"މުދަލަކީ ވަގުތީ އުފާތަކެއް ދޭ ފަނާދެނިވި އެއްޗެކެވެ. މުދަލާއި ދުނިޔޭގެ ދަޅަތަކަށް ހެއްލިގެން ނުދާށެވެ. ތިމާ މި ދުނިޔެ ދޫކޮށް ދާން ޖެހޭނެކަން ވިސްނައިގެން އާޚިރަތަށް މަސައްކަތް ކުރާށެވެ. އޭރުން ހިތަށް އުފާވެރިކަމާއި ހަމަޖެހުން ލިބޭނެއެވެ."
***
" ބަލާބަލަ...އެހެރީ މިގޭގެ ރަނިކަމަނާ.....ބޭފުޅު އާއިލާ މީހުން ތިބޭގޮތް ނިކަން ބާލަބަލަ....ކަލެޔަށް ހުވަފެނުގައިވެސް އެފަދަ ރީތި ކަމެއް ނުލިބޭނެ.....ފަގީރު ވީމަ...." އަދީނާގެ ކަނަފަތް ދޮށުގައި ނައީމު ކިޔާލިއެވެ. އަދީނާ ބޯ ޖަހައިލެވުނެވެ. ނައީމު އަބަދުވެސް އޭނާއަކީ ދަށް މީހެއްގެ ގޮތުގައި އެކި ގޮތްގޮތަށް ސިފަ ކޮށް އަބަދު ވާހަކަ ދައްކާތީ އެއީ އާކަަމަކަށް ނުވެއެވެ. އަދީނާ ވެސް ގަބުލުކުރަނީ އެއީ ހަގީގަތް ކަމުގައެވެ.
" ބޭބެގެ ކަމަނާ.....ހާދަ އުފާ ވެއްޖެއޭ....." ނައީމު އަހެދް ފެނުމާއެކު ފިޔަވަޅުތައް ހަލުވިކޮށްލިއެވެ. އަހެދް އަށް އޭނާގެ އަތަށް ބާރުކޮށްލެވުނެވެ.
އަހެދް ނައީމު އާއި ސަލާން ކުރުމުގެ ބަދަލުގައި އަވަހަށް އަދީނާގެ ގައިގައި ބައްދާލިއެވެ. ނައީމު އާއި އެ ބެހެއްޓި ދުރުކަން އެހެން އެކަކަށް ނުވިސްނުނަސް ނައީމު އަށް އެނގެއެވެ. އޭނާ އަހެދް އަށް ލޯ އަޅައިލިއެވެ. ހަސަދައިން ފުރިފައިވާ ގޮތަކަށެވެ.
" ވަރަށް ދިގު ދަތުރެއްދޯ....އަވަހަށް ވަދޭ....އަހެދް، ދަރިފުޅު ދޭބަލަ އަވަހަށް ގެސްޓް ރޫމް ދައްކާލަދޭން....ވަރުބަލިކަން ފިލުވާލައިގެންތާ ސައްލާ ކުރެވެނީވެސް...." އައްޒަހްރާ ހިތްހެޔޮކަމާއެކު މަރުހަބާކިއެވެ. އަދީނާ ގެ ލޯ ވިދައިލިއެވެ. އައްޒަހްރާގެ ހިތްހެޔޮކަން ވަނީ ކުރިންވެސް ފީރީޒާގެ ފަރާތުން އިވިފައި ނަމަވެސް މިއީ އޭނާއަށް އައްޒަހްރާ އާއި ދިމާވާ ފުރަތަމަ ފަހަރެވެ. އަހެދް އަށް އެފަދަ އުފާވެރިކަމެއް ލިބުމަކީ ނަސީބެކެވެ. މިއަދު ފީރޯޒާ ދުނިޔޭގައި ހުރި ނަމަ ވާނެ އުފަލާއިމެދު ވިސްނައިލެވި އުފަލުގެ ކަރުނައިން ލޯ ތެންމާލިއެވެ. ނައީމުގެ ހިތުގައި އޮތީ މުދާވެރިކަމެވެ. މިހާ ދުވަސް ފަހުން އަހެދް ފެނުމުންވެސް އެ ކުއްޖާއެއް ލިބެން އުޅޭ އުފަލަށް ވުރެ ބޮޑަށް އޭނާއަށް އެ ކަމުން ލިބޭނެ މަންފާއަކާއި މެދު ހިޔާލީ ފޮލާ ކައްކަން ހުރެވެނީއެވެ. އަހެދް މަޑުމަޑުން އަދީނާގެ އަތުގައި ހިފަމުން ހިނގައިގަތީ އެމިހުންނަށް ހާއްސަ ކޮށްފައި ހުރި ގެސްޓް ރޫމް ދެއްކުމަށެވެ. އަނގަގަދަ ނައީމުގެ ބަސް ހުއްޓި އާޝޯހުވެފައި ހުރީ ގޭގެ ފުރިހަމަ ކަން ފެނިއެވެ. އޭނާއަށް ހީވީ ޝާހީ ގަނޑުވަރަކަށް ވަދެވުނުހެންނެވެ. ރަށުގައި އެމީހުން އުޅޭ ގެއަކީ ބާވެ ވިރާނާވެފައިވާ ގެއެއް ކަމުން މިފަދަ ތަނަކަށް އާދެވުމަކީ ހުވަފެނެކެވެ.
މުރުތަސިމް އެމީހުންގެ ދަބަސްތައް ހިފައިގެން އެ ކޮޓަރިއަށް ލައިދިނުމަށް ފަހު ނިކުމެގެން ދާން ހިނގައިގަތް ވަގުތު އަހެދް އަށް ބަލައިލާފައި ހިނިތުންވެލިއެވެ. ލަދު ރަކި ކަމާއެކު އަހެދް އިސް ޖަހައިލި ތަން ނައީމުއަށް ފެނުނެވެ. އޭނާގެ ދެބުމަ ގޮށް ޖަހާލިއެވެ. މުރުތަސިމް ދިޔުމުން އެ ކޮޓަރީގެ ދޮރު ތަޅުލިއެވެ. އަހެދް ދޮރާއި ދިމާއަށް ދާން ހިނގައިގަތީ ނައީމު އިތުރު ވާހަކައެއް ފެށުމުގެ ކުރިން އެތަނުން ދިޔުމަށެވެ. ނަމަވެސް ނައީމު އަހެދް ގެ އަތުގަިއ ހިފިއެވެ. އަހެދް އެ އަތް ފޮޅާލީ ރުޅިވެރިކަމާއެކުއެވެ.
" މާ މަތީ މިހެއް ކަމުގައި ހެދެނީތަ؟ކަލޭ ތިއީ ހަމަ އަހަރުމެން ފެންވަރުގެ މީހެކޭ...ނޭނގޭ ކިހިނެއް ކަމެއްވެސް މިތަނަކަށް އައިސް އުޅުނީކީ....އަހަރެން ހީކުރީ މިގޭގެ ގުލާނު ކުރަން ކަމަށް މީނަ އުޅުނީ....އެކަމަކު އަތު އަޅުވާލީ މީގޭގެ ރާޖާ ބޭޓާ ވިއްޔާ....މަކަރުވެރި އަންހެނެކޭ ހަމަ ކަލޭގެ މަންމަ ގޮތަށް..." ނައީމު ގެ ރާގުގައި ވީ މަލާމާތާއި ޖެއްސުމެވެ. އަހެދް އަށް އެ ބަސްތައް އަޑުއަހަން ފަސޭހައެއް ނޫނެވެ. ނައީމު އަބަދުވެސް ސުވާލު އުފައްދާނީ އަހެދް ގެ އަބުރުގެ މައްޗަށެވެ.
" ހެވޭ....ކޮންމެ ގޮތެއް ވިޔަސް ބޭބެއަކާއި ބެހޭ ކަމެއް ނޫން....އެހެން ނޫނަސް މަ ބޭނުންވެގެނެއް ނޫނޭ މިތަނަށް އައިސް ތިހިރީ އެއް....އެއީ މިގޭ މީހުންގެ ހެޔޮފުޅުކަން...." އަހެދް ޖަވާބުދިނީ ނުރުހުމާއެކުގައެވެ. ނައީމު ރުޅި ވެރިކަމާއެކު އަތް އިސްކުރީ އަހެދް ގެ މޫނުގައި ޖެހުމަށް ނަމަވެސް އޭނާ ހުއްޓުން އެރީ އަހެދްގެ ނަޒަރުންނެވެ. އެ ލޮލުގައި ކުރިން ހުންނަ ބިރުވެރި ކަމެއް ނެތެވެ. ހާސް ކަމެއް ނިކަމެތި ކަމެއް ފެންނާން ނެތެވެ.
