މިހާރަކަށް އައިސް ފެޝަން ޝޯތަކުން މޮޑެލުން ފެންނަ މިންވަރު މަދުވަމުން އަންނަ ކަމަށާއި ގިނަ ޑިޒައިނަރުން އިސްކަންދެނީ ފިލްމީ ތަރިން ނުވަތަ ފިލްމީ ތަރިންނާ ގުޅުންހުރި މީހުންނަށް ފުރުސަތު ދިނުމަށް ކަމަށް ޑައިރެކްޓަރު މަދުރު ބަންޑާކަރު ބުނެފިއެވެ.
މަދުރުއަކީ ފެޝަން އިންޑަސްޓްރީގެ ދުނިޔެ ބެލުންތެރިންނަށް ސިފަކޮށްދިނުމުގެ ގޮތުން "ފެޝަން"ގެ ނަމުގައި ފިލްމެއް އުފެއްދި ކުޅަދާނަ ޑައިރެކްޓަރެވެ. އެ ފިލްމަށް ލިބުނު ބޮޑު ކާމިޔާބީއާ އެކު މަދުރު ވަނީ "ފެޝަން2"ގެ ނަމުގައި އިތުރު ފިލްމެއް އުފައްދާނެކަން އިއުލާނުކޮށްފައެވެ.
ނަމަވެސް, މި ފިލްމުގެ ވާހަކަ ބިނާކުރަން ބޭނުންވަނީ ފެޝަން އިންޑަސްޓްރީއިން ކާމިޔާބު މޮޑެލުން ގެއްލެން ދިމާވާ ސަބަބުތަކުގެ މައްޗަށް ކަމަށް މަދުރު ވަނީ ބުނެފައެވެ.
ޕްރިޔަންކާ ޗޯޕްޅާ އަދި ކަންގަނާ ރަނާވަތު ލީޑް ރޯލް ކުޅުނު "ފެޝަން"ގެ ދެވަނަ ބައެއް އުފައްދަން ނިންމީ މިއަދުގެ ފެޝަން އިންޑަސްޓްރީގެ ދުނިޔެއަށް އައިސްފައިވާ ބަދަލުތައް ގެނެސްދިނުމުގެ ބޭނުމުގައި ކަމަށްވިޔަސް މިއަދު ފެންނަނީ ބަލަން ބޭނުންނުވާ މަންޒަރުތަކެއް ކަމަށް ކާމިޔާބު ޑައިރެކްޓަރު ވަނީ ބުނެފައެވެ.
ފެޝަން ޝޯތަކުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދާ ޝޯސްޓޮޕަސްގެ ގޮތުގައި މިހާރު ގިނައިން ފެންނަނީ ފިލްމީ ތަރިން ކަމަށާއި އޭގެ ސަބަބުން ހުނަރުވެރި ގިނަ މޮޑެލުންނަށް ފެޝަން އިންޑަސްޓްރީއިން ލިބޭ ފުރުސަތުތައް މަދުވަމުންދާކަން މަދުރު ވަނީ ފާހަގަކޮށްފައެވެ.
މީގެ ކުރިން ކާމިޔާބު މޮޑެލުންގެ ވާހަކަތައް އެކިއެކި ނޫސް މަޖައްލާތަކުން ފެނުނު ނަމަވެސް މި ފަހަކަށް އައިސް ފެޝަން އިންޑަސްޓްރީގައި މަސައްކަތް ކުރާ މޮޑެލުންގެ ވާހަކަތައް އެއްވެސް ގޮތަކަށް ނީވޭ ކަމަށާއި އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ފިލްމީ ތަރިންނާއި އެ ތަރިންނާ ގުޅުން ހުންނަ ނުފޫޒުގަދަ މީހުންނަށް ބައެއް ފެޝަން ޑިޒައިނަރުން އިސްކަންދޭތީ ކަމަށް މަދުރު ބުނެފައިވެއެވެ.
އެހެންކަމުން އިންޑަސްޓްރީގެ ސުޕަ މޮޑެލުންނަށްވީ ކިހިނެއްތޯއާއި އެ މީހުން ސްޓޭޖްމަތިން ނުފެންނަނީ ކީއްވެކަން ބެލުންތެރިންނަށް އަންގައިދޭން ބޭނުންވާ ކަމަށް މަދުރު ވަނީ ބުނެފައެވެ.
ފެޝަން ޝޯތަކުން ފިލްމީ ދާއިރާގައި މަސައްކަތް ނުކުރާ ގިނަ ބަޔަކު އާއްމުކޮށް ފެންނައިރު ދާދިފަހުން އެކްޓަރު ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ކަޕޫރު ޝޯސްޓޮޕަސްގެ ގޮތުގައި ސްޓޭޖްމަތިން ފެނުމުން ވެސް ވަރަށް ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔާފައެވެ.