މައްލާ ޅަތުއްތުގެ ހަށިކޮޅު ރާއްޖެ ގެނެސް، މާދަމާ ކަށުނަމާދު ކުރަނީ

15 އޯގަސްޓު 2024ގައި އަވަހާރަވީ މައްލާ ޅަތުއްތު -- ކުޅިވަރު ކުރިއެރުވުމުގައި ބައި ޤަރުނަށްވުރެ ގިނަދުވަހު ޤައުމަށް ޚިދުމަތްކޮށްދެއްވި ---

ކުޅިވަރު ކުރިއެރުވުމުގައި ބައި ޤަރުނަށްވުރެ ގިނަދުވަހު ޤައުމަށް ޚިދުމަތްކޮށްދެއްވާފައިވާ މަޝްހޫރު ފުޓުބޯޅަ ރެފްރީ މައްލާ ޅަތުއްތުގެ ހަށިކޮޅު ރާއްޖެ ގެނެސް، މާދަމާ ކަށުނަމާދު ކުރާ ގޮތަށް ނިންމައިފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މައްލާ ޅަތުއްތު އަވަހާރަވީ ބޮޑު ބައްޔަކަށް ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއްވީ ފަހުން، އިއްޔެ އިންޑިއާގެ ޓްރެވެންޑްރަމްގައެވެ.

މައްލާ ޅަތުއްތު އަވަހާރަވީ އުމުރުފުޅުން 76 އަހަރުގައެވެ. އެގޮތުން، މައްލާ ޅަތުއްތުގެ ކަށުނަމާދު އޮންނާނީ މާދަމާގެ މަޣްރިބް ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ. މާދަމާގެ 14:30 އިން މައްޔިތާއަށް ޒިޔާރަތްކުރުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ.

މައްލާ ޅަތުއްތަކީ ގިނަ ދުވަސްތަކެއް ވަންދެން ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްގެ އިތުރުން މަޝްހޫރު ފުޓްބޯޅަ ރެފްރީއެއް ވެސްމެއެވެ.

ދިވެހި ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށް ފަހު، މައްލާ ޅަތުއްތު ރިޓަޔާކުރެއްވީ 20 އެޕްރީލް 2010ގައެވެ. މައްލާ ޅަތުއްތު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.

ރައީސް ވިދާޅުވީ، މައްލާ ޅަތުއްތު ނިޔާވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ ބޮޑު އުނިކަމެއް ކަމަށެވެ. މައްލާ ޅަތުއްތަކީ، ދިވެހިރާއްޖޭގައި ފުޓްބޯޅަ ރެފްރީކަން، އެންމެމަތީ ފަންތީގައި، ދިގު މުއްދަތެއްގައި ކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ވަރުބަލިވުމެއްނެތި، ދިވެހި ކުޅިވަރުގެ ތަރައްޤީއަށް 52 އަހަރު މައްލާ ޅަތުއްތު ވަނީ އަގުހުރި ޚިދުމަތްތަކެއް ކުރައްވައިފައެވެ.

comment ކޮމެންޓް