" ހީކުރީތަ އަހަރެންގެ މުށުން މިންޖުވީއޭ...ކަލޭ މިދުނިޔައަށް ބިކަ ކޮށް އެއްލާލަފަ އޮއްވާ ބެލީ ބަލަ އަހަރެންނޭ....އަހަރެންގެ ހަރަދުގައޭ ތި ގައިގައި ހުރި މަހެއް ޖަހާފައި ތިހިރީ....ހީނުކުރާތި އަދި މިހާރު އަމުދުން އަހަރެންގެ ކިބައިން ބެޗޭނެ އޭ....."އޭނަ އަހެދްގެ ކޮލުގައި ހިފާ ފިތާލިއެވެ. އަދީނާ އެހީތެރިވުމުގެ ނިޔަތުގައި ތެދެވެވުނެވެ. ނައީމު އަހެދް ގެ މޫނުން އަތް ދުރުކޮށްލާފައި އަދީނާ ގެ މޫނަށް ބޭލި އެތިފަހަރުން ބިންމައްޗަށް ގުޅައަކަށް ޖެހުނެވެ. އޭނަ ބޭނުންވީ އަހެދް އަށް އެކަމުން އަސަރު ކުރުވުމަށެވެ. ވެއްޓިފައި އޮތް އަދީނާ އަށް އެހީވުމަށް އަހެދް އަވަސް ވި ވަގުތު ދޮރުގައި ޓަކި ޖެހި އަޑު އިވުނެވެ. ނައީމު އަވަހަށް އޭނާގެ ނިތްކުރީގައިވި ރޫ ފިލުވައިލުމަށްފަހު ދޮރު ހުޅުވުމުގެ ކުރީން އަދީނާ އަށް އމަުރުކުރީ ތެދުވުމަށެވެ. ތުރު ތުރު އަޅަމުން އަދީނާ ތެދުވުނީ އަހެދްގެ އެހީގައެވެ. އަހެދް ވެސް އޭނާގެ ލޯ އަވަސް އަވަހަށް ފޮހެލިއެވެ.
" އެއްޗެއް ވެއްޓުނީތަ؟.ހުރިހާ ކަމެއް ރަނގަޅުދޯ؟...އެއްވެސް ކަމަކަށް ބޭނުމިއްޔާ ބުނެލެދެއްޗޭ.....ދަރިފުޅު އާދެބަލަ...މަންމަ ކުޑަ ކަމެއްގަ...." އައްޒަހްރާ އައީ އަހެދް ބަލައެވެ. އޭނާއަށް އަދީނާގެ މޫނު މަތީގައިވި ނުތަނަސްވަސްކަން ދެނެގަނެވުނެވެ.
"ނޫނޭ ވާ ފުރިހަމަ.....ހަމަ ހީވަނީ ގަނޑުވަރަކަށް ދެވުނީ ހެން....އަހަރުމެންގެ އަހެދް އަށް މިފަދަ ބޮޑު ނިޢުމަތެއް ދެއްވިތީ ހެއްދެވި ފަރާތަށް ނުހަނު ޝުކުރުވެރިވަން....މިތާ ކައިރީ މިސްކިތެއް ހުންނާނެ ދޯ؟" ނައީމު ބޭނުންވީ ޒަހްރާގެ ނަޒަރުގައި އޭނާއަކީ ވަރަށް ދީންވެރި މިހެއްގެ ގޮތުގައި ސިފަވުމަށެވެ. ޒަހްރާ ހިނިތުންވެލިއެވެ. މުރުތަސިމް ގާތުގައި ނައީމު ގޮވައިގެން މެންދުރު ވަގުތު މިސްކިތަށް ދާން ބުނާނެ ކަމުގެ ޔަގީންކަން އެރުވިއެވެ.
އަހެދް އަދީނާގެ އަތަށް ފިތައިލާފައި ކޮޓަރިން ނިކުތީ އަވަސް ފިޔަވަޅުތަކުގައެވެ. ނައީމުގެ އަނިޔާއާއި ކުރިމަތިލާން ޖެހުމުން އޭނާ އަށް ހީވީ އެނބުރި މާޒީގައި އުޅެވުނީ ހެންނެވެ. ޒަހްރާ ފެނުމުން ހިތަށް ބަޔާންކުރަން ނޭނގޭފަދަ ފިނި ކަމެއް ވެރިކުރުވިއެވެ. އެއީ އެ ހިތްދަތި މާޒީން އޭނާ ސަލާމަތްކޮށް މަގު ކޮށައިދޭ ނޫރެއްފަދައިން ދެކެވުނެވެ.
"ދަރިފުޅު ހުރިހާ ކަމެއް ރަނގަޅުތަ؟އަދީނާ ހިތްހަމަޖެހޭތަ؟އާނ..މަންމަ ބުނީ މައިރާ މެންވެސް އެބަ އާދޭ ހެނދުނުގެ ނާސްތާ އަށް...އޯކޭ ވާނެ ދޯ...." އައްޒަހްރާ އަހައިލީ އަހެދް އަށް އެކަމުން އެުނދަގުލެއް ވެދާނެތީއެވެ. އަހެދް ބޯ ހޫރާލީ އޭނާއށް ވާހަކަ ދައްކަން ފަސޭހަ ނުވުމުންނެވެ. ކަރުނަ ހިފަހައްޓާލާއިގެން ހުރުމުން ކަރުތެރެ ބެދިފައިވީއެވެ. އައްޒަހްރާ އަހެދް ގެ ފިނި ދެއަތުގައި ހިފާލައި ބައްދާލިއެވެ. ހީވީ އޭނާއަށް އަހެދް ގެ އިހުސާސްތައް އެނގުނީ ހެންނެވެ.
" އެއީ ޖަސްޓް...މިއަދު މަންމަ އާއި ބައްޕަ މިސްވީމަ..." އަހެދް ގެ ލޮލުން ފޭދުނު ކަރުނަ އާއި އެކު ވާހަކަ ދެއްކިއެވެ. އެވަގުތު އައްޒަހްރާގެ ހިތް ބާރަށް ތެޅުނީ ކުށްވެރި އިހުސާސް ތަކާއެކުއެވެ.
" އައިމް ހިއަ....އޯލްވޭސް..." އައްޒަހްރާ އަހެދްގެ ލޯ ފޮހެލަމުން ބޮލުގައި ފިރުމާލަދިނެވެ. އެވަގުތު އަހެދްއަށް އައްޒަހްރާގެ ލޮލަށް ބަލާލެވުނެވެ. އޭނާގެ ކަރުނަތައް ފޮހެދެނީ އޭނާގެ މައިންބަފައިން ގެއްލެން މެދުވެރިވި ސަބަބުކަން ސިކުނޑީގެ ކަނަކުން ގޮވަމުން ދިޔައެވެ. ނަފަރަތުކަމުން ހިތް ފުރާލެވި ފަހަތައް ޖެހެވުނެވެ.
" އައިމް އޯކޭ....އަދިވެސް ބާބް ނާދޭ ދޯ....މިދަނީ ބަދިގެއަށް..." ހަމްދަރުދީގެ ނަޒަރަކުން ބަލަން ހުރި ޒަހްރާއަށް އަވަސް ޖަވާބެއް ދިނުމަށް ފަހު އަހެދް ދުވެފައި ދިޔައެވެ. ޒަހްރާ އޭނާގެ ފަހަތުން މަޑު ފިޔަވަޅުތަކުގައި ބޮޑުކޮޓަރިއަށް ނިކުތީ އޭނާގެ ސިކުނޑީގައި އެ ހިތާމެވެރި ހާދިސާ ކުޅެވެމުންނެވެ. ކައިރީގައި މާހްޒަބީން ހުރިކަން އޭނާއަށް ނޭނގުނީވެސް ގެއްލިފަައި ހުރެވުމުންނެވެ.
"މަންމާ...ބަލައިގެން...ކިރިޔާއެއް ނު އަރި އަޅާނުލީ..." މާހްޒަބީނަން އޭނާގެ މަންމަގެ އަތުގައި ހިފުނީ ކިރިޔާއެވެ. އެހެން ނޫން ނަމަ އެވަގުތު ޒަހްރާ ސިޑިން ވެއްޓި ވާނެގޮތެއް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. ސަލާމަތްވީ ހަމަ ކިރިޔާއެވެ. މާހްޒަބީންގެ ހިތްވެސް ހުއްޓުނު ވަގުތުކޮޅެކެވެ. ޒަހްރާ ސިއްސައިގެން ދިޔަގޮތުން ހީވީ ހުވަފެނަކުން ހޭލެވުނީހެންނެވެ.
" އަލްޙަމްދުލިއްﷲ....އެކަމަކު ނުވެއްޓެއެއް ނު.....އަދި ދާ ވަގުތު ނޫނީ ކަންނޭނގެ...." މޮޅިވެރި ރާގެއްގައި ޒަހްރާ ވާހަކަ ދެއްކިއެވެ. މާހްޒަބީން އަށް އޭނާގެ މަންމްގެ އިހުސާސްތައް ދެނެގަނެވުނެވެ.
" މަންމާ ތިކަހަލަ ވާހަކަ ނުދައްކަބަލަ....އެހެން ނޫނަސް މިއީ ގެއަށް ކިހާ މުނާސަބު ދުވަސްތަކެއް...މާޒީގަ ވެދިޔަ ކަމަކާއި މެދު ހިތް މާޔޫސް ކޮށް ކުރިއަށް މިއޮތް އުފާވެރި ކަން ކިލަނބުކޮށްލަން ނުވާނެ މަންމާ...ކިހާ ދުވަހެއް ފަހުން މިގެއަށް މިފަދަ އުފާވެރިކަމެއް މިއައީ..." ސޯފާގައި ޒަހްރާ އަށް އިށިނުމަށް އެހީވެދެމުން މާހްޒަބީންވެސް މަންމަ ކައިރީ އިށީނެވެ. ޒަހްރާ ހިނިތުންވެލީ މާހްޒަބީންގެ ވާހަކަތަކަށް އެއްބަސްވަމުންނެވެ. އެއީ އަލްބާންވެސް ގެއަށް އައި ވަގުތެވެ.
" ހްމްހްމް...މިއޮތްގެން އައީނު....އަހަރުމެންގެ އެންމެ ކާމިޔާބު ޒުވާން އަލްބާން ޝާކީރު....ކޮން ވަޑާމެއްގަ އުޅެފަ....މިހާ ހެނދުނު ހެނދުނާ ކޮންތަނަކަށް ގޮއްސަ...." މާހްޒަބީން މަޖާ ރާގަކަށް ދެއްކީ އަލްބާން އާއި ދިމާކޮށްލުމުގެ ގޮތުންނެވެ. އަލްބާންގެ ފަހަތުން ބާބިލްވެސް ވަނެވެ ބާބިލްގެ އަތުގައި ބެންޑޭޖް އަޅާފަައި ހުރި ތަން ފެނި އައްޒަހްރާ އަށް ތެދުވެވުނެވެ. ކަންބޮޑުވެފައިހުރެ އެ ދިމާއަށް ދެވުނެވެ. މާހްޒަބީންވެސް ތެދުވުނެވެ.
" ކަނބުލޯ...މިއީ ކިހިނެއްވެފަ؟" ޒަހްރާއަށް ބަލައިލެވުނީ އަލްބާންގެ މޫނަށެވެ.
"މަންމަ މެން މާގިނައިން ބާބް ލައްވާ މަސައްކަތް ކުރުވީމަ އެއީ....ބާބް ގޮވައިގެން މިއައީ..." އަލްބާން ޖަހާލީ ސަކަރާތެކެވެ. އެވަގުތު ޒަހްރާއަށް އޭނާގެ މޭމަތީ އަތް އަޅާލެވި ހަގިގަތުގައިވެސް ކުށްވެރި އިހުސާސެއް ވިއެވެ.
" އަލް....އެ ދޮގެއް...ބާބް ކައްސާލާފަ ވެއްޓުނީ...އަލް ކިޔާފާނެ ކޮންމެ އެއްޗެއް ވެސް...އެހާ ތަދެއް ނުވޭ....ދައްތަ އެހާ ހާސްނުވޭ..." ބާބިލް އަލްބާން އަށް ލޯ އަޅާލީ ނުރުހުމާއެކުއެވެ. އަލްބާން ޖަހައިލީ ލާނެތް ހިނިގަނޑެކެވެ.
"އެކަމަކުވެސް ކަނބުލޮ މިއަދު އެއްވެސް ކަމެއް ކޮށްގެން ނުވާނެ....އެއްވެސް ބަހަނާއެއް އަޑުއަހަން ނެތިން...." ޒަހްރާ އަޑަށް ހަރުކަށކަން ގެނައީ ބާބިލް އަށް އިތުރު ބަހަނާއެް ދެއްކުމުގެ ފުރުސަތެއް ނުދިނުމަށެވެ. މާހްޒަބީންވެސް ޒަްހރާ އާއި އެބަސްވެލިއެވެ. އަލްބާންގެ ހިތަށް ލިބުނީ ލުއި ކަމެކެވެ. އޭނާގެ މަގުސަދު ހާސިލް ވުމުގެ ފޮނި އިހުސާސެވެ.
" ދަރިފުޅު ހާދަ ރަނގަޅޭ.....ނަސީބެއްނު ބާބް ގޮވައިގެން އައި ކަން....މަންމަ މި ހުންނަނީ ބާބް ގެ ހަބަރެއް ނުވާތީ ވަރަށް ކަންބޮޑުވެފަ..." ޒަހްރާ އުފާކުރިއެވެ. ބާބިލް ރަކި ހިނިތުންވުމެއްގައި އިސްޖަހާލައިގެން ބަދިގެއާއި ދިމާއަށް ހިނގައިގަތެވެ އަދި ފަހަތުން މާހްޒަބީން ވެސް ދިޔައެވެ.
" އެކަމަކު ބުނެބަލަ...ދަރިފުޅު މިހާ ހެނދުނު ތިއައި ކޮންތަނަކުން؟....ރޭއްސުރެން ބޭރުގަ އުޅެފަ؟" ޒަހްރާ ގެ އަޑުގައި ކަންބޮޑުވުމުގެ އަސަރު ހުއްޓެވެ. އެވަގުތު އާސީނާ ވެސް ދުވަމުން އަލްބާން އާއި ދިމާއަށް އައެވެ.
"އަލް ކޮންތާކުން؟" އާސީނާ ގެ މޫނުމަތިން ފެނުނު ހާސްކަމަކުން ޒަހްރާވެސް ބިރުގަތެވެ.
" ގައިޒް ޗިލް....މިއައީ ވޯލްޑް ވާ 3 އަށް ރެޑީ ވެލައިގެން...." އަލްބާން ހިނިގަނޑެއް ޖަހާލައި ތަނުގެ ހާސްކަން ފިލުވާލަން މަސައްކަތް ކުރިއެވެ.
"އުނހޫ....އަލް ތިއުޅޭ ގޮތެއް އެއްވެސް ކޫލް އެއް ނޫން....ރޭގަ ގެޔަށް އައި ކަމެއްވެސް ނޭނގެ...މިއީ ނުލާހިކު ބިރުވެރި ޒަމާނެއް...ތިހެން ބޭރުތެރޭގަ އުޅޭކަށް ނުވާނެ...ނުބައި ރައްޓެހިންނާއި އެކީ އުޅެމުންގޮސް އަރައިގަނެވޭނީ ކިހާ ފަދަ ބޮޑު ކުށަކަށް ކަމެއްވެސް ނޭނގޭ. ވަރަށް ސިއްރުން އުޅެނީ. ކިހިނެއް އެނގެނީ؟ ދަންވަރު ގެއަށް ނުވަދެ ތިއީ ރަަގަޅުކުދިން އުޅޭ ފާޑެއްނޫން....މިޒަމާނުގައި ވޭޕަށްވެސް ޑްރަގް އަޅާފައި ދޭ ވާހަކަ އެހިން................" އާސީނާގެ ވާހަކަ އެހެން ހުރީ އަލްބާން އަށް ހެޔޮ އެދޭތީއެވެ. ނަމަވެސް އަލްބާންގެ މޫޑު ސަކަރާތްވިއެވެ.
" ކީއްވެ އަބަދުވެސް އަލް އަށް ވިމަ އެންމެނަށް ހީކުރެވެނީ ނުބައި ކަމެއް ކޮށްފިއޭ ނޫނީ ކުރާނެއޭ....ޑޮކްޓަރަކަށް ނޫނީ ޕައިލެޓަކަށް ނުވީމަތަ..." އަލްބާން ފުން ނޭވާ އެއް ދޫކޮށްލަމުން އަވަސް ހިނގުމުގައި އެތަނުން ދިޔައީ ހިތްހަމަނުޖެހިފައި ހުރއެވެ. ވާހަކަ އެގޮތަށް ދެކެވުނީތީ އާސީނާ ދެރވިއެވެ. އަދި އަލްބާން އަށް ގޮވަން އުޅެފައިވެސް ފަސް ޖެހުނެވެ.
" އަލް ގޯސް ކަމެއް ނުކުރާނެ...އެވަރު އިތުބާރު މަންމަ އަށް ކުރެވޭ..." އައްޒަހްރާ އާސީނާގެ ކޮނޑުގައި ހިފާލިއެވެ. އާސީނާ އަލްބާންދެކެ އެ ވާ ލޯތްބެެއްގެ ސަބަބުން ކަންބޮޑުވަނީކަން އޭނައަށް އެނގެއެވެ.
****
"ޕްސްޓް....އަލް...އާދެބަލަ..." ކައިލް އަޑެއް ލައްވާލާފައި އަލްބާން އަށް ގޮވާލީ ސިއްރުވެރި ގޮތަކަށެވެ. އާސީނާ ވާހަކަ ދެއްކި ގޮތުން ރުޅި އައިސްފައިަ ހުރި އލަބާން އިނީ އެއްވެސް މީހަކާއި ވާހަކަ ދެއްކުމުގެ މޫޑެއްގައެއް ނޫނެވެ. އެހެންކަމުން މޫނު އަނބުރާލީ ފޫހި ގޮތަކަށެވެ. ނަމަވެސް ކައިލްގެ އަތުގައި އަޅާފައި ހުރި ބޭސްގަނޑު ފެނި އެދިމާލަށް ދެވުނެވެ.
" އެ ބްރޯ ކިހިނެއްވެފަ....ޑޮމެސްޓިކް ވަޔަލެންސް ތަ؟" އަލްބާން ދިމާކޮށްލިއެވެ.
"އެ ދެން މަޖާ ކަމެއް ނޫނޭ....ކޮންމެ ފަދަ އެއްޗެއް ވެސް ކިޔާފާނެ...މަ ބުނީ ހިނގާބަ ވަރަށް އަވަހަށް ކޮފީ އަކަށް ޖައްސާލަން...ވަރަށް މުހިންމު ވާހަކައެއް ދައްކަން އެބަ އޮތް...." ކައިލް އަވަސް އަރުވާލާފައި ވާހަކަ ދެއްކިއެވެ. އޭނާ މަޖަލަކަށް އެ ބުނި ބަހުން ހަނދާންވީ ބާބިލް ތަހައްމަލު ކުރަމުންދާ އަނިޔާއެވެ. ގެއްލިފަައި ހުރެވުނީ އެ ހިޔާލަށެވެ.
"ތި ކޮންތަނަކށް ގެއްލިފަ....ހިނގާބަލަ..." ކައިލް ހުރީ ހިތް އަވަސްވެފައެވެ.
" އެ ދެން މިގަޑިޔަކު ނޫން...އެހެން ނޫނަސް ދެންމެ ޔޯ ވައިފް ވެސް ކުޓުވާލައިފި އޭ މަންމަ ގާތު ގަ....ޔަގީން މި ޒަވީ ގެ ކަމަކަށް ވާނީ..." ފޫހި ގޮތަކަށް އަލްބާން ވާހަކަދެއްކިއެވެ.
" ދެން ޕްލީޒް އަހަރެން މިހާ މުހިންމު ކަމަކު ނޫން ނަމަ ނުބުނާނަމޭ..." ކައިލް ގެ ލޮލުގައިވި އާދޭހެކެވެ.
ނުނިމޭ