ޓޫރިޒަމް، ޒަމާންވީ ގޮންޖެހުންތަކުގައި ބަނދެވިފައި

ސަރުކާރުގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީން އައްޑު އަތޮޅުގައި ހެދި ހެރެތެރެ ރިސޯޓް ހިނގައިގަންނަ ގޮތެއް ނުވެ އެވެ. ކޮންމެވެސް ސަބަބަކާ ނޫނީ ސަބަބުތަކަކާ ހުރެ އެ ރިސޯޓް އޮންނަނީ ހުހަށެވެ. އެއީ އާދައިގެ ކަމެއް ނޫނެވެ. މަލްޓި މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކުން ފައިދާއެއް އަދި އޮޓަރެއް ނުނެރެވޭ ނަމަ އެއީ ސީރިއަސް މައްސަލަ އެކެވެ. އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓާ މުހަންމަދު މަތީން ސަން އޮންލައިން އަށް ދެއްވި ހާއްސަ އިންޓަވިއުގައި އެ ރަށަށް ދިމާވެފައި ހުރި ބައެއް މައްސަލަތައް ފާހަގަ ކުރެއްވި އިރު އެ ރަށް ހިނގައި ނުގަތުމަށް ދިމާވެފައި ހުރި ބޮޑަތި މައްސަލަތަކުގެ އަޑީގައި ވަނީ ހަމަ އެކަނި ހެރެތެރެ ނޫންކަން ފާހަގަކުރެއްވި އެވެ. މަތީން ވިދާޅުވާ ގޮތުން އެއީ އުތުރާއި ދެކުނުގައި ހުރި ގިނަ ރިސޯޓްތަކަކަށް ކުރިމަތިލާންޖެހިފައިވާ މައްސަލަތަކެކެވެ. އޭނާ ވިދާޅުވީ އައްޑު އަތޮޅަކީ ރާއްޖޭގެ އެންމެ ދެކުނު ކަމަށް ވެ، ޓޫރިސްޓުން ގެންދިޔުމަށް ކުރަން ޖެހޭ ހަރަދާއި ދަތިތައް ބޮޑުވުމުން ހެރެތެރެ ފަދަ ރަށަކުން ފައިދާއެއް ނެރެވޭނެ ޖާގަ ވަރަށް ބޮޑަށް ހަނިވުމުގެ މައްސަލަ އެވެ.

"މައްސަލައަކީ ހެރެތެރެ ޕޮޓެންޝިއަލް ޕްރޮޑަކްޓަކަށް ނުވުމެއް ނޫން، މައްސަލައަކީ އެ ރަށަށް ޓޫރިސްޓުން ދާން މިޖެހެނީ މާލޭ އެއާޕޯޓަށް އައިސްފައި އަނެއްކާ ކޮންމެވެސް ގޮތަކުން ބޮޑު ހަރަދުކޮށްގެން ހެރެތެރެއަށް. އެކަމަކު އެއަށް ވުރެ ކައިރީގައި އެބަހުރި އެކްސެސްވާނެ ރިސޯޓްތައް. އެއީ އުތުރާއި ދެކުނުގެ ގިނަ ރިސޯޓްތައް ސްޓްރަގުލް ކުރަން ޖެހޭ މައްސަލައެއް. އަނެއްކާ ފަތުރުވެރިން އެގޮތަށް ޓްރާންސިޓް ކުރަން ޖެހޭ އިރު އެއާޕޯޓްގައި ނެތް ރަނގަޅު ޓްރާންސިޓް ފެސިލިޓީތަކެއް. އެހެންވީމައި އެތަނަށް [ހެރެތެރެ] ކަހަލަ ތަންތަނަށް މާކެޓް ހޯދޭނީ ކިހިނެތްތޯ؟" މަތީނު ސުވާލުކުރެއްވި އެވެ.

މެދު ރާއްޖެތެރޭގެ ރިސޯޓްތަކަށް އެ މައްސަލައެއް ނެތެވެ. އެކަމަކު ރާއްޖޭގެ އުތުރާއި ދެކުނުގައި ހުރި ދަތުރުފަތުރުގެ ދަތިކަމާއި އަގު ބޮޑުކަމާ ހުރެ ރިސޯޓްތައް އަބަދުވެސް އުޅެން ޖެހެނީ ތާށިކަމެއްގަ އެވެ. ޓޫރިޒަމް މިނިސްޓްރީން ވެސް އެކަން ގަބޫލުކުރައްވަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މަލީހު ޖަމާލް ވިދާޅުވީ އުތުރާއި ދެކުނުގެ ރިސޯޓްތަކަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުގެ މައްސަލަ އެވެ. މިސާލަކަށް މަލީހު ވެސް ނެންގެވީ ހެރެތެރެ އެވެ. އޭނާ ވިދާޅުވީ ހެރެތެ އޮޕަރޭޓް ކުރެވެން އަންނަނީ ސީދާ ގަމަށް ޓޫރިސްޓުން ގެންދެވިގެންނެވެ. އެތަނަށް ޗާޓާ ފްލައިޓްތައް އޮޕަރޭޓް ކުރެވިގެންނެވެ. އެކަމަކު އެ ލަނޑުދަޑިއަށް ވާސިލުވުމަށް ވެސް ކުރިމަތިވަނީ އިތުރު ހުރަސްތަކެކެވެ.

"މިސާލަކަށް ހެރެތެރެ؛ އެއީ ޕޮޓެންޝިއަލް ހުރި ޕްރޮޑަކްޓެއް، އެތަނުގައި ވެސް މިދިމާވާ މައްސަލައަކީ ޗާޓާ ފްލައިޓްތައް އޮޕަރޭޓް ނުކުރެވުން ސީދާ ގަމަށް، އެކަމަކު އެކަމަށްވެސް ދިމާވާ މައްސަލައަކީ އެ ސަރަހައްދުގައި އެވަރަށް ފްލައިޓް އޮޕަރޭޓް ކުރަން އެނދުނެތުން، އެއީ 3000 އެނދު ބޭނުންވޭ ޗާޓާ ފްލައިޓްތައް ގަމަށް ގެންނަން. އެކަމަކު އެ ސަރަހައްދުގައު މިއިނީ 1000 އެނދު. ރާއްޖޭގެ އުތުރާއި ދެނކުނުގައި ދަތުރުފަތުރުގެ އިންފްރާ ސްޓްރަކްޗާ މިވަނީ ފުޅާ ކުރަންޖެހިފައި. ރީޖަނަލް އެއާޕޯޓްތައް އަވަސް މުސްތަގުބަލެއްގައި އޮޕަރޭޝަނަށް ގެންނަން ޖެހޭ،" މަލީހު ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމް ފެށުނީއްސުރެ ވެސް އަބަދުވެސް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކެކެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި ހުރި ރިސޯޓްތައް ހުރީ އެކަހަލަ މަޅީގައި ބަނދެވިފަ އެވެ. އަދި ދަތުރު ފަތުރުގެ ދަތިކަމުގެ ވާހަކައިން އެކަނި ފުއްދާލެވޭކަށް ވެސް ނެތެވެ. އެ ގޮންޖެހުންތައް ހުރީ އެއަށް ވުރެ ވެސް މާމަތީލެވަލްއެއްގަ އެވެ.

އެމްޓީޑީސީގެ އެމްޑީ މަތީނު ވިދާޅުވާ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ހުރި ރިސޯޓްތަކަށް ބުކިންސް ހެދުމުގައި ވެސް ދަތިތަކެއް އެބަހުއްޓެވެ. އޭނާ ވިދާޅުވީ ޗައިނާ ފަދަ ބައެއް ގައުމުތަކުގެ ޓްރެވަލް އެޖެންޓުންގެ ބުކިންސް ސިސްޓަމްތަކުން ރާއްޖޭގެ ބައެއް ރިސޯޓްތަކަށް އެކްސެސްކުރެވޭކަށް ނުހުރެ އެވެ. ރާއްޖޭގެ ރިސޯޓްތައް ދުނިޔެއާއި އެކަހެރި ވުމަކީވެސް ވަރަށް ސީރިއަސް މައްސަލަ އެކެވެ.

"އެއްކަލަ ޗައިނާގައި ހުންނަ ޓްރެވަލް އެޖެންޓް މީހާގެ ސިސްޓަމުން މިކޮޅަށް [ރާއްޖޭގެ، ހެރެތެރެއަށް] އަންނަން ބުކިންސް ހަދާލެވޭނެ ގޮތެއް ނުހުރޭ. ރާއްޖޭގެ އަމިއްލަ އެއާލައިންއެއް ނެތީމާ ކަމަށް ބެލެވޭނީ އެ ދަތިކަން އެ އޮތީ. އެއީ މިހާރު މި އޮންނަ ނިޒާމަކީ ޓޫރިސްޓު މީހާ އޮންލައިންކޮށް ގައުމުގައި އިދެލައިގެން ބުކިންސް ހަނދާލުން. އެކަމަކު އެއްކަލަ އޮންލައިންކޮށް ރާއްޖެ އަށް އަދިވެސް ބައެއް ތަންތަނުން ބުކިންސް ހެދެން ނެތީމައި އެ މައްސަލަ އެބަދިމާވޭ،" މަތީނު ވިދާޅުވި އެވެ.

ރާއްޖޭގެ އަމިއްލަ އެއާލައިނެއްގެ ގޮތުގައި އެއާމޯލްޑިވްސް އޮތް ނަމަވެސް މައްސަލަތަކުގައި އެ އެއާލައިން ވެސް އެންމެ ފަހުން ބަގުރޫޓްވެގެން ދިޔައީ އެވެ. ރާއްޖޭގެ އެއާލައިން އެކޭ ކިޔެންވެސް މިވަގުތަށް އޮތީ މެގަ މޯލްޑިވްސް އާއި މޯލްޑިވިއަން އެވެ. މޯލްޑިވިއަންގެ ވާހަކަ ނުދައްކާ އިހަށް ބާއްވަމައި ހިނގާށެވެ. އެދެ ކުންފުންޏަށް ވެސް ރާއްޖޭގެ މުޅި ޓޫރިޒަމަށް ކޭޓާ ކުރެވޭނެ ވަރަށް ފްލީޓްތަކެއް ހޯދިފައެއްނެތެވެ.

ޓޫރިޒަމް ޒަމާންވީ ދަތިތަކުން އަރައިގަތުމަށް މުހިންމު ގިނަ މަސައްކަތްތަކެއް ވަނީ ކުރަންޖެހިފަ އެވެ. ސްޓޭޓް މިނިސްޓާ މަލީހު ވިދާޅުވީ ރާއްޖޭގެ މުޅި ޓޫރިޒަމްގެ ފޯކަސް ވެސް ބަދަލުކުރަންޖެހޭ ކަމަށެވެ. މުއްސަނދި އަގުބޮޑަތި ޓޫރިސްޓުންނަށް ރާއްޖެ އަމާޒުކުރުމަށް ވުރެ ބޮޑަށް މެދުފަންތީގެ ޓޫރިޒަމްގެ މުހިންމު ކަން ވެސް ބޮޑުވެފައިވާކަން މަލީހު ފާހަނގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް މިހާ ހިސާބަށް އައި އިރު ވެސް އަބަދުވެސް އަގު ބޮޑަތި ޓޫރިސްޓުންނަށް ރާއްޖެ ހާއްސަ ކުރެވިފައި އޮންނަނީ. އެކަމަކު އެ ވިސްނުން ބަދަލުކޮށްލައި މެދު ފަންތީގެ ޓޫރިސްޓުންނަށް ވެސް އަމާޒު ހިފަންޖެހޭ. އޭރުން އަޅުގަނޑުމެންނަށް މި މާކެޓް ކޮންޑިޝަންގައި ވާދަކުރެވޭނީ، ހުރިހާ މާކެޓަކަށް ޓާގެޓް ކޮށްގެން،" މަލީހު ވިދާޅުވި އެވެ.

ޓޫރިޒަމައިގެން ކުރިއަށް ހިނގައިގަތުން ނޫން ގޮތެއް ރާއްޖެ އަށް މިއަދުވެސް ނެތް އިރު ރާއްޖޭގެ ޓޫރިޒަމްގެ ސެކްޓާ ހުރީ ޒަމާންވީ ހުރަސްތަކެއްގައި ބަނދެވިފަ އެވެ. އެއީ ރާއްޖޭގެ އުތުރާއި ދެކުނުން ފެންނަ ހަގީގަތެވެ. އުތުރާއި ދެކުނުގެ ޓޫރިސްޓު ރިސޯޓްތައް އިތުރަށް ފުޅާކޮށް ނަލަ ކުރުމަށް ޓޫރިޒަމަށް ދިމާވެފައި ހުރި ޒަމާންވީ ހުރަސްތައް ނައްތާލަން ޖެހެ އެވެ. އެއީ ޓޫރިޒަމައިގެން ކުރިއަށް ދިޔުމަށް ރާއްޖެއަށް އޮތް ހަމައެކަނި ހައްލެވެ.

"އެ ހުރަސްތައް އަޅުގަނޑުމެން ޖެހޭނީ ގިރާކުރަން، އެގޮތުން އަޅުގަނޑުމެންނަށް ރާއްޖޭގެ ޓޫރިޒަމް މާބޮޑަށްވެސް ފުޅާ ކުރެވޭނެ،" މަލީހު ވިދާޅުވި އެވެ. "އެ ހުރަސްތައް ގިރާކުރަން ކުރަންޖެހޭ މަސައްކަތް ކުރަންޖެހެނީ އަޅުގަނޑުމެން އެންމެން ގުޅިގެން، އަޅުގަނޑުމެންނަށް ފުރުސަތު އެބައޮތް."


ގުޅޭ ޓެގު
comment ކޮމެންޓް