ޅ. ނައިފަރުގައި ގާއިމުވެ ހުރި ހަމައެކަނި ގުރުއާން ހިތުދަސް ޙާފިޒު، އަޙުމަދު ނާޒިލް މުޙައްމަދުގެ މަސައްކަތަކީ އެ ރަށުގައި އޭނާ ފަދައިން ގުރުއާން ހިތުދަސްކުރަން ބޭނުން ކުދިންނަށް އެ މަގު ކޮށައިދީ، އެފަދަ ކުދިން ނައިފަރުގައި އުފެއްދުމެވެ.
އެހެންކަމުން، އެ ކަމަށް އަތުކުރި އޮޅައިލާ، އޭނާވީ ނައިފަރުގައި ގުރުއާން ހިތުދަސް ކުދިން އުފެއްދުމަށް މަސައްކަތް ފެށި ހަމައެކަނި އަދި ފުރަތަމަ މީހާއަށް ވެސް މެއެވެ.
ނާޒިލް ގުރުއާން ހިތުދަސްކުރުމާއި އެހެން ކުދިންނަށް ދަސްކޮށްދިނުން
ނާޒިލް ގުރުއާން ހިތުދަސްކުރުމަށް ޝައުގުވެރިވެ، އެ ސަނަދު ހާސިލުކުރީ މަދީނާގައި އިސްލާމީ ޝަރީއާއިން ޑިގްރީ ހަދަމުން އައި ދުވަސްވަރެވެ. އެ ދުވަސްވަރު މަދީނާގައި ހުރެ، އަލްމަސްޖިދުއް ނަބަވީގެ ޕްރޮގުރާމުތަކުގައި ބައިވެރިވެ ނާޒިލް އޭނާގެ ގުރުއާން ހިތުދަސްކުރުމުގެ އުންމީދުގައި ކުލަޖެއްސިއެވެ.

އެއަށް ފަހު، 2019 ވަނަ އަހަރު ދިވެހިރާއްޖޭގެ ގައުމީ މަރުކަޒަށް ކީރިތި ގުރުއާން ކިޔައިދީ އެއްވަނަ ދަރަޖައިގައި ޝައިޚް ނާޒިލް ހާފިޒުކަމުގެ ސަނަދު ހާސިލުކުރެއްވިއެވެ.
ކިޔަވާ ނިންމުމަށް ފަހު ކުދިންނަށް ގުރުއާން ހިފްޒުކުރުމުގެ ކުލާސްތައް ނަގައިދިނުމުގެ ޚިޔާލު އޭނާއަށް ލިބުނީ ނަައިފަރުގައި ހުރި ހަމައެކަނި ހާފިޒަކީ އޭނާ ކަމަށްވުމާ އެކު އިތުރު ހާފިޒުން އުފެއްދުމަށް ބޭނުން ވުމުންނެވެ.
ހާފިޒުން އުފެއްދުމަށް ނާޒިލް މީގެ ހަތަރު އަހަރު ކުރިން 2020 ވަނަ އަހަރު އުފަން ރަށް ނައިފަރުގައި ކުލާސްތައް ފެށީ ވިހި ކުދިންނާ އެކުގައެވެ. މި މަސައްކަތުގައި ގިނަ ކުދިންތަކެއް ގެންގުޅުމުގެ ބަދަލުގައި ނާޒިލްގެ ވިސްނުން ހުރީ ކިޔަވާ ދިނުމުގެ ކޮލިޓީ ހިފެއްޓުމަށެވެ.
"މިހާރު ދެން މި ކަމަށް އޮތް ޑިމާންޑު ވެސް ވަރަށް ބޮޑު ވެއްޖެ ނަތީޖާ ރަނގަޅުވީމާ. އެހެންވީމާ މީގައި އަސްލު ވަރަށް ރަނގަޅު ފޯމިއުލާއެއް ބޭނުންކުރަނީމި. މިހާރު މި ފޯމިއުލާ ދީފިން ވަރަށް ގިނަ ތަންތަނަށް. އެއްބައި މީހުން ކްލާހުން ޖާގަ ލިބުނީމައި ވަގުތީގޮތުން ނައިފަރަށް ބަދަލުވާން ވެސް ބޭނުންވެފައި އެބަތިބި،"

ޝައިޚް ނާޒިލްއާއި އޭނާގެ ކުލާސްތަކުން ކިޔަވައިގެން ހާފިޒުކަމުގެ ސަނަދު ހޯދި ދަރިވަރެއް ---
ބުރަ މަސައްކަތުގެ ކާމިޔާބީ ފޮނި
ނާޒިލްގެ ބުރަ މަސައްކަތުން މިހާތަނަށް ލިބިފައިވާ ކާމިޔާބީތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ނާޒިލްގެ ކުލާހުން ގުރުއާން ހިތުދަސްކުރި ތިން ދަރިވަރަކު ވަނީ ކީރިތި ގުރުއާނާ ބެހޭ ކޮމިޓީން ފާސްވެ، އެއްވަނަ ދަރަޖައިގައި ހާފިޒުކަމުގެ ސަނަދު ހާސިލުކޮށްފައެވެ. މި ތިން ދަރިވަރުން ފާސްވީ އެއްވެސް ކުށެއް ނުޖެހިއެވެ.
މި އަހަރު ގުރުއާން ހިތުދަސްކުރުމުގެ ސަނަދު ހޯދާފައިވާ ދަރިވަރުންނަކީ:
- އަލްޙާފިޒު އާސިރު ޢާރިފް
- އަލްޙާފިޒު ޢަބްދުالله ހަޔާން ހަމީޒް
- އަލްޙާފިޒާ ޢާއިޝަތު ޞާއިބާ މުޙައްމަދު ރިކްޒާން
އެ ދަރިވަރުންގެ އިތުރުން އަންނަ އަހަރު ވެސް ދިހަ ދަރިވަރުން ޙާފިޒުކަމުގެ ސަނަދު ހާސިލުކުރުމަށް މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ. ނާޒިލްގެ އެ މަސައްކަތަށް ގިނަ ބަޔަކު ތައުރީފުކުރެއެވެ. ނާޒިލް ބުނާ ގޮތުގައި، އޭނާގެ މަސައްކަތުގެ ކާމިޔާބީއަކީ މި ކަމަށް ހޭދަކުރާ ވަގުތެވެ.

ޝައިޚް ނާޒިލާއި ހާފިޒުކަމުގެ ސަނަދު ހޯދާފައިވާ ދަރިވަރެއް -----
"ޙާފިޒުން އުފެއްދުމުގެ ބޮޑު މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ހަފުތާގެ ހަތް ދުވަހު އަޅުގަނޑު މަސައްކަތްކުރަން. އާދިއްތައިން ބުރާސްފައްޗަށް ދުވާލަކު ދޮޅުގަޑިއިރު ކުލާސް ހިންގުމަށް ފަހު ހުކުރު ހޮނިހިރު ދެ ދުވަހުގައި މަސައްކަތް ކުރަނީ ކުދިން އިމްތިހާން ކުރުމަށް،"
ނާޒިލްގެ މި މަސައްކަތް ފާހަގަކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ އޭނާއަށް ތައުރީފުކުރައްވާފައެވެ.
"މަދީނާއިން ތައުލީމު ހާސިލްކުރައްވައި ރަށަށް ވަޑައިގެން ރަށުގައި ކީރިތި ގުރުއާން ހިތު ދަސްކުރުމުގެ މަޝްރޫއު ފަށައި، ޙާފިޒުން އުފެއްދުމަށް އަހުމަދު ނާޒިލު ކުރައްވަމުންގެންދަވާ މަސައްކަތަށް ޝުކުރާއި ތައުރީފު ހައްގު. އެތައް ދަރިވަރުންނެއް ދަނީ ނައިފަރުގައި ހިފްޒުކޮށް ނިންމަމުން،" ޝަހީމް ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.
ގޮންޖެހުންތަކާ އެކު ވެސް ނާޒިލްގެ މަސައްކަތް ހުއްޓުމެއް ނެތް
ޝައިޚް ނާޒިލްގެ މި މަސައްކަތް ފުޅާކުރުމަށް ބޭނުންވި ނަމަވެސް، މި ވަގުތަށް ކުލާސްތައް ކުރިއަށް ގެންދިޔުމަށް ޚާއްސަ ތަނެއް ނެތުމުން އެކަން ކުރެވޭކަށް ނެތެވެ. މިހާރު ވެސް ކުލާސްތައް ކުރިއަށްގެންދަނީ ނައިފަރު މީހަކު ޓިއުޝަން ދިނުމަށް ބޭނުންކުރާ ތަނެއްގައި ކަމުން ޖާގައިގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.
މިކަމުގެ ސަބަބުން ކުލާހުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތެއް ވެސް ނުލިބެއެވެ.

ނަމަވެސް، މި މަސައްކަތުގައި ނާޒިލްގެ އުންމީދާއި ހުވަފެން ވަރަށް ބޮޑެވެ. ހިފްޒުކުރުމުގެ މި ކާމިޔާބު ފޯމިއުލާގެ މައްޗަށް ބިނާކޮށް މި ޕްރޮގްރާމު މުޅި ރާއްޖެއަށް ފުޅާކުރުމަކީ ނާޒިލްގެ އެންމެ ބޮޑު އުންމީދެވެ.
ގުރުއާން ހިތުދަސްކުރާ ކުދިންނަށް ނާޒިލް ދޭ މެސެޖަކީ ގުރުއާން ހިތުދަސްކުރުމަށް އެހެން ކަންތައް ހުއްޓާލަން ޖެހޭކަމެއް ނޫންކަމެވެ. އަދި، ގުރުއާން ހިތުދަސްކުރަމުން އެހެން ކަންކަން މެނޭޖްކުރުމަކީ ވަރަށް ފަސޭހަ ކަމެއްކަން އޭނާ ފާހަގަކުރެއެވެ.
ނާޒިލްގެ އުންމީދަކީ، ކައިރި މުސްތަގުބަލެއްގައި ހިފްޒު އިންސްޓިއުޓެއް ގާއިމުކޮށް ރަށުން ފެށި މަސައްކަތް މުޅި ރާއްޖެއަށް ފުޅާކުރުމެވެ. އަދި، މުޅި ރާއްޖޭގައި ގިނަ ހާފިޒުންނާއި ދީނަށް ލޯބިކުރާ ކުދިން އުފެއްދުމެވެ. މުޅި ރާއްޖެއަށް އެ ނޫރު ފެތުރުމެވެ.