ކްރިމިނަލް ކޯޓަށް ފެންވަނުމުގެ ސަބަބުން އެ ކޯޓުން މާދަމައަށް ތާވަލްކޮށްފައިވާ މައްސަލަތައް ކެންސަލް ކޮށްފިއެވެ.
މިކަމާ ގުޅިގެން އެ ކޯޓުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މާދަމާ ސަރުކާރު ބަންދުކުރުމަށް ނިންމާފައިވާތީއާއި ވިއްސާރައިގެ ސަބަބުން، ކޯޓުގެ އިމާރާތަށް ފެނުގެ އަސަރު ކޮށްފައިވާތީ، މާދަމާ އެ ކޯޓުން ތާވަލުކޮށްފައިވާ އެންމެހައި މައްސަލަތައް ކެންސަލް ކޮށްފައި ވާކަމަށެވެ.
ނަމަވެސް، ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީސްތަކާއި ކޯޓު އަމުރު ނެރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.
ކޯޓަށް ފެންވަދުމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެމުން އެ ކޯޓުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކުރިންވެސް ފެން ވަދުމުގެ މައްސަލަ ދިމާވެފައިވާ ފާރުތަކުން މިހާރުވެސް ފެން ވަންނަ ކަމަށެވެ. ބައެއް އިލެކްޓްރޯނިކް ސާމާނުތައްހުރި ތަންތަނަށް މިހާރު ވެސް ފެން ފައިބާ ކަމަށާއި މާލެ އަދި ހުޅުމާލޭގައި ހިންގާ އިމާރާތަށް ވެސް ވަރަށް ބޮޑަށް ފެނުގެ އަސަރު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ބައެއް ގާޒީންގެ ކޮޓަރިތަކަށާއި ގާޒީން ތިބޭ މޭޒުތަކަށް ފެން ފައިބާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިރޭ ވެސް މުވައްޒަފުން ނެރެގެން އިމާރާތުގެ ހާލަތު ބަލަމުން ދާކަމަށް އެ ކޯޓުން ވަނީ މައުލޫމާތު ދީފައެވެ.

މީހެ ކުރިން ކްރިމިނަލް ކޯޓުގެ އެތެރޭގައި ހުރި ތަނބެއްގެ ބައެއް ވެއްޓިފައި -- ފޮޓޯ/ ފަނޑިޔާރުންގެ ވައިބާ ގުރޫޕް
މީގެ ދެ މަހެއްހާ ދުވަސް ކުރިިން ވެސް އެ ކޯޓުން ވަނީ ވާރޭވެހި ފެނުގެ އަސަރު ކުރުމުން މާލޭ ކޯޓުގައި ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ އަޑުއެހުންތައް ހުޅުމާލޭ ކޯޓަށް ބަދަލުކޮށްފައެވެ.
އަދި މީގެ ކުރިން އިމާރާތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެކި ޝަރީއަތްތައް ކުރިއަށް ނުގެންދެވި ކެންސަލް ކޮށްފައިވާއިރު އެ އިމާރާތް ބާވުމުން ތަނބުތައް ވެއްޓުން ފަދަ ހާދިސާތައް ވެސް މީގެ ކުރިން ވަނީ ހިނގާފައެވެ.