***

ފަރަހް ކުދިކިޔަމުން ނުކުތެވެ. އޭނާގެ ކާރުގެ ދުވެލި ބާރުކޮށްލައި މިސްރާބު ޖެހީ ގެއާއި ދިމާއަށެވެ. ހޮސްޕިޓަލުގެ އެންމެން ކުރިމަތީ އޭނާ ބޭޒާރުވެ އަގު ވެއްޓެން ޖެހުނު ލަދުވެތިކަމާއިއެކުއެވެ. ނަމަވެސް އުފާ ކުރެވެނީ މަގްސަދު ހާސިލު ވުމުންނެވެ. މާޒިމް އާއި އުރުޖުވާންގެ ދެމެދުގައި ރޯ ކުރި މަޅި ނިވާލެވިދާނެ ކަމުގެ ބިރު އޮތަސް އެ މަންޒަރު އެ ގޮތުގައި ފެނުމުން ލިބުނީ އާ ހިތްވަރަކާއި ޖޯޝެކެވެ. ކަރު ހިއްކާފައި ހުރުމުން ކާރުގައި އޮތް ފެން ފުޅިން ކޯވަރެއް ބޯލަން ކާރު މަޑުކުރީ މަގުގެ އެއް ކައިރިއަށެވެ. ކަރު ހިއްކުން ފިލާ ވަރަށް ފެން ބޯލުމަށް ފަހު އެއީ އާދަމް ދިން ފުޅި ކަން ރޭކާލިއެވެ.

"ޗީޑި...މިއީ ނަޖިސް މީހާގަނޑު ދިން ސިހުރު ފުޅި...ޗީ..." ފަރަހް އަށް އޯކަށް ދެމުނެވެ. ގަދަ ކަމުން ނަމަވެސް ހޮޑުލާން މަސައްކަތް ކުރި ނަމަވެސް ހީވީ ކަރު ބުޑުގައި އެ ފެން ތާށިވެފައި ހުރީ ހެންނެވެ. އެވަގުތު ބަނޑަށް ތޫނު ތަދެއް އެރިއެވެ. އުދަގުލުން ނަމަވެސް ކާރު ދުއްވާލާފައި ގެއާއި ހަމަޔަށް ދެވޭވަރުވިއެވެ. އޭނާގެ އެހީ އަށް އެ ގޭގެ ހާދިމުން އައީ ކަންބޮޑުވެފައި ތިބެއެވެ. ކޮޓަރިއާއިހަމަޔަށް ފޯރީ ކިރިޔާއެވެ. ބަނޑުގައި އޮތް ދަރިފުޅު ބައިގެން ދިޔަކަމުގެ އިހުސާސް ފަރަހް އަށް ކުރެވުނެވެ. މުޅި ތަނުގައި އޮތީ ލެއެވެ.

***

"މިތަނަށް މަޑުކޮށްލަދީ....ޖަސްޓް ފައިވް މިނިޓްސް..." ކާރު ދުއްވަން އިން އަހްމަދު ގާތުގައި އުރުޖުވާން ބުނެލިއެވެ. އޭނަ ސަހަރާގެ ކަންމައްޗަށް ކާރު މަޑުކުރިއެވެ. އުރުޖުވާން ދުވެފައި ގޮސް ސަހަރާއަށް ވަންއިރު އަހްމަދުވެސް ފަހަތުން އައެވެ. ސަބީހާ ގެ މަހާނަ އާއި ކައިރި ވީ ވަރަަކަށް އުރުޖުވާން ގެ ފިޔަވަޅުތައް މަޑުވިއެވެ. ހީވީ ކައިރިޔަށް ދިޔުމަށް ފަސްޖެހެވެނީ ހެންނެވެ. އަނބުރާ އައި ކޮޅަށް ދާން ހިނގައިގަތުމުން އަހުމަދު އޭނާގެ އަތުގައި ހިފިއެވެ.

"މިހާ ހިސާބަށް އައުމުން ސަލާމް ގޮވާލާފަ ދާން ވާނީ..." އުރުޖުވާން ބޯ ހޫރައިލިއެވެ.

" މާމަ.....އުރޫޖް އަކަށް މާފެއް ނުކުރާނެ...." އުރުޖުވާން އަށް ރޮވުނެވެ. އެވަގުތު ސަހަރާ ބަލަހައްޓާ މީހުން އެއްވެ އަންހެނުން ވަނުމަށް ހުއްދަ ނޯންނަ ކަމުގައި ބުނެ ނިކުތުމަށް އެދުނެވެ. އަހްމަދު އެދުމުން އެމީހުން ވަގުތު ކޮޅެއް ދިން ނަމަވެސް އުރުޖުވާން ބޭނުންވީ އަވަހަށް ދިއުމަށެވެ.

"ނޫން ލަންޑަނަށް ދިއުމުގެ ކުރިން ފަހު ފަހަރަށް ނަމަވެސް މާމަ އަށް ސަލާން ގޮވާލަފަ ދާންވާނީ..." ފަހުން އެކަމާއި އުރުޖުވާން ހިތާމަ ކުރުމަށް ނޭދޭތީ އަހްމަދު ވިސްނަދޭން މަސައްކަތް ކުރިއެވެ.

" ނޫން....މާމަ ބުނި ވައުދު ފުއްދައެއް ނުދެވުނު....އައި ކާންޓް..." އުރުޖުވާން ގެ ލޯ ތެމުނެވެ. މޫނުމަތިން ފެނުނީ އިންތިހާ ވަރުބަލިކަމާއި މޮޅިވެރިކަމެވެ. އަހްމަދު އުރުޖުވާންގެ އަތުގައި ހިފައިގެންގޮސް ކާރުގެ ސީޓުމަތީގައި ބޭންދިއެވެ. ދަރިފުޅުގެ ހާލަތު ފެނި އިންތިހާއަށް ކަންބޮޑުވިއެވެ.

" ތިހާވަރަށް ރުއީމަ ކަމަކު ނުދާނެ....ބައްޕަ މިހިރީނު...ދަރިފުޅު ދުލެއް ނުކުރާނަން..."އަހްމަދު އެއާޕޯޓާއި ދިމާލަށް މިސްރާބުޖެހިއެވެ. އޭނަ މަސައްކަތްކުރީ އުރުޖުވާން ހިތްހަމަޖެއްސުމަށެވެ. އުރުޖުވާން ރޮއެ ރޮއެ އިނދެފައިވެސް ހިނިތުންވެލިއެވެ.

" ތިހެން ބުނި މީހެއްވިއްޔާ ނެތް އަޅުގަނޑުގެ ހަޔާތުގައި.." އުރުޖުވާން ބުނެލީ އުނދަގޫ ކަމާއެކުއެވެ. އޭނާގެ އެ ހިނިތުންވުން ރަމްޒު ކޮށްދިނީ އެފަދަ ލަފުޒަކީ އޭނާގެ ހިތުގައި މިހާރު އެއްވެސް އަގެއް ހުރި ބަސްތަކެއް ނޫން ކަމެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު