ދުރުގައި ވާން ނޭދުނަސް ހިތް... 36

"އިޝްފާން…" މަޑުމަޑުން ސަވާއަށް އިޝްފާންއަށް ގޮވާލެވުނުއިރު، އޭނާގެ އަޑު ނުކުތީވެސް އުނދަގުލުންނެވެ.

"އާނ. ދޮންތާ…ކިހިނެއްވީ؟…" ހިތުގެ އުދާސްތައް ސިއްރުކުރަން އިޝްފާން މަސައްކަތް ކުރިއެވެ.

"ކީއްވެ ތި ހިތުގެ ރިހުންތައް އަބަދުވެސް ސިއްރުކުރަނީ؟" އެއްފަރާތު ޖޯލީގައި އިށީންނަމުން ސަވާ ސުވާލުކޮށްލިއެވެ. އެ ސުވާލާއެކު އިޝްފާންއަށް ސަވާއަށް ބަލާލަން މަޖުބޫރުކުރުވީ އެ އަޑުގައިވި ރިހުމާއި ކެކުޅުންތަކެވެ. ސަވާގެ ދެލޮލުގެ ތެރެއަށް ޖަމާވެފައިވާ ކަރުނަތައް ފެނުމާއެކު، އިޝްފާންގެ ހިތް ތެޅިލިއެވެ. އެ ހިތައް ނުބައި ގޮތެއް ވެގެން ދިޔުމާއެކު، އޭނާގެ ހުރިހާ ސަމާލުކަމެއް ސަވާއަށް ހުއްޓުނެވެ.

"ދޮންތާ… ކީއްވެ ތި ރޮނީ؟" އިޝްފާން ސުވާލުކޮށްލިއިރު، އެ އަޑުގައިވެސް ވަނީ ބުނެދޭން ނޭނގޭ އަސަރެކެވެ. ސަވާ ދެފަރާތަށް ބޯ ހޫރާލަމުން ކަރުނަތައް ކޮންޓްރޯލް ކުރިއެވެ.

"އެއީތަ އިޝްފާން ޒައިނާއާ ދުރަށް ދާން ބޭނުންވާ ސަބަބަކީ؟" ސަވާ ސުވާލުކޮށްލުމުން އިޝްފާންގެ ހިތުގައި ސުވާލު އުފެދުނު ނަމަވެސް، އޭނާއަށް ކަމަކަށް ޝައްކުވިއެވެ.

"ކޮޓަރީގައި އޮތް ފައިލުގައިތަ އެ އޮތީ އެކަމުގެ ސިއްރުތަ؟" އިޝްފާންގެ ޖަވާބަކަށް އިންތިޒާރުކުރަމުން ދިޔަ ސަވާ ދެވަނަ ސުވާލެއް އިޝްފާންއާ ކުރިމަތިކުރުވިއެވެ. އެއްވެސް ކަމެއް ސަވާއަށް ސިއްރުކުރުމުގެ ބޭނުމެއް ނެތްކަން އިޝްފާންގެ ސިކުނޑިއަށް ފަހުމްވުމާއެކު، އޭނާ ފުން ނޭވާއެއް ލަމުން ދެ އަތުން މޫނު ފުހެލިއެވެ. އަމިއްލަ ހިތުގެ އިޙްސާސްތައް ހަމައަކަށް އަޅުވަން އިޝްފާން މަސައްކަތްކުރި ނަމަވެސް، ހިތުގެ ހައިޖާނުގަނޑުގެ ސަބަބުން އެއީ ދަތިކަމަކަށް އޭނާއަށް ވިއެވެ. ހިތުގެ ރިހުންތަކުގެ އަސަރު ކަރުނައިގެ ސިފައިގައި ފާޅުވާން ފެށުމުން ސަވާއާ ނަޒަރު ވަކިކޮށްލަމުން އިޝްފާން ދުރުބަލާލިއެވެ.

" އެންމެ ބޮޑު ސިއްރަކީ ތީ… އެކަމަކު…. އަހަންނަކީ ޤާތިލެއްވެސް މެ. މި ހުރިހާކަމަކާ ހުރެ އަހަރެން ދޮންތަ ކައިރީގައި އޭރުވެސް ބުނީ އަހަންނާ ޒައިނާ އެކަށީގެންނުވެޔޭ. އަހަރެން ފަދަ މީހަކާ އެކު ޒައިނާގެ ދިރިއުޅުންވެސް ހަލާކުވާނީ…" އިޝްފާން ވާހަކަ ދެއްކިއިރު ސަވާއާ ހަތަރު ކަޅި ހަމައެއް ނުކުރެއެވެ. އޭނާ އިނީ ދުރު ބަލަހައްޓައިގެންނެވެ.

"މިހާ ދުވަސްވީއިރު ކީއްވެ އެއްވެސް މީހެއްގެ ކައިރީގައި ނުބުނީ؟ ކީއްވެ އެކަނި ތި ހުރިހާ ވޭނެއް ތަޙައްމަލްކުރަނީ؟" ސަވާ އިޝްފާންގެ އަތުގައި ހިފައްޓާލުމާއެކު، އިޝްފާން ސަވާއަށް ބަލާލިއެވެ.

"ބުނެގެން ވާނެ ފައިދާއެއް އެބައޮތްތަ؟ މިރޭ އެ ހަޤީގަތް ދޮންތައަށް އެނގެންވެގެން އެ ހުރިހާ އެއްޗެއް ތި ފެނުނީ. އެހެން ނޫނީ އަހަރެންގެ މަރު ދުވަހާ ޖެހެންދެންވެސް އެ ސިއްރު ފޮރުވާނަން. އަހަރެންގެ ސަބަބުން ދޮންތައަށްވެސް، އަދި މަން… މަންމައަށްވެސް އިތުރު ތަކުލީފެއް ލިބޭކަށް ބޭނުމެއް ނޫން." އިޝްފާން އެ ހިތުގެ ޙާލު ހާމަކުރަމުން ދިޔައިރު، ކެތްކުރަން ޚުދު އޭނާއަށްވެސް ދަތިވިއެވެ. އެހެންނަމަވެސް، ކުރާނީ ކީއް ހެއްޔެވެ؟ މިއީ ތަޤުދީރުގެ ނިޔާއެވެ. ތަޤުދީރާ ޖަދަލުކޮށް ތަޤުދީރުގެ ޙުކުމްތަކަށް ގޮން ޖެހުމަކީ އިންސާނުންނަށް ކުރެވޭނެކަމެއް ނޫނެވެ. ކިތަންމެ ފައިސާ ގިނަ މުދާވެރިއަކަށް ވިނަމަވެސް، އެއީ ނާދިރުކަމެކެވެ. ހިތަށް ކުޅަދާނެ ނުވާ ޙާލަތްތަކުގައި ތަޤުދީރާ މެދު ޝަކުވާ ކުރެވުނު ނަމަވެސް، އެއީ ބަދަލުވާނެ ޙާލަތެއް ނޫނެވެ.

"ދޮންތަ ބުނެބަލަ، ޒައިނާއާ އެކު ދިރިއުޅުމެއް އުޅުމަކީ އަހަންނަށް ކުރެވޭނެކަމެއްތަ؟" އިޝްފާންއަށް ބުނެވުނެވެ. އެނގި ހުރެ ފުން މިން ނޭނގޭ ވަޅުގަނޑަކަށް ޒައިނާ ވައްޓާލާނީ ކިހިނަކުން ހެއްޔެވެ؟ ޒައިނާއަށް ހިމާޔަތް ދެވޭނެ ހަމަ އެކަނި ގޮތަކީ އަމިއްލަ ހިތާ ދެކޮޅަށްވެސް ޒައިނާއާ ދުރުގައި ހުރުމެވެ. އަމިއްލަ ހިތަށް އަނިޔާދީގެން ނަމަވެސް، ޒައިނާއާ ދުރަށް ދިޔުމެވެ. ލޯބީގެ ދެވަނަ މާނައަކީ ޤުރުބާނީ އޭ މީހުން ބުނާތީ އޭނާ އަހައެވެ. އެހެންނަމަވެސް، ލޯބީގައި މީހުން ވާ ޤުރުބާނީގައި ހުންނަ ވޭނާ އަސަރު އޭނާއަށް ރޭކާލީ އަދި އަލަށެވެ. އެއީ ކިހާ ހިތި އެއްޗެއްކަމާއި، ހިތަށް ކިހާ ތަކުލީފެއް ލިބޭ އެއްޗެއްކަންވެސް އިޙްސާސްވީ އަލަށެވެ.

"އިޝްފާން…" ބުނާނެ އިތުރު އެއްޗެއް ދުލުކުރިއަށްނައި ސަވާގެ ސިކުނޑިވެސް ހުސްވެއްޖެއެވެ. އިޝްފާންގެ ހިތަށް ކުރާނެ އަސަރު އޭނާއަށް ހަމަ ރަނގަޅަށްވެސް އަންދާޒާކޮށްލެވެއެވެ. ޚުދު އޭނާވެސް ވަނީ މީގެ ކުރިން ހިތާ ދެކޮޅަށް ލޯބިވެރިޔާއާ ދުރުވެފައެވެ. އެކަމުގައި ހުރި ވޭން އޭނާއަށް ވުރެ ބޮޑަށް އެނގޭނީވެސް ވަކި ކާކަށްހެއްޔެވެ؟ ހިތްވަރު ދިނުމުގެ ގޮތުން ބުނާނެ އެއްޗެއް ނޭނގުނު ސަބަބަކީވެސް އެއީއެވެ.

"އަހަރެން އެންމެ ކަންބޮޑުވަނީ ޒައިނާއަށް ވާނެ ގޮތެއް ނޭނގޭތީ… ނިހާދު ކައިރިން ވަރިވެގެން އޭނަ ގޮސް ވަންނާނެ ތަނެއް ނެތް. އަހަންނަށްވެސް އޭނާއަށް ހިމާޔަތް ދޭވެނެ ގޮތެއް ނެތް....... ނިހާދު ކައިރިން ވަރިވާން ޒައިނާއަށް އެންމެ ހިތްވަރު ދިން މީހަކީވެސް އަހަރެން، އެކަމަކު…" އަމިއްލަ ނަފްސަށްވުރެ ވެސް ބޮޑަށް ޒައިނާ އާ މެދު ކަންބޮޑުވަމުން ދިޔަ އިޝްފާންއަށް ބުނެވުނެވެ.

"އިންޝާ ﷲ، ދެރަގޮތެއް ނުވާނެ." ސަވާއަށް ބުނެވުނު ހާވެސް އެއްޗަކީ އެއީއެވެ. ހިތްވަރު ދިނުމުގެ ގޮތުން ބުނާނެ އިތުރު އެއްޗެއް ނޭނގުނީތީއާވެސް އެކުގައެވެ. ސަވާ އިޝްފާންގެ ކޮނޑުގައި އަތް ޖައްސާލުމުން އިޝްފާން ސަވާއަށް ބަލާލިއެވެ. އެއަށްފަހު އޭނާ ހިނިތުންވާން މަސައްކަތްކުރިއެވެ. އަމިއްލަ ހިތުގެ ކެކުޅުންތަކާ އުދާސްތައް އެހެން އެއްވެސް މީހެއްގެ ކުރިމަތީގައި ބަންޑުން ކުރަން އިޝްފާން ބޭނުމެއް ނޫނެވެ. އެހެންނަމަވެސް، ކެތް ނުކުރެވުނީއެވެ. ޒައިނާއާ މެދު އޭނާ ވަނީ ވަރަށް ބޮޑަށް ހާސްވެފައެވެ.

ޒައިނާ އެ ގެއަށް އައިތާ ތިން ދުވަސް، ފާއިތުވެގެން ދިޔައިރުވެސް އިޝްފާންގެ ފަރާތުން މާ ބޮޑު ސަމާލުކަމެއް ޒައިނާއަށް ދޭތަނެއް ނުފެނެއެވެ. އެކަމާ ޒައިނާ ހުންނަނީ ކުޑަކޮށް ހައިރާންވެފައެވެ. އިޝްފާންއަށް އެހާ ބޮޑު ބަދަލެއް އަންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ އެގޭގައި އޭނާ ހުރުމުން އިޝްފާން ހިތްހަމަ ނުޖެހެނީ ހެއްޔެވެ؟ އޭނާއަށް ގޯސްކޮށް ކަމެއް ކުރެވުނީ ހެއްޔެވެ؟ އެހާ ފިނި ގޮތަކަށް އޭނާއާ މެދު އަމަލުތައް ބަހައްޓާ ސަބަބަކީ ކޮބައިހެއްޔެވެ؟ ހިތުގައި އުފެދުނު ސުވާލުތަކަށް ދޭނެ ޖަވާބެއް ޒައިނާގެ އަތަކު ނެތެވެ. ހިތަށް ވެރިވަމުން ދިޔަ މާޔޫސްކަން ހިއްސާކުރާނީ ކާކާކަމެއްވެސް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ އިޝްފާންގެ އެ ދުރުކަމުން އޭނާގެ ހިތުގައި އިންތިހާއަށް ވޭން އަޅަމުން ދިޔަ ކަމެވެ. އިޝްފާން ފެންނަ ކޮންމެ ފަހަރަކު، އޭނާގެ ހިތް ބާރަށް ތެޅިގަނެެއެވެ. ހީވާ ކަހަލައެވެ. އޭނާގެ ހިތުގައި އިޝްފާންއާ މެދު އުފެދިފައިވާ ލޯބީގެ ބާރުގައި ހިތްވެސް އަމިއްލަ އިޚްތިޔާރުން ބޭރުވަނީއެވެ. ޖަޒުބާތުތައް ސިއްރުކުރަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް، އެކަން ނުކުރެވޭ ވަރަށް ހިތުގެ ޙާލު ބޮޑުވެއްޖެއެވެ. އިޝްފާން ފެންނަ ކޮންމެ ވަގުތަކު، އިޝްފާން އޭނާއާ އަނގައިން ބުނާނެ ކަމުގެ އިންތިޒާރުގައި ހުރެވެއެވެ. ނުފެނި ގިނަ އިރު ވެއްޖެނަމަ، ތަބީޢަތަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ސަވާގެ ކުރިމަތީގައި އޭނާގެ ހިތުގެ ޙާލު ފޮރުވަން ޒައިނާ މަސައްކަތްކުރި ނަމަވެސް، އެ ދެމީހުންގެ ހަރަކާތްތަކަށް ފާރަވެރިވެ، ހުރި ސަވާއަށް އެއިން އެއްވެސް ކަމެއް ސިއްރެއް ނުވެއެވެ. އެހެންނަމަވެސް، ދެރައީ އުންމީދުގެ ހުޅުކޮޅެއް އެ ދެމެދުގައި ދިއްލެން ނެތީތީއެވެ. ހަޤީގަތް ޒައިނާއަށް ކިޔައިދޭން ކިތަންމެ ބޭނުންވި ނަމަވެސް، ހަނުހުރުމަށް ސަވާއަށްވަނީ މަޖުބޫރުވެފައެވެ.

