ގޫގުލް ކްރޯމްއާއި އެޖްގެ ޔޫޒަރުންވަނީ ނުރައްކަލަކަށް ހުށަހެޅިފައި: ދިރާސާ

އެތައް ހާސް ގޫގުލް ކްރޯމް ޔޫޒަރުންނާއި މައިކްރޯސޮފްޓް އެޖްގެ ޔޫޒަރުން ތިބީ ނުރައްކާތެރި ހަމަލާއަކަށް ހުށަހެޅިފައިވާކަމަށް ފަހުގެ ދިރާސާއަކުން ހާމަވެއްޖެއެވެ.

ސައިބަރ ސެކިއުރިޓީ ދިރާސާވެރިން ވަނީ ވެބް ބްރައުޒަރުތައް ހައިޖެކްކޮށް، މުހިއްމު މަޢުލޫމާތު ވަގަށް ނަގާ އައު ނުރައްކާތެރި ކެމްޕެއިނެއް ފާހަގަކޮށްފައެވެ.

ރީޒަން ލެބްސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި ކެމްޕެއިނުން މިހާތަނަށް ގާތްގަނޑަކަށް 300،000 ގޫގުލް ކްރޯމް އަދި މައިކްރޯސޮފްޓް އެޖް ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްފައިވެއެވެ.

މި ހަމަލާގައި ބޭނުންކުރަނީ ރޮބްލޮކްސް އެފްޕީއެސް އަންލޮކާ، ޔޫޓިއުބް، ވީއެލްސީ މީޑިއާ ޕްލޭޔާ، ސްޓީމް، ނުވަތަ ކީޕާސް ފަދަ ދޮގު ސޮފްޓްވެއާތައް ހިލޭ ފޯރުކޮށްދޭ ވެބްސައިޓްތަކެވެ.

މި ވެބްސައިޓްތަކަށް ޒިޔާރަތްކޮށް ދޮގު ސޮފްޓްވެއާ ޑައުންލޯޑްކުރާ ފަރާތްތަކަށް ލިބެނީ 2021 އިން ފެށިގެން ދެމިއޮތް ޓްރޯޖަން މެލްވެއާ އެކެވެ.

މި މެލްވެއާ އިން އެޑްއޮންތަކާއި އެކްސްޓެންޝަންތައް އިންސްޓޯލްކޮށް، ސާޗް އިންޖިންތައް ހައިޖެކްކުރުމުގެ އިތުރުން އެހެނިހެން ނުރައްކާތެރި ކަންކަން ވެސް ކުރެއެވެ.

ދިރާސާވެރިން ބުނާ ގޮތުގައި މި ޓްރޯޖަން މެލްވެއާގައި ހިމެނެނީ އާދައިގެ އެޑްވެއާ އެކްސްޓެންޝަންތަކުގެ އިތުރުން، އަމިއްލަ ޒާތީ މަޢުލޫމާތު ވަގަށްނެގުމާއި އެކި އަމުރުތައް ތަންފީޒުކުރުމަށް ލޯކަލް އެކްސްޓެންޝަންތައް ޑެލިވާކުރާ ނުބައި ސްކްރިޕްޓްތަކެވެ.

މި ނުރައްކާތެރި ހަމަލާއިން ރައްކާތެރިވުމަށް، ބްރައުޒަރު ބޭނުންކުރާ ފަރާތްތަކަށް އިރުޝާދު ދެވެނީ ނޭނގޭ ވެބްސައިޓްތަކުން ސޮފްޓްވެއާ ޑައުންލޯޑްނުކުރުމަށާއި، ބްރައުޒަރުތައް އަޕްޑޭޓްކޮށް، ސެކިއުރިޓީ ސެޓިންގްތައް ބަލަހައްޓަމުން ގެންދިއުމަށެވެ.

comment ކޮމެންޓް