ހިތާ ދިމާ މޭގަ އަތް އަޅާލައިގެން ހުރެ ގޮސް ގޭތެރެއަށް ވަތް ޒައިނާ އެދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލާ ދޮރުގައި ލެނގިލިއެވެ.
ކޮޅަށް ހުންނަން ދަތި ވުމާއެކު އަނގަމަތީގައި އަތް އަޅާލުމާއެކު ހުރިތަނަށް ތިރިވެވުނެވެ. ދެ ތުންފަތް ފޫއަޅުވާލާފައި ނުކުތް ވޭނީ އާހްގެ އަޑުން އެކަނިވެސް އެހިތަށް ކޮށްފައިވާ އަސަރުތައް ދޭހަވާހާވެއެވެ. ތުރުތުރު އަޅަމުން ދިޔަ ހަށިގަނޑު ހަމައަކަށް އަޅުވަން ކިތަންމެ މަސައްކަތް ކުރިނަމަވެސް، ލިބިފައިވި ސިހުމާއި ގިލަންވެރިކަމުގެ ސަބަބުން އެކަން ކުރުން އޭނާއަށް އުނދަގޫކަމަކަށްވިއެވެ.
ސޯފާގައި އިން ސަވާއަށް ބަލައިލުމެއްވެސް ނެތި ޒައިނާ ގޮސް ކޮޓަރިއަށް ވަދެ ދޮރުޖެހި ގޮތުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އޭނާއަށް ދެނެގަނެވުނެވެ. އިތުރު ކަމަކާ ވިސްނާނުލެވި އުޅެނިކޮށް ދެން ފެނުނީ އިޝްފާން އައިސް ގެއަށް ވަތްތަނެވެ. އިޝްފާންގެ މޫނުމަތީގައިވި އަސަރުތަކުން އިޝްފާންއާ ޒައިނާއާ ދެމެދު ކަމެއް ހިނގައިފި ކަމުގައި އޭނާއަށް ޔަޤީންވިއެވެ. އިޝްފާން ސަވާއަށް ބަލާލާފައިވެސް އެއްޗެއް ބުނާ ޚިޔާލެއް ނުކުރެއެވެ. އޭނާ ކޮޓަރިއާ ދިމާލަށް ހިނގައިގަތުމުން އިސްވެ ސަވާ ވާހަކަ ދެއްކިއެވެ.
"މި ގަޑިއަކު ނޫން ދޮންތާ!" މާޔޫސްކަން އެކުލެވޭ އަޑަކުން އިޝްފާން ބުނެލިއެވެ. އިތުރަށް ބުނާނީ ކީކޭކަމެއް ސަވާއަކަށްވެސް ނޭނގުނެވެ. އިޝްފާންއަށް އެކަނި ވަގުތު ކޮޅެއް ބޭނުންވަނީކަން ފަހުމްވުމާއެކު އިޝްފާން ފަހަތުން ދާ ޚިޔާލެއް ސަވާ ނުކުރެއެވެ. ހަމައަކަށް އެޅުމުން އިޝްފާން އޭނާއާ ވާހަކަ ދައްކާނެކަމުގެ ޔަޤީންކަން އޮތީތީއާވެސް އެކުގައެވެ. އެހެންނަމަވެސް ސަވާ ވަނީ އިޝްފާންއާ މެދު ކަންބޮޑުވެ ހާސްވެފައެވެ. އިޝްފާންއަށް ލިބޭ އުފާވެރިކަން ކޮންމެ ފަހަރަކު ބީވެގެން ދަނީ ކީއްވެހެއްޔެވެ؟ ދުވަހަކު އުފަލެއް އިޝްފާންއަށް ހައްޤު ނޫނީ ހެއްޔެވެ؟ އެފަދަ ވިސްނުންތަކެއްގައި އިން ސަވާއަށް ސިހުން ގެނުވީ އޭނާގެ ފޯނު ރިންގު ވުމާއެކުގައެވެ.
"ހެލޯ…" ގުޅީ ރީހާންއެވެ.
"ވަރަށް މިސްވެގެން މިގުޅީ…" ރީހާން ބުނެލިއެވެ.
"އަހަރެންވެސް މިސްވޭ…" ރީހާންއަށް ޖަވާބު ދިން ސަވާގެ އަޑުގައި އެހެންޏާ ނުހުންނަ ފަދަ މަޑުމޮޅިކަމެއް ވީތީ ރީހާންއަށް ސުވާލު ނުކޮށެއް ނުހުރެވުނެވެ.
"ކިހިނެއްވީ ލޯބީ؟ ކަމަކާ ދެރަވެފަ ހެން ހާދަ ހީވެޔޭ…" ސަވާގެ އަޑުގައިވި އަސަރުތައް ރީހާން ނަގައިގަންނަލެއް އަވަސްކަމުން ބައެއްފަހަރު ސަވާވެސް ހައިރާންވެއެވެ. އެހެންނަމަވެސް އެކަމާ އޭނާ އުފާވެސް ވޭމެއެވެ. އެކަމުން އޭނާއަށް ހާމަވީ ކަމަކީ ރީހާންގެ ހިތުގައި އޭނާއާ މެދު ވާ ފުން ލޯތްބާއި އިޙްސާސްތަކެވެ.
"ނުވޭ ކަމެއް… ޖަސްޓް…." ސަވާ ބުނެލިއެވެ.
"ކަމެއްވެއްޖެކަން ޔަޤީން. އަހަރެން ގާތުގައި ނުބުނާނަންތަ؟ ނޫނީ ޔޫ ނީޑް ސަމް ޓައިމް؟" ރީހާން ސުވާލުކޮށްލިއެވެ.
"އައި ޑޯންޓް ނޯ… އެކަމަކު އަހަރެން ބޭނުން ކަންނޭނގެ މިވާހަކަ ކޮންމެވެސް މީހަކާ ޝެއަރކޮށްލަން." ސަވާ ސޯފާއިން ތެދުވެލާފައި ބޭރަށް ނުކުންނަން ހިނގައިގަތެވެ.
"އަހަރެން މިހުރީ އަޑު އަހަން. ސަވާގެ ކޮންމެ ވާހަކައެއްވެސް، " ރީހާން ޔަޤީންކަން ދިނެވެ.
"ތެންކިއު ރީހާން… އަހަންނަކަށް ނޭނގެ ރީހާންއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް. ރީހާން އަހަރެންގެ ޙަޔާތަށް ނައި ނަމަ އަދިވެސް އަހަރެންގެ ޙާލަކީ އެއީ ކަންނޭނގެ." ސަވާ އިޝާރާތް ކުރީ ކޮންކަމަކަށްކަން ރީހާންއަށް އެނގުނެވެ.
"މާޒީގެ ވާހަކަ ބާއްވަމާ… މިހާރު ސަވާއަށް ތި އުނދަގޫވާ ކަންތައް އަހަންނާ ހިއްސާކޮށްލާ…" ރީހާންގެ އަޑުގައި ވަނީ އޯގާތެރިކަމެވެ.
"އަހަރެން އިޝްފާންއާ މެދު ކަންބޮޑުވަނީ… ހާސްވަނީ… އެތައް ދުވަހަކަށްފަހު އަހަރެން ހީކުރީ އިޝްފާންގެ ލައިފްއަށް ކޮންމެވެސް ކަހަލަ އުފާވެރިކަމެއް ލިބެން އުޅެނީއޭ. އެކަމަކު އެހެންނެއް ނުވި." ސަވާ ބުނެލިއެވެ.
"އަހަރެން މިހުރީ އަޑު އަހަން." ދެމެދަށް ދެން ވެރިވި ހިމޭންކަން ފޫދުއްވައިލީ ރީހާންއެވެ. އެއްޗެއް ބުނަން އޭނާ ބޭނުންވަނީ ސަވާގެ ވާހަކަ އެކީ އަޑު އެހުމަށް ފަހުގައެވެ.
"އިޝްފާންވެސް އެ ކުއްޖާ ދެކެ ލޯބިވޭ. އަދި އެ ކުއްޖާވެސް އިޝްފާން ދެކެ ލޯބިވޭ… އެކަމަކު… އެ ދެމީހުންގެ ގުޅުމަށް ވަގުތާ ޙާލަތު ތަނެއް ނުދޭ… އިޝްފާންގެ މޫނުމަތިން އެފަދަ މާޔޫސްކަމެއް އަހަރެން މި ދުށީ އަލަށް. ކުރިން އެފަދަ އަސަރުތަކެއް އަހަރެން އެ މޫނުމައްޗަކުން ނުދެކެން. އަހަރެން ހާސްވަނީ. އިޝްފާންގެ ހިމޭންކަމުން އުނދަގޫވަނީ. އިޝްފާންގެ ހިތަށް ކޮންމެވެސް ކަހަލަ ތަސައްލީއެއް ދޭން ބޭނުންވަނީ." ޖޯލީގައި އިށީންނަމުން ސަވާ ފުންނޭވާއެއް ދޫކޮށްލިއެވެ.
"އެ ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާނަމަ ކާކު ގެ ސަބަބުން އެކުގައި އުޅުމަށް ހުރަސް އެޅެނީ؟ ސަވާގެ ބައްޕަތަ؟" މީގެ ކުރިން އިޝްފާންގެ ޙަޔާތަށް އައި އަންހެން ކުއްޖާ ވަކިވެ ދިޔަގޮތް ސަވާ އޮތީ ރީހާންއަށް ކިޔައިދީފައިކަމުން އޭނާ ސުވާލުކޮށްލިއެވެ.
"ނޫން. ބައްޕައެއް ނޫން. އަހަރެން މި ބުނީނު ވަގުތާ ޙާލަތުގެ ސަބަބުންނޭ. އެ ދެމީހުން ގުޅުމަކީ ދުވަހަކުވެސް ވާނެ ކަމެއް ނޫން." ސަވާ ގެ އަޑުގައިވެސް ވަނީ މާޔޫސްކަމެވެ. އިޝްފާންއަށްޓަކައި އޭނާ ވަނީ ދެރަވެފައެވެ.
"ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވަންޏާ ކޮންމެވެސް ގޮތަކުން އިރާދުކުރެއްވިއްޔާ އަދި އެމީހުން ގުޅޭނެ." ރީހާން ބޭނުންވީ ސަވާގެ ހިތްހަމަ ޖައްސުވައިދޭށެވެ. އެވަގުތު އިތުރަށް ސުވާލުކޮށްގެން ކަންތައްތައް ހޯދަން އޭނާ ނޫޅުނީ އެކަމުން ސަވާއަށް މާ ބޮޑު ނުތަނަވަސްކަމެއް ލިބިގެން ހިނގައިދާނެތީއެވެ. ސަވާ އަމިއްލައަށް ފެނިގެން ހުރިހާ ވާހަކައެއް ކިޔައިދެން ދެން ރީހާން ހުރީ ކެތްކުރަން ނިންމައިގެންނެވެ.
"އިޝްފާންއަކީ ޑްރަގް އެޑިކްޓެއް. މަސްތުވާތަކެތީގެ ވެސް އެންމެ ބާރުގަދަ އެއްޗެހި އޭނަ ބޭނުންކުރަނީ…."ސަވާ އެހެން ބުނެލާފައި އަނެއްކާވެސް ހަށި ފުރާ ފުންނޭވާއެއް ދޫކޮށްލިއެވެ.
"އިންޝާ ﷲ އަދި ރަނގަޅުވާނެ. އަދި އިޝްފާންއަށް، އިޝްފާން ލޯބިވާ އަންހެން ކުއްޖާވެސް ލިބޭނެ." ރީހާން އެހެން ބުނެލުމާއެކު ސަވާގެ ތުންފަތްމައްޗަށް ހިތި ހިނިތުންވުމެއް ވެރިވިއެވެ.
"ދެން ހީނލަބަ! އަހަރެން ވަރަށް މިސްވެގެންނޭ މި ގުޅީ. މާދަން ފުރާ ލޯންޗަކުން ތިކޮޅަށް ދާން ވީ ދޯ." ސަވާގެ މޫޑު ރަނގަޅު ކޮށްލުމުގެ ނިޔަތުގައި ރީހާން ބުނެލިއެވެ. ވީވެސް އެހެންނެވެ. ރީހާންގެ އެ ސަމާސާއިން ސަވާ ކޮންމެވެސް ވަރަކަށް ހަމަޖެހުނެވެ.
"އަހަރެން ބުނެފިއްޔާ އަންނާނަންތަ؟" ސަވާ ސުވާލުކޮށްލިއެވެ.
"ޔަޤީނެއްނު." ރީހާންގެ ލުއި ހުނުމުގެ އަޑު އިވުނު ސަވާއަށް ވެސް ބޭއިޚްތިޔާރުގައި ހީނލެވުނެވެ. ރީހާންއާ ވާހަކަ ދައްކަން އެތައް އިރެއް ވަންދެން ސަވާ އިނެވެ. އޭނާ ގެއަށް ވަނީ މަޣްރިބް ނަމާދަށް ބަންގި ގޮވުމުންނެވެ. ކޮޓަރިއަށް ވަތްއިރު، ޒައިނާ ނަމާދުކުރަން މުސައްލަ ފަތުރާލަނީއެވެ. ޒައިނާއަށް ހިނިތުންވެލާފައި ސަވާވެސް ވަނީ ފާޚާނާއަށެވެ. ވުޟޫކޮށް ހަދާލައިގެން ނުކުމެ، ޒައިނާ ނަމާދުކޮށް ނިމުމުން ސަވާވެސް ނަމާދުކޮށްލިއެވެ. މުސައްލަ ނަގާފައި އެނދުމަތީގައި އިން ޒައިނާއަށް ވަރަށް ފުން ނަޒަރަކުން ސަވާ ބަލާލިއެވެ. އެއަށްފަހު، އޭނާ ވެސް ގޮސް އެނދުގައި އިށީނދެލިއެވެ.
"ނިހާދުގެ އުނދަގުލެއް ނުވޭ ދޯ." ސަވާ ވާހަކަ ފެށިއެވެ.
"ނަސީބަކުން ނުވޭ…" ޒައިނާ ބުންނެވެ. "އަހަރެން…."
"ކިހިނެއްވީ؟" ޒައިނާ އިތުރަށް ވާހަކަ ދައްކަން އުޅެފައި ހުއްޓާލުމުން ސަވާ ސުވާލުކޮށްލިއެވެ.
"އަހަންނަށް މި ގޭގައި، މި ހިޔާވަހި ކަމުގައި ހުރެވޭނީ ކިތަށް ދުވަސް ވަންދެން؟" ޒައިނާ އޭނާ ވިސްނަމުންދިޔަ ކަންތަކާ ބެހޭގޮތުން ސުވާލުކޮށްލިއެވެ.
"ޒައިނާ ބޭނުންވަންދެން." ސަވާ ބުނެލިއެވެ.
"އެއީ ކިހާ ދުވަހެއް؟ އަހަންނަށް އަބަދަކު މިހެންނެއް ނުހުރެވޭނެއެއްނު. ކޮންމެވެސް ގޮތެއް ހޯދަން ޖެހޭނެއެއްނު…. އަދި…. އަދި އަހަރެން މިގޭގައި ހުންނާނީ ކޮން ހައިސިއްޔަތަކުން." އިޝްފާންއާ އެއްފުރާޅެއްގެ ދަށުގައި ހުރުމަކީ ޒައިނާއަށް ކެތްވާވަރުކަމެއް ނޫނެވެ. އިޝްފާންގެ އެ ދުރުކަމުން އޭނާއަށް އުނދަގޫވަނީއެވެ. ދެރަވަނީއެވެ. ހިތުގައި ރިއްސަނީއެވެ. އަދި އަމްދުން މިއަދު އިޝްފާން އޭނާއާ ދިމާލަށް ބުނި ބަސްތަކަށްފަހު އިޝްފާންއާ އެއް ފުރާޅެއްގެ ދަށުގައި ހުރުމުގެ ހިތްވަރެއް އޭނާގެ ނެތެވެ. ސަވާއަށް ބަލަހައްޓައިގެން އިންނާނެ ހިތްވަރު ނުލިބުމުން އިސްޖަހާލި ޒައިނާ ދެއަތް ދެއަތާ މޮޑެން ފެށިއެވެ. ޒައިނާގެ އެ ސުވާލަށް ދޭނެ ޖަވާބެއް ސަވާގެ އަތުގައި ނެތްނަމަވެސް، އޭނާ ވާހަކަ ދެއްކިއެވެ.
"އަހަރެން ބޭނުމެއް ނޫން ފަހަރެއްގައިވެސް އަހަރެންގެ ކުރިމަތީގައި މީހަކު، އަންހެނަކަށް އަނިޔާވެރި ވާތަން ބަލާކަށް. ފިރިހެނެއްގެ އަނިޔާވެރި ވަކިތަކުގެ ދަށުގައި އަންހެން ކުއްޖަކު ހައްޔަރުވުމުން ހަށިގަނޑާ ހިތުގަ އަޅާނެ ވޭން އަހަންނަށްވެސް އިޙްސާސްވޭ. އެހެންވީމަ އަހަރެން ޒައިނާއަށް މި އެހީވަނީ… ޒައިނާ މިގޭގައި ތިހުރީ އަހަރެންގެ ހިމާޔަތުގެ ދަށުގައި." ސަވާ ބުނެލިއެވެ. ހަޤީގަތުގައި ޒައިނާއާ މެދު އޭނާގެ ހިތުގައި ވަނީ ޙަމްދަރުދީއެވެ.
"އަހަރެން އެބަ އަންނަން އިނގޭ…" އެހެން ބުނެލާފައި ސަވާ ކޮޓަރިން ނުކުމެގެން ގޮސް އިޝްފާންގެ ކޮޓަރީގައި ޓަކި ޖަހާލާފައި ވަނެވެ. އޭރު އިޝްފާން އިނީ އެނދުމަތީގައި އިށީނދެގެންނެވެ. އޭނާގެ އަތުގައި ފައިލު އޮތެވެ. ސަވާ ގޮސް އެއްފަރާތުގައި އިށީނދެލިއެވެ.
"އިޝްފާން…." އޭނާ ގޮވާލިއެވެ.
"ހޫމް." އިޝްފާން ހަމައެކަނި ހޫމް އަކުން ފުއްދާލިއިރު، އޭނާ އިނީ އިސްޖަހާލައިގެންނެވެ.
"މަންމަމެން ކައިރީގައި ބުނާނީ ކޮން އިރަކުން؟ މަންމައާ ބައްޕައަށް…" ސަވާއަށް ބުނެވުނީ އެވަރަށެވެ.
"ދޮންތާ! އަހަރެން ބޭނުމެއް ނޫން އެކަކަށްވެސް މި ސިއްރު އެނގޭކަށް. އަދި ބުނަންތަ؟ އަދި އަމްދުން މިއިން އެއްވެސް ކަމެއް ފަތުހީއަށް އެނގޭކަށް ބޭނުމެއް ނޫން. އަހަރެންގެ ޙަޔާތުން މިހާ ހިސާބަށް އައިއިރު، އޭނައަށް އެނގުނީ ކޮންކަމެއް؟ އެނގެން މަސައްކަތްކުރީ ކޮން ކަމެއް؟ ލާރި ފަހަތުން ދުވުން ނޫންކަމެއް އޭނަ އަށް ކުރެވުނުތަ؟" އިޝްފާން ސަވާއަށް ބަލާލިއިރު އޭނާގެ ލޮލުގައިވަނީ ކަރުނައެވެ.
"އިޝްފާން! ދޮންތައަށް އެނގެޔޭ ކީއްވެގެންކަން އިޝްފާން ބައްޕަ ދެކެ ރުޅި އަންނަނީ. ޚުދު ދޮންތަގެ ހިތުގައި ވެސް ބައްޕައާ މެދު ޝަކުވާތައް އެބަ ހުއްޓޭ. އެކަމަކު އެއީ އަހަރެމެންގެ ބައްޕައެއްނު." ސަވާ އިޝްފާންގެ އަތުގައި އަތް ޖައްސާލިއެވެ. އެއާއެކު އިޝްފާން މަލާމާތް އެކުލެވިގެންވާ ހިތި ހިނިތުންވުމެއް އެ ތުންފަތް މައްޗަށް ވެރިކޮށްލިއެވެ.
"ކިހިނެއްވީ؟ ދޮންތައަށް މި ބުނެވުނީ ގޯސް އެއްޗެއްތަ؟" ސަވާއަށް ބުނެވުނެވެ.
"ނޫން. އެކަމަކު ދޮންތައަށް އެނގޭތަ ދޮންތަ ބައްޕަ ކިޔާ މީހާގެ ހުރި ވިޔާނުދާކަން." އިޝްފާން އެހެން ބުނެލިއިރު، އެ އަޑުގައި ވަނީ ފަތުޙީއާ މެދު ނަފްރަތާއި ރުޅިވެރިކަމެވެ.
"އިޝްފާން…. ބުނެބަލަ." އެހިސާބަށް ބުނެފައި އިތުރު އެއްޗެއް ނުބުނެ އިންނަން ފެށުމުން ބޮޑުކަމެއް، އިޝްފާން، ސިއްރުކުރަމުން ދާކަން ސަވާއަށް އެނގުނެވެ.
"ޕްލީޒް…" ސަވާ އާދޭސްކުރަން ފެށުމުން އިޝްފާން ސަވާއަށް ބަލާލުމަށްފަހު ވާހަކަ ދެއްކިއެވެ.
"ޔޫ ޑޯންޓް ވޯންޓު ނޯ…. ދޮންތާ…." އިޝްފާން ބުނެލިއެވެ.
"ނޫން. ދޮންތަ އެނގެން ބޭނުން އިޝްފާން ބައްޕަ ދެކެ ތިހާ ރުޅި އަންނަ ސަބަބެއް. ދޮންތައަށް ނޭނގޭ ސަބަބެއް އޮތްނަމަ ބުނޭ!" ސަވާ އާދޭސްކުރުން ހުއްޓައެއް ނުލިއެވެ.
"ފަތުޙީ އެހެން އަންހެނުންނާ ގުޅުން ބާއްވާ…"
(ނުނިމޭ)