ހަވީރުގެ ވަގުތެވެ. "އޯކިޑް ވިލާ"ގެ ގޯތިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ޒައިނާގެ ސިކުނޑީގައިވަނީ ވަރުގަދަ ތޫފާނެއް އުފެދިފައެވެ. އެކި ކަންކަމާ މެދު ވިސްނި ވަރަކަށް އޭނާގެ ސިކުނޑިއަށް ބާރު ބޮޑުވެ ވާން ވަމުން ދިޔައެވެ. ހަށިގަނޑުގެ އެތެރޭގެ އުދާސްތައް އިތުރުވުން ނޫންކަމެއް ނުވިއެވެ. ހިތަށް ލިބެނީ އިތުރު ނުތަނަވަސްކަމެކެވެ. ނަފްސުގައި އުފެދެނީ އިތުރު އުނދަގޫތަކެކެވެ. އިޝްފާންގެ އަމަލުތަކުން އެހިތުގައި އޭނާއަށް ޖާގައެއް ނެތޭ ބުނަމުން ދާ ހިނދުވެސް ހިތް އޭގެ މުހުތާދުތައް ހާސިލްކުރުމަށް ޖަދަލުކުރަނީ ކީއްވެހެއްޔެވެ؟ ހިތް އޭނާގެ އަމުރަށް ކިޔަމަން ނުވަނީ ކީއްވެހެއްޔެވެ؟ އޭނާގެ ހިތަކީ އެހާ ބަސްނާހާ ހިތަކަށް ވީ ކޮންއިރަކު ހެއްޔެވެ؟. ދުވާލާ ރޭގަނޑުގެ އެތައް ދަމެއް އިޝްފާންގެ އިޝާރާތެއްގެ އިންތިޒާރުގައި ބޭޤަރާރުކަމުގައި ހޭދަކުރެވެއެވެ. ހީވަނީ ގޮތް ނޭނގޭ ހިތާމައިގެ ފުން ކަނޑެއްގެ ތެރެއަށް މުޅި މީހާގެ ނަފްސުވެސް ޣަރަޤުވެގެން ދާހެންނެވެ.

ގޯތިތެރެއަށް ވަތް އިޝްފާންގެ ލޮލުގައި ޒައިނާ އަޅައިގަތުމާއެކު، އޭނާގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައެވެ.

އެނބުރިލި ޒައިނާއާ އިޝްފާންއާ ހަތަރުކަޅި ހަމަވި ވަގުތު ޒައިނާގެ ފައިން ހީވީ ވާގި ދިޔަހެންނެވެ. ހިތް އިންތިހާއަށް ތެޅިގަތްއިރު، އަމިއްލަ ހިތުގެ ޖަޒުބާތުތައް ކޮންޓްރޯލްކުރަން އުނދަގޫވި ދަނޑިވަޅެކެވެ. އެހެންނަމަވެސް، އިޝްފާންގެ އެ ދެލޮލުން ނަޒަރު ވަކިކޮށްލަން ޒައިނާ ބޭނުން ނުވާކަހަލައެވެ.

ޒައިނާއަށް ބަލަހައްޓައިގެން ހުރި އިޝްފާންއަށް އޭނާއަށްޓަކައި އެ ހިތުގައިވާ ލޯބި ފެންންނަމުން ދިޔައެވެ. ޒައިނާގެ ހިތުގެ ބޭޤަރާރުކަން އެ ނަޒަރުން އެކަނިވެސް ބުނެދެމުން އެބަ ދެއެވެ. ހިތް ގޮވަނީ އެދާ ގޮތަށް ގޮސް ޒައިނާ އެ އަތުގެ ތެރޭގައި ހައްޔަރުކޮށްލުމަށެވެ. އެ ހިތަށް ތަސައްލީއެއް ދިނުމަށެވެ. އެހެންނަމަވެސް، ފަސްޖެހެވެނީ އަމިއްލަ މަޖުބޫރީ ޙާލަތުގެ ސަބަބުންނެވެ. އޭނާ ޒައިނާއާ ދިމާލަށް ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކީ ޒައިނާގެ ޙަޔާތަށް ލިބޭނެ ދެރައަކަށް ނޫނީ ނުވާނެއެވެ. ޒައިނާއާއެކު މުޅި އުމުރު ހޭދަކޮށްލުމަކީ އޭނާގެ ވެސް ހިތުގެ އެދުމެކެވެ. އެހެންނަމަވެސް، އެކަމަށް ހުރަހަކަށްވެފައިވަނީ ވަގުތާ ޙާލަތެވެ. އެއީ އިންސާނާގެ އިޚްތިޔާރުގައި ވާ ކަންކަމެއް ނޫނެވެ. ވީއިރު، ކިތަންމެ ލޯބި ވީ ނަމަވެސް، ހިތުގެ ގިލަންވެރިކަމަށް ނިމުމެއް ގެންނާނީ ކިހިނަކުން ހެއްޔެވެ؟

އިތުރު އެއްޗެއް ނުބުނެ އިޝްފާން ގެއަށް ވަންނަން ހިނގައިގަތުމުން، އިޝްފާންގެ ހިމޭންކަމަށް ކެތް ނުކުރެވި ޒައިނާ އެންމެ ފަހުން އިޝްފާންއަށް ގޮވާލައިފިއެވެ. އޭނާގެ ހިތުގެ ޙާލަތުގެ ކުޑަވެސް ހިލަމެއް ނުވެ އެހާ ހަމަޖެހިލައިގެން އިޝްފާންއަށް ހުރެވެނީ ކިހިނަކުން ހެއްޔެވެ؟ ހަމަ ހަޤީގަތުގައިވެސް އޭނާއާ މެދު އިޝްފާންގެ ހިތުގައި އިޙްސާސްތަކެއް ނުވަނީ ހެއްޔެވެ؟. އެ ސުވާލުތަކުގެ ޖަވާބު އެނގެން އޭނާ ބޭނުމެވެ. ހަމަ އެކަނި ހިތުގައި އިޙްސާސްތަކެއްވަނީ އޭނާގެ ހެއްޔެވެ؟ އިޝްފާންގެ ހިތުގައި އޭނާއާ މެދު ޚާއްސަ އިޙްސާސްތަކެއް ނުވޭ ހެއްޔެވެ؟

ޒައިނާ ގޮވާލުމުން އިޝްފާން މަޑުޖެހުނެވެ. އޭނާ އެ ތަނުގައި ހުއްޓާ ޒައިނާ އައިސް ކައިރިއަށް ހުއްޓުނެވެ.

"އިޝްފާން ކީއްވެ ތި ގޮތަށް ކަންތައް ތިކުރަނީ؟" އެންމެ ފަހުން އެ ބަސްތައް ޒައިނާގެ ދުލާ ހިސާބަށް އަތުވެއްޖެއެވެ.

"ކިހިނެއް؟" ހުރިހާ ކަމެއް އެނގޭ ޙާލުވެސް އިޝްފާން އެކަން ޒައިނާއަށް ދައްކާކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން ނިކަން އާދައިގެ ގޮތަކަށް ވާހަކަ ދެއްކޭތޯ އޭނާ މަސައްކަތްކުރިއެވެ. އިޝްފާން ބޮލުގެ އިސްތަށިގަނޑު ނިއުޅުވާލާ ހުޅިއަކަށް ޖަހާލި މަންޒަރު ބަލަން ހުރި ޒައިނާގެ ހިތް އިތުރަށް ޒަޚަމްވުން ނޫންކަމެއް ނުވިއެވެ. ހިމޭންކަން ޚިޔާރުކުރެވުނީ އެހެންވެގެންނެވެ.

"އަހަރެން މިގެއަށް އައިއްސުރެ އިޝްފާން އަހަންނާ ވާހަކައެއް ނުދައްކާ!" ހިތްވަރުކޮށްފައި ޒައިނާގެ ހިތުގެ އަޑު އިއްވާލިއެވެ. އަދި އިޝްފާންގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ.

"އިޝްފާން!" އިޝްފާން އެއްޗެއް ނުބުނުމުން ޒައިނާ އަނެއްކާވެސް ގޮވާލިއެވެ.

"އަހަރެން ކީކޭ ބުނަންވީ؟ އަހަރެން ޒައިނާއާ ވާހަކަ ދެއްކުމަކީ ކޮންމެހެން މަޖުބޫރުކަމެއްތަ؟ އަހަންނަށް ނުބުނެވޭތަ އަހަރެންގެ ކިބައިން އެއްވެސް ކަމަކަށް އުންމީދުނުކުރަން؟" އިޝްފާން ހިތާ ދެކޮޅަށް ވާހަކަ ދެއްކިއިރު، ހަރުކަށިކަން އެ އަޑަށް ގެންނަން މަސައްކަތްކުރިއެވެ.

"އަހަރެން ދެކެ ޒައިނާ ލޯބިވަނީތަ؟ އަހަރެންގެ ހިމޭންކަމުން ތިހާ އުނދަގޫވާން." އިޝްފާންގެ ދެވަނަ ސުވާލާއެކު ޒައިނާ ހިމޭންވިއެވެ. އޭނާއަށް އިސްޖަހާލަން މަޖުބުރުވިއެވެ. އިތުރަށް އެތަނުގައި ހުންނާނެ ހިތްވަރު ނެތި، އޭނާ ހިނގައިގަންނަން އުޅުނު ނަމަވެސް، ސިހުން ލިބުނީ އިޝްފާން އޭނާގެ އަތުގައި ހިފެއްޓުމުންނެވެ.

"ޒައިނާ!" އިޝްފާން ގޮވާލިއެވެ.

ޒައިނާ އިސް އުފުލާލިއިރު، އެ ދެލޮލުގައިވަނީ ކަރުނައެވެ. ތުންފަތުގައި ދަތް އަޅާލައިގެން ހުރިއިރު އަމިއްލަ އިޙްސާސްތައް މަސަލަސްކުރަން އޭނާ މަސައްކަތް ކުރަމުން ދިޔައެވެ.

"ޖަވާބު ދީބަލަ! ޒައިނާ އަހަރެން ދެކެ ލޯބިވޭހޭ؟ " އިޝްފާން އެ ސުވާލު ތަކުރާރުކޮށްލިއެވެ.

"ބުނޭ… ތި ހިތުގައި އަހަންނާ މެދު އިޙްސާސްތަކެއް ވޭހޭ؟" ޒައިނާ އެއްޗެއް ނުބުނުމުން އޭނާގެ ދެ އަތުގައި ހިފައްޓާލަމުން ބާރަށް އިޝްފާން ސުވާލުކޮށްލިއެވެ. އިޝްފާންގެ އަޑު ބާރުވެފައި އެ އަޑުގައިވި އަސަރުން ދޮގު ހަދަން ޒައިނާ ފަސްޖެހުނެވެ. ބޯ ޖަހާލަމުން އާއެކޭ ބުނެލިއިރު، އޭނާގެ ކަރުނަތައް އެސްފިޔަތަކާ ޖަދަލުކޮށްފައި ތިރިއަށް ރޮނގުދެމިގެން ހިނގައްޖެއެވެ. ޒައިނާގެ އެ ކަރުނަތަކުން އިޝްފާންގެ ހިތް މަޑު ކަފަ ކޮޅަކަށް ވެގެން ދިޔައެވެ. އެހެންނަމަވެސް، އަމިއްލަ ހިތުގެ ޙާލު ސިއްރުކުރަމުން އިޝްފާން އެ ހަރުކަށިކަމުގައި ވާހަކަ ދެއްކިއެވެ.

"އަނގައިން ޖަވާބުދީބަލަ!" އިޝްފާންގެ އަޑު އިވި ޒައިނާގެ ހިތަށް ހީވީ އެތަސް ހާސް ހަންޖަރެއް ހަރާލިހެންނެވެ.

"އާނ…އިޙްސާސް… މި… ހިތުގަ…ލޯބި... ވޭ…" ރޮވޭ ޙާލު ޒައިނާ ޖަވާބު ދިނެވެ.

"ޒައިނާއަށް އަހަންނާ ބެހޭގޮތުން އެނގެނީ ކޯންޗެއް؟" އިޝްފާން ޒައިނާއާ ސުވާލުކޮށްލިއެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް ޒައިނާއަކަށް ނޭނގުނެވެ. އިޝްފާން އެބުނީ ތެދެކެވެ. އޭނާ އިޝްފާން ދެކެ ލޯބިވީ އިޝްފާންގެ ކޮން ކަންތައްތަކެއް އެނގިގެން ހެއްޔެވެ؟

"އެނގެން ބޭނުންތަ؟" ޒައިނާގެ އަތަށް ބާރުކޮށްލަމުން އިޝްފާން ބުންޏެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް އިޝްފާންގެ ފަރާތުން ފެނިފައިވާ ސިފައަކަށް ނުވާތީ ބިރުގަތްފައި ހުރި ޒައިނާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރާލި އެވެ.

"ކީއްވެ؟ ބިރުގަތީތަ؟ އަހަރެން ބުނާނެ އެއްޗެއް ނޭނގޭތީ ޖެހިލުންވީތަ؟" ހިތުގައި އަތް އަޅާފައި އިޝްފާން ވާހަކަ ދައްކަމުން ދިޔައެވެ. ޒައިނާއަށް ވެފައި ހުރި ގޮތުން އަސަރު ކުރިނަމަވެސް، މިވަގުތު ބަލިކަށިވާކަށް އޭނާ ބޭނުމެއް ނޫނެވެ.

"ސޮރީ…" ޒައިނާގެ ދެ ތުންފަތް ފޫ އަޅުވާލަފައި ނުކުތް ލަފުޒާއެކު، އޭނާ ދެލޯ މަރާލިއެވެ.

"ކޮންކަމަކަށް؟" އިޝްފާން ސުވާލުކޮށްލިއެވެ.

"އިޝްފާންއާ މެދު އަހަރެންގެ ހިތުގައި ވާ….. މި ހިތުގައިވާ އިޙްސާސްތައް… ގަސްތަކު… ނޫން…" ޒައިނާ އާގަންނަން ފެށިއެވެ.

"އަހަންނަކީ ޤާތިލެއް. އަޑު އިވިއްޖެ!" އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު، އިޝްފާން ބުނެލިއެވެ. އެ އަޑު އިވުމާއެކު، އިސްއުފުލާލަން ޒައިނާއަށް މަޖުބޫރުވިއެވެ.

"ކިހިނެއްވީ؟ ބިރުގަތީތަ؟ އަހަންނަކީ ޤާތިލެކޭ… ފަސް އަހަރު ޖަލުގަ އޮވެފަ އަހަރެން މިއައީ… " އިޝްފާން އެހެން ބުނެލުމާއެކު، ޒައިނާ ފަހަތަށް ޖެހިލިއެވެ. އިވުނު އަޑު އޭނާއަށް ގަބޫލު ނުކުރެވުނު ފަދައެވެ. ސިކުނޑިވެސް މަސައްކަތްކުރަން ފެށީ އިރުކޮޅެއް ފަހުންނެވެ.

"އި..ޝް…ފާ…ން" ތުރތުރު އަޅަމުން ދިޔަ އަޑަކުން ޒައިނާއަށް ބުނެވުނެވެ.

"މީ ހަޤީގަތް." އިޝްފާން އެކަން ޒައިނާއަށް ޔަޤީންކޮށްދޭން ބޭނުން ވާފަދައެވެ.

"ދެން ކީއްވެ… އަހަރެން ހީކުރީ އިޝްފާންގެ ހިތުގައި ވެސް…." އެ ހިސާބަށް ބުނެފައި ޒައިނާ ހުއްޓާލިއެވެ. އެއަށްފަހު އޭނާ ދާން ހިނގައިގަތެވެ.

"ކީއްވެ އަހަރެން އަނިޔާއިން ސަލާމަތްކޮށްދިނީ…" އިޝްފާން ފަސްދީ ދަމުން ޒައިނާ ބުނެލިއެވެ. އިޝްފާން އަކީ އޭހާ ގޯސް މީހެއް ނަމަ އޭނާ ސަލާމަތް ކޮށްދޭން މަސައްކަތްކުރީ ކީއްވެހެއްޔެވެ؟ ކޮންމެ ފަހަރަކު އޭނާގެ ހިމާޔަތަށް ނުކުންނަނީ ކީއްވެހެއްޔެވެ؟ އެ ސުވާލުތަކަށް ޖަވާބު އޭނާ ބޭނުމެވެ. އެހެންނަމަވެސް ކިހިނެއް ހެއްޔެވެ؟ ހިތާ ދިމާ މޭގަ އަތް އަޅާލައިގެން ހުރެ ގޮސް ގޭތެރެއަށް ވަތް ޒައިނާ އެދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލާ ދޮރުގައި ލެނގިލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު