އެޑިޓާސް ޓޯކް: މާލީ ހާލަތު މިހިރީ ކޮން މިސްރާބަކަށް؟

މިވަގުތު އެންމެ ހޫނުކޮށް ދެކެވޭ އެއް ވާހަކައަކީ ދިވެހިރާއްޖޭގެ މާލީ ހާލަތުގެ ވާހަކައެވެ. ދަރަނި އަރައިގެން ގޮސް ކޮޅު ނުފެންނަ ވަރަށް ބޮޑުވެފައި އޮތް އޮތުމެވެ. ޚަރަދުތައް ކޮންމެހެން ކުޑަކުރަން މަޖުބޫރުވެފައި އޮތް އޮތުމެވެ.

ކޮންމެ ހަފުތާއެއްގެ އެންމެ ޚައްސާސީ މައުޟޫއަށް ގެނެސްދޭ ޕޮޑްކާސްޓް - ސަން އެޑިޓާސް ޓޯކްގައި މި ހަފުތާގައި ދެއްކީ އެ ވާހަކައެވެ. މާލީ ހާލަތުގެ ވާހަކައެވެ.

މި ހާލަތުގައި ޚަރަދު ކުޑަކުރުން ނޫން އިތުރު އެއްވެސް ގޮތެއް ނެތް ކަމަށް ވޯލްޑް ބޭންކުންނާއި އެ ނޫން ވެސް މާލީ އިދާރާތަކުން ވަނީ އިންޒާރުކޮށްފައެވެ. ކުރިއަށް އޮތް 2026 ވަނަ އަހަރު ނަގުދުކޮށް ދައްކަންޖެހޭ ދަރަނީގެ ގޮތުގައި 1.07 ބިލިއަން ޑޮލަރު އެބަ އޮތެވެ.

ޕޮޑްކާސްޓްގައި ސަން އޮންލައިންގެ މެނޭޖިން އެޑިޓަރު އަހުމަދު ސާއިލް އަލީ އެންމެ ފުރަތަމަ ފާހަގަކުރެއްވީ އެ މައްސަލައެވެ. ތާ އަބަދު ވެސް ލިބޭ އާމްދަނީއަށް ވުރެ މާ ގިނައިން މާ ބޮޑަށް ޚަރަދުކުރަމުން އައި އައުމުގެ ނުރައްކަލެވެ. އެކަން މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމެވެ.

އެ ކަމަށް އަލިއަޅުވާލައި، ސަންގެ ސިޔާސީ ކަންކަމާ ބެހޭ އެޑިޓަރު އަހުމަދު އިނާޙް ވިދާޅުވީ، މިއިީ އެއް ސަރުކާރަކުން ނޫނީ އެއް ޕާޓީއަކުން ޒިންމާވާންޖެހޭ ކަމަކަށްވުރެ ބޮޑަށް ހުރިހާ ސަރުކާރަކުންނާއި ޕާޓީތަކުން ބައިވެރިވެގެން ގޮސްފައި އޮތް ހިސާބެއް ކަމެވެ.

އެ ވާހަކައަށް ސާއިލް އެއް ކުރެއްވި އަނެއް ކަމަކީ ދައުލަތުގެ ބަޖެޓު ބޮޑުވަމުން އައި ބާރުމިނެވެ.

އެގޮތުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުނުއިރު ދިވެހި ދައުލަތުގެ ބަޖެޓަކީ 28.2 ބިލިއަން ރުފިޔާއެވެ. އެކަމަކު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ މިދިޔަ ފަސް އަހަރުގެ ވެރިކަން ނިމުނުއިރު ދައުލަތުގެ ބަޖެޓު ވަނީ 49.3 ބިލިއަން ރުފިޔާއަށް ބޮޑުވެފައެވެ.

ސަން އެޑިޓާސް ޓޯކްގެ ތެރެއިން --

ބަޖެޓާ އެކު ދައުލަތުން ކުރަމުން އައި ހޭދަ އެތައް ގުނައެއް ބޮޑުވަމުން ދިއުމުގެ ކަންބޮޑުވުން އޭނާ ފާހަގަކުރެއްވިއެވެ.

އެ ވާހަކައިގެ ތެރެއިން ސަންގެ އެޑިޓޯރިއަލްގައި މަސައްކަތްކުރާ މުޙައްމަދު ނާއިލް ހަފީޒް ވެސް ފާހަގަކުރެއްވީ ހަމަ އެ ނުކުތާއެވެ. ޒަމާނުއްސުރެ މި އޮތް ޚަރަދު ބޮޑު ނިޒާމެވެ. ޚާއްސަކޮށް ރައްޔިތުންނަށް ހިލޭ ދެމުން އަންނަ ޚިދުމަތްތަކެވެ.

ސަބްސިޑީއާއި އާސަންދައާއި އެ ނޫން ވެސް ކަންކަން އެންމެންނަށް އެއް ވަރަކަށް ހިލޭ ލިބޭ ލިބުމެވެ.

މިހާރު މި އޮތް ހާލަތުގައި ރާއްޖެއަށް އޮތީ އެންމެ ގޮތެކެވެ. އެއީ ޚަރަދުތައް ކުޑަކޮށްފައި އާމްދަނީ އިތުރުކުރުމެވެ. އިގުތިސާދު ސިންދަފާތު ކުރުމެވެ.

އެހެންވެ، ތިން މީހުންނަށް ވެސް އެއްބަސްވެވުނު އެއް ކަމަކީ އެއީއެވެ. ޚަރަދުތައް އޮތީ ކުޑަކުރަން މަޖުބޫރުވެފައެވެ.

ހަގީގަތުގައި މިހާރު ދައްކަން އޮތް ވާހަކައަކީ ދެން ކުރެވެން ހުރީ ކޮން ކަންކަމެއްތޯއެވެ. މިހާރު މި ހާލަތުގައި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަންޖެހޭނީ ކިހިނަކުންތޯއެވެ. ސަން އެޑިޓާސް ޓޯކް ޕޮޑްކާސްޓްގައި ވެސް މައިގަނޑު ގޮތެއްގައި ދެން އަލިއަޅުވައިލީ އެ މައުޟޫއަށެވެ. ދެން ވާންވީ ކިހިނެއްތޯއެވެ. މުޅި ޕޮޑްކާސްޓް އައްސަވާލައްވާށެވެ.

comment ކޮމެންޓް