ފަނަރަ އަހަރުގެ ދިގު ވެރިކަން ދޫކޮށް އިސްތިއުފާ ދޭން މަޖުބޫރުވި އެންމެ ބޮޑު އެއް ސަބަބަކީ ބޭ އޮފް ބެންގަލްގައި އޮންނަ، ބަންގްލަދޭޝްގެ ކުޑަ ރަށެއް ކަމަށްވާ ސެއިންޓް މާޓިން އައިލެންޑް އެމެރިކާ އަށް ދޭން އެއްބަސްނުވުން ކަމަށް ވިދާޅުވެ، ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝައިޚް ހަސީނާ އެމެރިކާއަށް ބޮޑު ތުހުމަތެއް ކުރައްވައިފިއެވެ.
ހަސީނާގެ ގާތް ބޭފުޅުންނާ ހަވާލާދީ އިކޮނޮމިކް ޓައިމްސް ރިޕޯޓުގައިވާ ގޮތުގައި ހަސީނާ އެ ތުހުމަތު ކުރެއްވީ މުޒާހަރާތަކުގައި ދަރިވަރުންނާ މުޚާތަބުކުރައްވައި ދެއްވަން އޮތް އިސްތިއުފާގެ ބަޔާނުގައެވެ.
"އަޅުގަނޑު އިސްތިއުފާ ދިނީ އިތުރު ބައެއްގެ ފުރާނަ ގެއްލިގެން ދާން ބޭނުން ނުވާތީ. އެ މީހުން ބޭނުންވަނީ ދަރިވަރުން މެރުމަށްފަހު ވެރިކަން ހޯދަން. އެ ފުރުސަތު ދޭން އަޅުގަނޑު ބޭނުން ނުވީ. އަޅުގަނޑު ބޮޑުވަޒީރުކަން ދޫކޮށްލީ. ސެއިންޓް މާޓިން އައިލެންޑު އެމެރިކާއަށް ދޫކޮށްލަން އަޅުގަނޑު އެއްބަސްވެ އެމެރިކާ އަށް ބޭ އޮފް ބެންގަލް އަށް ބާރު ފޯރުވޭނެ ގޮތް ހަދައިދިން ނަމަ ވެރިކަމުގައި ހުރެވުނީސް," ހަސީނާ ދެއްވަން ތައްޔާރުކުރެއްވި ބަޔާނާ ހަވާލާދީ އިކޮނޮމިކްސް ޓައިމްސް އިން ބުންޏެވެ.
ސެއިންޓް މާޓިންސް ޖަޒީރާ ރަށަކީ ބަންގްލަދޭޝްގައި މުރަކައިގެ މައްޗަށް އެކުލެވިފައިވާ ހަމައެކަނި ޖަޒީރާ ރަށެވެ. ބެންގާލީ ބަހުން އާންމުކޮށް އެ ރަށަށް ކިޔަނީ "ނަރިކެލް ޒިންޒިރާ" ނުވަތަ "ކޮކްނަޓް އައިލެންޑް" އެވެ. ބަންގްލާދޭޝްގެ އެންމެ ދެކުނުން ބޭ އޮފް ބެންގާލްގައި އެ ރަށަކީ އެންމެ ތިން އަކަ ކިލޯމީޓަރު ހުންނަ ޖަޒީރާ ރަށެކެވެ.
އެ ރަށަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު އަދި އާންމުންނަށް ގިނަ ވަސީލަތްތައް ލިބޭ ރަށެކެވެ.
ހަސީނާ މީގެކުރިން ވެސް ވަނީ ބަންގްލަދޭޝް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު އެމެރިކާއަށްކޮށްފައެވެ.
ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކުގެ ރެކޯޑާއި އިންތިޚާބުގެ ކަންތައްތައް ކުރިއަށް ގެންދާ ގޮތާމެދު، އެމެރިކާއިން ތަކުރާރުކޮށް އަންނަނީ ފާޑުކިޔަމުންނެވެ.
ހަސީނާގެ ސަރުކާރާ ދެކޮޅަށް ބަންގްލަދޭޝްގެ ކޮލެޖުތަކާއި ޔުނިވާސިޓީތަކުގެ އެތަކެއް ހާސް ދަރިވަރުން ނިކުމެ ކުރަމުން ދިޔަ މުޒާހަރާތަކާ ގުޅިގެން އޭނާ ވަނީ އިންޑިޔާއަށް ވަޑައިގަންނަވައި، ހިމާޔަތް ހޯއްދަވާފައެވެ.
އިންޑިޔާއަށް ވަޑައިގެންނެވުމުގެ ކުރިން ހަސީނާ އިސްތިއުފާ ދެއްވާފައިވާ ކަން އިއުލާނު ކުރެއްވީ އަސްކަރިއްޔާގެ އިސް ކޮމާންޑަރު, ޖެނެރަލް ވާކިރު އަލްޒަމާނެވެ.