ހިންދީ ސިނަމާގެ މެގަ ސްޓާ އަމީތާބް ބައްޗަން އުމުރުން 81 އަހަރުވީ އިރުވެސް މެދުކެނޑުމެއް ނެތި ފިލްމީ ދާއިރާގައި މަސައްކަތް ކުރާތީ ގިނަ ބަޔަކު ފާޑުކިޔައިފިއެވެ.
އަމީތާބް ބައްޗަން އަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމު ހޯދާފައިވާ އެކްޓަރެކެވެ. އަމީތާބްގެ އުމުރުން ދުވަސްވެ މިއީ ގޭގައި އަރާމުކުރާ އުމުރު ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔުމަކީ އާއްމުކަމެކެވެ.
ހަމައެއާއެކު އަމީތާބު ބައްޗަންގެ މިލްކިއްޔާތު 3،396 ކްރޯޑު ރުޕީސް (410 މިލިއަން ޑޮލަރަށް) އަރާއިރު އަދިވެސް ފިލްމީ ދާއިރާގައި ހަރަކާތްތެރިވާތީ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
އާދީއްތަ ދުވަހު އަމިއްލަ ބްލޮގްގައި އަމީތާބް ވަނީ މިކަމަށް ރައްދު ދިނުމުގެ ގޮތުން ވަރަށް ދިގު ނޯޓެއް ލިޔެ އާއްމުކޮށްފައެވެ. މި ނޯޓުގައި އަމީތާބް ބުނެފައިވަނީ، ފިލްމީ ދާއިރާއިން ލިބޭ ކޮންމެ ފުރުސަތަކީ ވެސް އަލަށް ލިބޭ ވަޒީފާއެއްގެ ގޮތުގައި ދެކޭ ކަމަށާއި މަސައްކަތުގައި ދެމިހުރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެއީ ކަމަށެވެ.
އަމީތާބް ކަންކަމާ މެދު ދެކޭގޮތް ތަފާތުވާނެ ކަމަށާއި ހަމަ އެގޮތަށް އެހެންމީހުންގެ ފިކުރަށް ވެސް އަމީތާބް ޤަދަރުކުރާ ކަމަށް މި ނޯޓުގައި ވަނީ ބުނެފައެވެ. މަސައްކަތް ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް އޮންނަންޖެހޭ ކަމަށާއި އަމީތާބު މަސައްކަތް ކުރަނީ އެ މިނިވަންކަމާ އެކު ފުރުސަތުތައް އޮންނާތީ ކަމަށާއި އެއީ މައްސަލައެއްގެ ގޮތުގައި ނުދެކޭ ކަމަށް ބްލޮގްގައި ވަނީ ބުނެފައެވެ.
އަމީތާބް މީގެކުރިން މީޑިއާތަކަށް ދީފައި ހުރި ބައެއް އިންޓަވިއުތަކުގައި ވެސް ބުނެފައިވަނީ ފިލްމީ ދާއިރާއިން މިހާރު ވެސް ފުރުސަތު ލިބޭތީ އެކަމާ އުފާކުރާ ކަމަށާއި ބަދަލުވަމުން އަންނަ ޖީލުތަކާ އެކު މަސައްކަތް ކުރަން ލިބޭ ފުރުސަތުތަކުން އާ ކަންތައްތަކެއް ތަޖުރިބާ ކުރެވޭ ކަމަށެވެ.
އަމީތާބް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ތެލުގޫ ޑައިރެކްޓަރު ނާގް އަޝްވިންގެ ފިލްމު "ކަލްކީ"އިންނެވެ. ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި މި ފިލްމުގެ ޝޫޓިންގްތެރެއިން އަމީތާބަށް އަނިޔާވެ ދުވަސްތަކެއް ވަންދެން އަމީތާބު ވަނީ އެކަމަށް ފަރުވާ ހޯދާފައެވެ. އަމީތާބު މިހާރު މަސައްކަތް ކުރަމުން އަންނަނީ ސައުތު ލެޖެންޑު އެކްޓަރު ރަޖްނީކާންތާ އެކު ކުޅޭ ސައުތު ފިލްމު "ވެއްޓައިޔަން"ގައެވެ. މި ފިލްމު މި އަހަރުގެ އޮކްޓޯބަރު މަހު ރިލީޒްކުރާނެއެވެ.