ދިރިއުޅުމުގައި ދިމާވާ ކަންކަމަށް ކޮންމެހެން ނޫނެކޭ ބުނަންޖެހޭ ދަނޑިވަޅުތަކުގައި ލަދުން ނޫނީ ނޫނެކޭ ބުނަން ނުކެރިފައި ތިބުމަކީ މަދުން ނަމަވެސް އަޅުގަޑުމެންގެ ތެރެއިން ފެންނަ އާދައެކެވެ.
ހާއްސަކޮށް ވަޒީފާގެ މާހައުލުތަކުން މިކަން އާއްމުކޮށް ފެންނައިރު މިއީ ބައެއް އާއިލީ ގުޅުންތަކުން ވެސް ފެންނަ މަންޒަރެކެވެ. ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ދުނިޔެ ހިނގާ މިންވަރު ހަލުވިވެ ގިނަ ބައެއްގެ ދިރިއުޅުމުގެ ދުވެލ ވެސް މިވަނީ ހަލުވިވެފައެވެ.
މިފަދަ ދަނޑިވަޅެއްގައި އަމިއްލަ ނަފުސުގެ ވަގުތުތައް ގުރުބާންކޮށްލުމަށްފަހު 'ނޫނެކޭ' ބުނުމަކީ ބައެއް މީހުން ދެކޭގޮތުގައި ހަރުކަށި އަމަލެކެވެ.
ބައެއް މީހުން ސިފަކުރާ ގޮތުގައި އެއީ ބޭ އަދަބީ ބަހެކެވެ. އަނެކާއަށް ކުރާ އިޙުތިރާމު ކުޑަ ކުރެވޭ މި ބަހަކީ ތިމާގެ އަމިއްލަ އެދުން އިސްކުރުމުގެ އަމަލެކެވެ.
އެހެންނަމަވެސް ބުއްދީގެ ބޭނުންކޮށްގެން އަނެކާ މެދުވެރިކޮށް ކަންފަސޭހަކޮށްލުމުގެ ގޮތުން ވަރަށް ކުދި ކުދި ކަންކަން ކޮށްލުމަކީ ވެސް ހަމަ މި މުޖްތަމައުއިން މަދުން ނަމަވެސް ފެންނަ ޢަމަލެކެވެ.
މިފަދަ ގޮތަކަށް ތިމާއާ މެދު ޢަމަލުކުރެވޭކަމުގެ އިހުސާސްކުރެވޭނަމަ އެކަން ބަދަލުކޮށްލުމުގެ ބާރު ތިމާއަށް ލިބިފައިވެއެވެ. ކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވެ މަދަދު ފޯރުވައިދިނުމަކީ އިސްލާމްދީން ވެސް ބާރު އަޅާ އަޚުލާޤީ ރިވެތި އާދައެކެވެ.
އެހެންނަމަވެސް ކޮންމެ ކަމެއްގައި ވެސް ވަކި ހައްދެއް ނުވަތަ މިންވަރެއް އޮންނައިރު ކެރިގެން "ނޫނެކޭ" ބުނަންޖެހޭ ވަގުތުތަކުގައި އެކަން ކުރެވިއްޖެނަމަ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އިސާހިތަކު އައުން ވަރަށް ގާތެވެ.
ކަންކަމުގައި "ނޫނެކޭ" ބުނުމުގެ ގޮތުން އެންމެ ފުރަތަމަ ވެސް ވަރަށް އާދައިގެ ގޮތަކަށް އެކަން ފެށިދާނެއެވެ. އެގޮތުން ތިމާގެ ޝައުގުވެރިކަން އެ ކަމަކަށް ނެތްކަމުގެ ސިގުނަލެއް ދެވިދާނެއެވެ. އެހެންނޫނީ ތިމާގެ ޝެޑިއުލްގައި އެކަމަކަށް އެވަގުތު ވަގުތު ދެވެން ނެތް ކަމަށް ރީތިކޮށް ބުނެވިދާނެއެވެ.
މިފަދަ ކޮންމެ ދަނޑިވަޅަކީ ތިމާއަށް ބަހުގެ ހަމަލާއެއް އައިސްދާނެ ކަމުގެ ދަނޑިވަޅެއްކަމުން އެކަމަށް ކުރިއާލާ ތައްޔާރުވުމަކީ ވެސް ބުއްދިވެރިގޮތެކެވެ. އެފަދަ ދަނޑިވަޅެއްގައި ކެރިގެން އަނެކާއާއި ކުރިމަތިލާން އަމިއްލަ ނަފުސު ތައްޔާރު ކުރެވިދާނެއެވެ.
ބައެއްފަހަރު ކަންކަމަށް އެއްބަސް ނުވުމަކީ އަނެކާއަށް ހެޔޮއެދިގެން ކުރާ ކަމެއްގެ ގޮތުގައި އަމިއްލަ ނަފުސަށް ވިސްނައިދިނުމުން ތިމާގެ ސިކުނޑިއަށް ކޮންމެ ވެސް ކަހަލަ ލުޔެއް ލިބޭނެއެވެ.
ހަގީގަތުގައި ވެސް ބައެއްފަހަރު ކަންކަމަށް އެއްބަސްނުވެ ނޫނެކޭ ބުނުމަކީ އަނެކާއަށް އެ އެދުނު ކަމެއް އިހުނަށްވުރެ ފަރުވާތެރިކަމާ އެކު ކުރުމަށް ބާރުއަޅައިދެވޭނެ އަމަލެކެވެ. އެހެންކަމުން އެއީ ތިމާގެ ފަރާތުން އަނެކާގެ އުފެއްދުންތެރިކަން އިތުރުކޮށްދިނުމަށް ވެވޭ ނުހަނު ބޮޑު އެހީއެކެވެ.