ރަޝިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ރަޝިއާއަށް ބިންހެލުން އައިސްފައިވާ ސަރަހައްދު. ރަޝިއާއަށް ވަނީ 7.0 މެގްނިޓިއުޑް ބާރުމިނުގައި ބިންހެލުމެއް އައިސްފައި. ފޮޓޯ/ޓައިމްސް ނައު

ރަޝިޔާގެ އިރުމަތީ އައްސޭރިފަށަށް 7.0 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނެފިއެވެ.

ޔޫއެސްޖީއެސް އިން ބުނާ ގޮތުގައި އެ ބިންހެލުން އައިސްފައި ވަނީ ގާތްގަނޑަކަށް 181،000 މީހުންގެ އާބާދީއެއް އޮންނަ އައްސޭރިފަށުގެ ސިޓީ ޕެޓްރޯޕަވްލޮވްސްކް-ކަމްޗަޓްސްކީ އާއި 55 މޭލު ދުރަށެވެ.

ގާތްގަނޑަކަށް 30 މޭލު އަޑިން އެ ބިންހެލުން އައިސްފައިވަނީ ރަޝިއާ ގަޑިން އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

އެމެރިކާގެ ސުނާމީ އިންޒާރުދޭ ނިޒާމުން ބުނާ ގޮތުގައި އެ ބިންހެލުމުގެ ސަބަބުން ނުރައްކާތެރި ސުނާމީ ރާޅުތައް ރަޝިޔާގެ އައްސޭރިފަށަށް އަރައިފާނެއެވެ. ނަމަވެސް ސުނާމީގެ އަސަރު މާބޮޑަށް ކުރާނެ ކަމަކަށް ނުބެލެވޭ ކަމަށް ޔޫއެސްޖީއެސް އިން ބުނެއެވެ. އަދި ބިންހެލުމުގެ އަސަރު ވެސް މާބޮޑަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ.

ނަވާރަ ސަތޭކަ ފަންސާސް ދެ ވަނަ އަހަރު 9.0 މެގްނިޓިއުޑްގެ ބާރުމިނުގައި ރަޝިއާއަށް ބިންހެލުމެއް އައިސްފައިވެއެވެ. އެ ބިން ހެލުމާ ގުޅިގެން ސުނާމީއެއް ވެސް އަރައިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް