ފޮންސޭކާގެ އަސްކަރީ މަގާމާއި ޝަރަފުތައް ނިގުޅައިގަތުމަށް އަސްކަރީ ކޯޓުން ކުރި އަމުރާ ދެކޮޅަށް އިސްތިއުނާފު ކުރުމަށް އޭނާ ނިންމައިފި

ލަންކާގެ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ސަރަތު ފޮންސޭކާގެ އަސްކަރީ މަގާމާއި ޝަރަފުތަކާއި އަދި މެޑަލުތައް އޭނާގެ ކިބައިން ނިގުޅައިގަތުމަށް އަސްކަރީ ކޯޓުން ކުރި އަމުރު އިސްތިއުނާފްކުރުމަށް ފޮންސޭކާގެ ޑިމޮކްރެޓިކް ނޭޝަނަލް އެލެއަންސް ނުވަތަ ޑީއެންއޭ އިން ނިންމައިފި އެވެ.


ޑީއެންއޭގެ ތަރުޖަމާނު މިކަން އިއުލާނުކޮށްފައި މިވަނީ، ފޮންސޭކާގެ މައްޗަށް ތުހުމަތުކުރެވޭ 41 ކޮރަޕްޝަނުގެ މައްސަލައިގެ ދައުވާ އެޓާނީ ޖެނެރަލްގެ އޮފީހުން އުފުލުލާފައި ވަނިކޮށެވެ.  


ފޮންސޭކާއާ ދެކޮޅަށް ކޮލޮމްބޯ ހައިކޯޓަށް ލަންކާ ސަރުކާރުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ގަވާއިދާ ޚިލާފަށް ވަޒީފާއިން ވަކިވި ލަންކާ ސިފައިންނަށް ވަޒީފާ ހަމަޖައްސައިދީ، އެ މީހުންނަށް މުސާރަ އާއި އިނާޔަތް ދިނުން ހިމެނެ އެވެ.   


ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ވެސް ފުރުއްވަމުން ގެންދަވާ އުމުރުން 59 އަހަރުގެ ފޮންސޭކާގެ ރޭންކާއި، ޕެންޝަން އަދި ހުރިހާ މެޑަލްތަކެއް އޭނާގެ ކިބައިން ނިގުޅައިގަތުމަށް އަސްކަރީ ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރާނީ މަދަނީ ކޯޓެއްގައި ކަމަށް ޑީއެންއޭގެ ތަރުޖަމާނު އަނޫރާ ކުމަރަ ޑިސަނަޔަކާ ވިދާޅުވެފައިވެ އެވެ.  އޭނާ ވިދާޅުވީ، އަސްކަރީ ކޯޓުތަކުގެ އަމުރުތައް މަދަނީ ކޯޓުތަކުން ބާތިލްކޮށްފައިވާކަން ލަންކާގެ ތާރީޚުން އެނގެން އޮންނާނެ ކަމަށެވެ.   


އަދިވެސް ސިފައިންގެ ބެލުމުގެ ދަށުގައި ހުންނެވި ޖެނެރަލް ސަރަތު ފޮންސޭކާ ސިފަކުރައްވާ ގޮތުގައި އޭނާގެ މައްޗަށް އަސްކަރީ ކޯޓުން އިއްވި ހުކުމަކީ ގަބޫލުނުކުރެއްވޭނެ ބޮޑު "ޖޯކެއް" އެވެ. އަދި އޭނާގެ ޕާޓީން ވެސް ތަކުރާރުކޮށް ބުނަމުންދަނީ، ޑިފެންސް ލޯޔަރުގެ ގައިރު ހާޒިރުގައި ކުރިއަށްގެންދިޔަ އެ ޝަރީއަތުގެ ނިންމުމަކީ ގައިރު ޤާނޫނީ ނިންމުމެއް ކަމަށެވެ.


ސަރަތު ފޮންސޭކާގެ މައްޗަށް އަސްކަރީ ކޯޓުން ކުރި ހުކުމާ ގުޅިގެން ލަންކާގެ ޤާނޫނު ހަދާ މަޖިލިސްތެރޭގައި، ސަރުކާރާއި އިދިކޮޅު މެމްބަރުންގެ މެދުގައި ދަނީ ހޫނު ބަހުސްތަކެއް ކުރެވެމުންނެވެ. އަދި ފޮންސޭކާގެ ސަޕޯޓަރުން ދަނީ މިކަމާ ދެކޮޅަށް މަގުތަކުގައި އަޑުވެސް އުފުލަމުންނެވެ.  


ލަންކާގައި ޖެނުއަރީ މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް މަހިންދަ ރާޖަޕަކްސާއާ އެންމެ ގާތުން ވާދަކުރެއްވި ސަރަތު ފޮންސޭކާ އެވެ. އިންތިހާބުގެ ކުރިން ފޮންސޭކާ އާއި ރައީސް މަހިންދަ ރާޖަޕަކްސައަކީ ކިތަންމެ ގާތް ދެ ބޭފުޅުން ކަމުގައި ވީނަމަވެސް، އިންތިހާބު ކައިރިވަމުން އައި ދުވަސްވަރު ފޮންސޭކާ ވަނީ އަސްކަރިއްޔާ އިން ވަކިވެވަޑައިގެން، ރައީސް ރާޖަޕަކްސައާ ފެއަށް ޖެހިވަޑައިގެންފަ އެވެ. އަދި އިންތިހާބުގެ ތެރޭގައި ވެސް އަދި ފަހުންވެސް ސަރުކާރަށް ވަރަށް ބޮޑަށް ފަޑުވިދާޅުވަމުން ގެންދަވަނިކޮށް، އޭނާ ހައްޔަރުކުރީ މިދިޔަ މާޗް މަހު އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު