އެމެރިކާއިން އިސްރާއީލަށް 20 ބިލިއަން ޑޮލަރުގެ ހަތިޔާރު ފޯރުކޮށްދެނީ

އިސްރާއީލާއި ޣައްޒާ ވަކިކުރާ ފެންސް ކައިރީގައި އިސްރާއީލުގެ ޓޭންކެއްގައި ސިފައިން ހަރަކާތްތެރިވަނީ. ފޮޓޯ/އަލް ޖަޒީރާ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނީ ހަމަލާތައް އިތުރަށް ވަރުގަދަ ކުރަމުންދާ މި ދަނޑިވަޅުގައިވެސް އެމެރިކާއިން އިސްރާއީލަށް 20 ބިލިއަން ޑޮލަރުގެ ހަތިޔާރު ފޯރުކޮށްދޭން ނިންމައިފިއެވެ.

ފަޔާ ޖެޓްތަކާއި މިސައިލް ވެސް ހިމެނޭހެން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އަންގައިވައިފައިވާ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.

ސްޓޭޓް ޑިޕާޓްމެންޓުން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާއިން ވަނީ އިސްރާއީލުގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދޭން ވައުދުވެފައެވެ. އަދި އަމިއްލަ ދިފާއުގައި ހަމަލާތައްދޭން އިސްރާއީލު ގާބިލުކުރުމަކީ އެމެރިކާގެ ޒިންމާއެއް ކަމަށްވެސް އެ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.

އެމެރިކާއިން އެކަން އިއުލާން ކޮށްފައިވަނީ ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުގެ އިސް ވެރިއެއްކަމަށްވާ އިސްމާއީލު ހަނިއްޔާއާއި އީރާނުގެ ތާއީދު އޮންނަ ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުﷲ ގެ އިސް ކޮމާންޑަރު ފުއާދު ޝުކްރު ޝަހީދުކޮށްލުމާ ގުޅިގެން އީރާނާއި ހިޒްބުﷲ އިން ދޭ ބަދަލު ހިފުމުގެ ހަމަލާއެއް އިސްރާއީލަށް ދީފާނެ ކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން އަންގާރަ ދުވަހު ވިދާޅުވީ ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވެއްޖެނަމަ އީރާނުގެ ހަމަލާއިން ސަލާމަތްވެދާނެ ކަމުގައެވެ.

ޣައްޒާ ނައްތާލުމުގައި އެމެރިކާ ބައިވެރިވާ ކަމަށް ބުނެ އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓައިލުމަށް އެމެރިކާއަށް ފާޑުކިޔާ ގިނަ ބަޔަކު ވަނީ ގޮވައިލައިފައެވެ.

ހަނގުރާމަ ހުއްޓައިލުމުގެ މަޝްވަރާތަކުގެ އެއް މެދުވެރިއަކަށް އެމެރިކާވީ ނަމަވެސް، އެމެރިކާއަކީ އިސްރާއީލަށް މާލީ ގޮތުންނާއި އަސްކަރީ ގޮތުންވެސް އެންމެ ބޮޑަށް މަދަދުވެރިވާ ގައުމެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 39،929 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 92،240 އަށް އުފުލިފައެވެ.

comment ކޮމެންޓް