ކ. ތުލުސްދޫގައި ބޭއްވުމަށް ތައްޔާރުވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ 14 އެތުލީޓުންނަށް ޖާޒީ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކާ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގައުމީ ޓީމުގެ އެތުލީޓުންނަށް ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
ރާއްޖެއިން މި މުބާރާތުގައި ވާދަކުރާ އެތުލީޓުން ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ. އެއީ ސާފިން އޭ ޓީމާއި ބީ ޓީމެވެ. ސާފިން އޭ ޓީމާއި ބީ ޓީމު ކަނޑައެޅުމަށް ކުރިއަށް ގެންދިޔަ ޓްރިއަލްއިން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ރާއްޖެއިން ވާދަކުރާ މެންސް ސީނިއާ އޭ ޓީމުގައި ހިމެނެނީ ކެޕްޓަން އަހުމަދު އާގިލް (އަންމަޑޭ) އާއި އިސްމާއިލް މިގްލާލް (ކުޑަ އިއްސެ)ގެ އިތުރުން ހޫދު އަހުމަދު (ހޫބްސް)އެވެ.
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ބީ ޓީމުގައި ހިމެނެނީ ހަސަން ނާސިހް (ޗިކާ) އާއި އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ޖާގަ ވައިލްޑް ކާޑުގެ ގޮތުގައި ތުލުސްދޫއިން ވާދަކުރާ އަހްމަދު އިޝާމް ޝަމީމް (ހިޝައްޓެ) އެވެ.
މެންސް ސީނިއާ ޓީމުގެތަކުގެ އިތުރުން ރާއްޖޭގެ ސާފިން ޖޫނިއާ އޭ ޓީމާއި ބީ ޓީމުވެސް ވަނީ ޓްރައަލްއަށްފަހު ކަނޑައަޅާފައެވެ. މިގޮތުން އޭ ޓީމުގައި ހިމެނެނީ ޔާސީން އަހުމަދު ނާޝިދު އާއި ކަޔާން ހަމްދާން ޒަކީގެ އިތުރުން ސައްޔިދު ސަލާހުއްދީނެވެ. އަދި ޖޫނިއާ ބީ ޓީމުގައި ހިމެނެނީ މުހައްމަދު އިނާން އަބްދުލް ހައްނާނު އާއި ކަޔާން އަބްދުﷲގެ އިތުރުން މުހައްމަދު ޒަޔާނެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސާފިން މެންސް އޭ ޓީމާއި ޖޫނިއާ އޭ ޓީމު ވާދަކުރާނީ 2026 ވަނަ އަހަރުގެ އޭޝިއަން ގޭމްސް ކޮލިފައިން ބުރުގައެވެ. އަދި ބީ ޓީމުތަށް ކޮލިފައިން ބުރުގައި ވާދަނުކުރި ނަމަވެސް ބީ ޓީމުތައްވެސް ރޭންކް ކުރެވިގެންދާނެއެވެ.
މިދިޔަ އަހަރުވެސް ވަނީ މި މުބާރާތް ތުލުސްދޫގައި ބާއްވާފައެވެ. އެފަހަރު މެންސް ކެޓަގަރީގެ ބްރޯންޒް މެޑަލް ރާއްޖޭގެ ހުސެއިން އަރީފު (އިބޫ) ހޯދިއިރު، މިދިޔަ އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ރާއްޖެއަށް އޭޝިއަން ރޭންކިންގެ ސިލްވަރ މެޑަލް ވަނީ ލިބިފައެވެ.